Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ތިލަފުއްޓަށް ބަދަލުނުކުރެވި 18 ކެމިކަލް ގުދަން، ރައީސް ވިދާޅުވީ ބަދަލުނުކުރެވޭ ގުދަނެއް ނެތްކަމަށް

މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެ ތެރެއިން 18 ގުދަން އަދިވެސް ތިލަފުއްޓަށް ބަދަލުކުރެވިފައިނުވާއިރު، މިހާރު މާލޭގައި ކެމިކަލް އެއްވެސް ގުދަނެއް ނުހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގަރާޖު ހުންނަ ސަރަހައްދަށް ވަޑައިގަތުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ކުރީ ކޮޅުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމި ކަމަށެވެ.

އަދި އެ ނިންމުމާ އެއްގޮތަށް މިހާރު މާލޭގައި ހުރި ހުރިހާ ކެމިކަލް ގުދަންތަކެއް ތިލަފުއްޓަށް ބަދަލުކުރެވިފައިވާކަމަށް ރައީސް ވިދާޅުވުމުން މާލޭގައި 18 ކެމިކަލް ގުދަން އެބަހުރިކަމަށް ނޫސްވެރިޔަކު ބުނުމުން ރައީސް ވިދާޅުވެފައިވަނީ މާލޭގައި އެއްވެސް ކެމިކަލް ގުުދަނެއް ހުރެގެން ނުވާނެ ކަމަށެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ބައެއް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރުވެސް މާލެއިން ބޭރުނުކުރެވޭ 18 ކެމިކަލް ގުދަން އެބައޮތް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕުތައް މާލެއިން ބޭރަށް ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުން އެބަ ގެންގުޅޭ ކަމަށެވެ. އެގޮތުން ހުޅުމާލެއިން ބިމެއް ހަމަޖެއްސުމަށް މަޝްވަރާކުރެވެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

2016 ވަނަ އަހަރު މާލޭގައި ހުންނަ ކޯސްޓްލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހުގައި މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތައް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުކުރުމަށް އެއިރުގެ ސަރުކާރުންވަނީ މާލެ ކައިރިން ބޮޑު ބިމެއް ހިއްކާފައިވެއެވެ. އަދި އެތަނަށް ގުދަންތަކާއި ގަރާޖުތައް ބަދަލުކުރުމަށް ރޭވުނެވެ.

އެހެންނަމަވެސް ގުދަންތަކާއި ގަރާޖުތައް ބަދަލުކުރަން ރޭވި ރޭވުން ބަދަލުކޮށް މިހާރު އެތަން ބޭނުންކުރަމުން އަންނަނީ އެފްކޮންސްއިން ބުރިޖުގެ މަސައްކަތްކުރާ ސައިޓެއްގެ ގޮތުގައެވެ.

މި ލިއުމާއި ގުޅޭ