Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

އަންނަ އަހަރުވެސް ފައިސާ ޗާޕުކުރާތީ ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށްވާނެކަމުގައި ބެލެވޭ: އެމްއެމްއޭ

އަންނަ އަހަރުވެސް ސަރުކާރުން ފައިސާ ޗާޕުކުރާނެތީ ދިވެހި ފައިސާގެ އަގު މިހާރަށްވުރެ ބޮޑަށް ދަށްވުމަކީ އެކަށީގެންވާކަމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅިގެން މަރުކަޒީ ބޭންކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލަފާގައި ފާހަގަކުރި ގޮތުގައި އަންނަ އަހަރުވެސް 4.4 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ސަރުކާރުން ފައިސާ ޗާޕުކުރާނެއެވެ.

ޕަބްލިކް އެކައުންޓް (ޕީބީއޭ) އޯވާޑުރޯކޮށްގެން ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުމުން އިސްތިސްނާކުރަން ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރުގައި ނިންމާފައިވާ ނިންމުން 2023 ވަނަ އަހަރުގެ ނިޔަލަށްވަނީ އިތުރުކޮށްފައެވެ.

ޕީބީއޭ އޯވާޑުރޯކުރުން ނުވަތަ ފައިސާ ޗާޕުކުރުން ހުއްދަކޮށް ދީފައިވާ އިސްތިސްނާ ސަރުކާރުން ބޭނުންކޮށްފައިވާ ގޮތަށް ބަލާއިރު އަންނަ އަހަރުވެސް ބޭރުގެ ފަރާތްތަކުންނާއި ރާއްޖޭގެ އެތެރޭގެ ބާޒާރުން ދަރަންޏަށް ފައިސާ ހޯދުމަށް ދަތިވުމުން، ޗާޕުކޮށްގެން ފައިސާ ނެގޭނެ އެންމެ ބޮޑު މިންވަރު ކަމުގައިވާ 4.4 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަކަށް ސަރުކާރުން ފައިސާ ޗާޕުކުރާނެކަމަށް ބެލެވޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ސަރުކާރުން ޗާޕުކޮށްފައިވާ ފައިސާއަކީ އަނބުރާ އެމްއެމްއޭއަށް ދައްކަންޖެހޭ ފައިސާ ކަމުގައިވާއިރު އެ ފައިސާގެ ތެރެއިން 2.5 ބިލިއަން ރުފިޔާއަކީ ބޮންޑަކަށް ބަދަލުކޮށް ވަރަށް ކުޑަ އިންޓަރެސްޓު ރޭޓެއްގައި 50 އަހަރު ތެރޭގައި އެ ފައިސާ ދައްކާ ގޮތަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށް އެމްއެމްއޭއިން ބުނެފައިވަނީ އެއީ ދެމެހެއްޓެނެވި ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ އެތެރެއިން ފައިސާ ހޯދައިގެންނާއި ފައިސާ ޗާޕުކޮށްގެން ބަޖެޓުގެ ޚަރަދުތައް ހަމަޖައްސަން ފައިސާ ހޯދާނަމަ، އިޤުތިޞާދުގައި ދައުރުކުރާ ފައިސާގެ މިންވަރު އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ބޮޑުވެ، އެކަމުގެ ސަބަބުން ދިވެހި ފައިސާގެ އަގަށް ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

އަދި އެފަދަ ނޭދެވޭ އަސަރު ކުޑަކުރުމަށް އެމްއެމްއޭއިން ހިންގާ އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ހިންގުމަށް އެ ބޭންކުން އިސްކަންދޭނެކަން ފާހަގަކުރުމާއެކު މަރުކަޒީ ބޭންކުން ބުނީ އޯއެމްއޯ ހިނަގްނ ފެށުމުން ބޭންކުތަކުން ސަރުކާރުގެ ޓީބިލުތަކަށް އިންވެސްޓުކުރުން މަދުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުންވެސް ރާއްޖޭގެ ބާޒާރުން ދަރަންޏަށް ފައިސާ ހޯދުމުގައި ގޮންޖެހުންތައް ސަރުކާރަށް ކުރިމަތިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 8.4 ބިލިއަން ރުފިޔާއިން ޑެފިސިޓުވާ ބަޖެޓަކަށްވާއިރު، އަންނަ އަހަރު ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 11 ބިލިއަން ރުފިޔާ ހޯދަންޖެހެއެވެ. އެއިން 4 ބިލިއަން ރުފިޔާ ހޯދަން ނިންމާފައިވަނީ ރާއްޖޭގެ ދާޚިލީ ބާޒާރުންނެވެ.

މި ލިއުމާއި ގުޅޭ