ބޮޑު އަގުގާ ލޯނު ނަގާ ޓެކްސް ބޮޑުކޮށް ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގާކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން އަލީ ހުސައިން ވިދާޅުވީ ބަޖެޓެއް އެކުލަވާލުމުގެ ކުރިން ގައުމެއްގެ ތަރައްގީގެ ޕްލޭން ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ 2014 ވަނަ އަހަރު ފާސްކޮށްފައި އޮންނަ ގާނޫނެއް ބުނާގޮތުން ދިވެހިރާއްޖޭގައި އޭގެ ފަހުން ހެދޭ ކޮންމެ ބަޖެޓެއް ހެދެން ޖެހޭނީ ނެޝަނަލް ޕްލޭނިން ނުވަތަ ދުރުރާސްތާ ގައުމީ ތަރައްގީގެ ޕްލޭނިން ހެދުމަށް ފަހު އެ ތަރައްގީގެ ޕްލޭނުގައިވާ ކަންތައްތައް ހާސިލްކުރުމަށްޓަކާކަމަށާއި ނަމަވެސް މިއަދާ ހަމައަށް ޖެހެންދެންވެސް އެ ނެޝަނަލް ޕްލޭނިން ނުވަތަ ގައުމީ ތަރައްގީގެ ޕްލޭން ހެދިފައި ނެތްކަމަށެވެ.
"ނުކުރެވޭނެ ކަމަކީ އެކަށީގެންވާ ރޭޓެއްގައި ލޯނު ނަގައިގެން ރައްޔިތުންނަށް ބުރަ ނުޖައްސާ ކޮރަޕްޝަނެއް ނެތި އިންސާފުގެ މަގުން ޕްރޮޖެކްޓްތައް ހިންގާ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން" އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ޕަރޮޖެކްޓްތައް ހިންގަން ޖެހޭ ގޮތަށް ހިންގާތަން ނުފެންނަކަމަށާއި ފެންނަނީ ބޮޑު އަގުގާ ލޯނު ނެގާ ޓެކްސް ބޮޑުކުރާ މަންޒަރުކަމަށެވެ.