އަންނަ އަހަރު ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ އާމްދަނީއިން އަންނަ އަހަރުގެ ސަރުކާރުގެ ހިންގުމު ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނެފިއެވެ.
2023 ވަނަ އަހަރުގެ ބަޖެޓަށް އެމްއެމްއޭއިން ދިން ފަންނީ ލަފާގައި ބުނެފައިވާގޮތުގައި ރާއްޖޭގެ މިހާރު ފިސްކަލް ހާލަތަށް ބަލާއިރު އަދި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއިން ރިކަރެންޓު ހަރަދު ހަމަނުޖެއްސޭނެއެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވުން މަޝްރޫއުތަކަށް ބޭނުންވާ ބޭރުފައިސާ ހަމަޖެއްސުމުގައި ދަތިތައް ކުރިމަތިވެފައިވާއިރު ހަމައެކަނި ބޭރުގެ ފައިނޭންސިން ހަމަޖެހިފައިވާ މަޝްރޫއުތައް މިވަގުތު ހިންގުމަށް އެމްއެމްއޭއިން ވަނީ ލަފާދީފައެވެ.
މީގެ އިތުރުން ސަރުކާރުގެ ބަޖެޓުން މަޝްރޫއެއް ހިންގާނަމަ އެ މަޝްރޫއަށް ބޭނުންވާ ބޭރުފައިސާ ލިބޭނެކަން ޔަގީން ކުރުމަށާއި އެގޮތަށް އެކަން ނުވާނަމަ މަޝްރޫއު ހިންގުން ލަސްކުރުމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
"ވަކިން ހާއްސަކޮށް މިދަނޑިވަޅުގައި އިގްތިސާދީ މަންފާ އެންމެ ބޮޑު މަޝްރޫއުތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ މަޝްރޫއުތަކަށް އިސްކަން ދީގެން ޕީއެސްއައިޕީއަށް ކުރާ ހަރަދު ކުޑަކުރުމަކީ ދައުލަތަށް ލިބޭ އާމްދަނީއިން ހަރަދުތައް ހަމަޖެއްސުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި މި އޮތީރިޓީ ދެކެން" އެމްއެމްއޭ ގެ ލަފާައި ބުނެފައިވެއެވެ.
އަންނަ އަހަރަށް ސަރުކާރުން ލަފާކުރީ 42 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.