މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 'މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް' (އެމްއެމްޑަބްލިއުއެމް) ގެ ފަރާތުން ފަންޑެއް ހުޅުވައިފިއެވެ.
އެ ޖަމުއިއްޔާއިން ބުނީ އެ ފަންޑަކީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލެވިފައިވާ ފަންޑެއް ކަމަށެވެ.
އެ ފަންޑު ހުޅުވާފައި ހުންނާނީ 48 ގަޑިއިރަށެވެ. އެމްއެމްޑަބްލިއުއެމްއިން ބުނީ މި ފަންޑުގެ ތެރެއިން އެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 14 ބިދޭސީންނާއި، ނިޔާވި 10 ބިދޭސީންގެ އާއިލާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވީހާވެސް ގިނަ ބަޔަކު އެ ފަންޑު މެދުވެރިކޮށް ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް އެ ޖަމުއިއްޔާއިން ވަނީ އެދިފައެވެ.
އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު، ގައުމުތަކަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މަސައްކަތް ކުރަމުންދަނީ ފޮރިން މިނިސްޓްރީއާއި އިންޑިޔާ އަދި ބަންގްލަދޭޝްގެ އެމްބަސީ ގުޅިގެންނެވެ.
އެ ހާދިސާގައި މަރުވެފައިވާ 10 މީހުންގެ ތެރެއިން މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ 9 މީހުންނަކީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.
މަރުވި މީހުންގެ ތެރޭގައި ހަށިގަނޑު ދެނެގަނެވިފައިނުވާ އެކަކު އަދިވެސްވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރާއްޖޭގައި އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ ބަޔަކު މަރުވި ހާދިސާއެވެ. މީގެ ކުރިން 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވިއެވެ.