Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ލިބޭނީ 1.7 ބިލިއަންގެ ހިލޭ އެހީއެއް، ބަޖެޓު ޑެފިސިޓް ބޮޑުވެދާނެ: އެމްއެމްއޭ

ދައުލަތުން އަންދާޒާކޮށްފައިވާ ވަރަށް އަންނަ އަހަރު ހިލޭ އެހީ ނުލިބި، ބަޖެޓު ޑެފިސިޓް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލާފައިވަނީ ހިލޭ އެހީގެ ގޮތުގަ އެވެ.
ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ދިން ލަފާގައި ބުނީ 2020 ވަނަ އަހަރު ނުހިމަނާ ފާއިތުވި ހަ އަހަރު (2017-2022) ގެ ޓްރެންޑުތަކަށް ބަލާއިރު، ހިލޭ އެހީގެ ގޮތުގައި ލިބޭ މިންވަރު، އަންދާޒާކުރާ މިންވަރަށްވުރެ އެވްރެޖްކޮށް 768.6 މިލިއަން ރުފިޔާ ދަށް ކަމަށެވެ.
އަދި ސަރުކާރުން އަންދާޒާކުރާ 2.5 ބިލިއަން ހިލޭ އެހީގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ލިބޭނެ ގޮތުގެ ތަފްސީލު ވެސް ސާފު ނުވާކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އަންނަ އަހަރު ހިލޭއެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ބަޖެޓުކޮށްފައިވަނީ މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އަދަދުގެ 10 އިންސައްތަވެސް ނުލިބި އޮއްވަ އެވެ.

އެމްއެމްއޭއިން ބުނީ ހިލޭ އެހީގެ ގޮތުގައި 2.5 ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުކުރި ނަމަވެސް 2020 ވަނަ އަހަރު ނުހިމަނާ ފާއިތުވި ހަ އަހަރުގެ ޓްރެންޑުތަކަށް ބަލާއިރު ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ބެލެވެނީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ.

"އެހެންކަމުން 2023 ވަނަ އަހަރުވެސް ސަރުކާރުން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ހިލޭ އެހީގެ މިންވަރު ދަށްވެ، މިކަމުގެ ސަބަބުން ބަޖެޓު ޑެފިސިޓްގެ ގޮތުގައި ސަރުކާރުން ހިމަނާފައިވާ 8.5 ބިލިއަން ރުފިޔާ، 768.6 މިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް ބެލެވެ އެވެ،" އެމްއެމްއޭގެ ލަފާގައި ބުންޏެވެ.
ހިލޭ އެހީ އަކީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ އިތުރުން، ދައުލަތުގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށްވެސް ބޭނުންވާ މުހިންމު ފައިސާއަށް ވާއިރު، މިއަހަރުން ފެށިގެން ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީ ކޮންޒަވޭޓިވްކޮށް ބަޖެޓުގައި ހިމެނުމަށް އިސްކަން ދިނުމަށްވެސް އެ އިދާރާއިން ވަނީ ލަފާއަރުވާފަ އެވެ.
މި ލިއުމާއި ގުޅޭ