Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

އަލިފާނުގެ ހާދިސާ: 58 މީހަކު ވަގުތީ ހިޔާތަކުގައި

މ. ނިރުފެހީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެ ރޭ ހިނގި ހާދިސާގައި މިހާތަނަށް 10 މީހުން މަރުވެފައިވާއިރު 58 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފިއެވެ.

މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނެޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާން ރޯވި ގޭގެ އިތުރުން އިތުރު ތިން ގެއަކުން މީހުން ހުސްކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ހަތަރު ގެއަކުން 30 ދިވެހިން މާފަންނު ދަނޑުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާއަށް ގެންދެވިފައިވާއިރު ބިދޭސީންގެ 28 މީހަކު އެތަނަށް ގެންދެވިފައިވެއެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ، އަދި އިންޑިއާ ރައްޔިތުންކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ އެ މީހުން މި ވަގުތު މާފަންނު ދަނޑުގައި ތިބި ނަމަވެސް، އެ މީހުން ބޭއްތިބުމަށް ޖަމާލުއްދީން ސްކޫލްގައި ވަގުތީ ހިޔާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޯރުކެނޑި މަގާއި އިސްކަންދަރު މަގު ގުޅެ ހިސާބުގައި ހުރި ގަރާޖެއްގައި ރޯވެ ހިނގި މި އަލިފާނުގެ ހާދިސާގެ މައުލުމާތު ފުލުހުންނާއި ސިފައިންނަށް ލިބުނީ ރޭ ދަންވަރު 12:27 ގަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މިއަދު ފަތިހު 4:35 ގައެވެ.

އެ އިމާރާތުގެ ރޯވި ފަންގިފިލާތަކުގައި ދިރިއުޅެނީ ބިދޭސީންނެވެ. އެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެކަމަކު އަދިވެސް ބައެއް މީހުން ގެއްލިގެން ހޯދަމުންދާ ކަމަށާއި އިމާރާތުގައި ބައެއް މީހުން ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުންނާއި ސިފައިން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މަރުވި މީޙުންގެ ތެރެއިން އެކަކީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކެވެ. އަނެއް މީހާއަށް އަދިވެސް އަންނަނީ ފަރުވާ ދެމުންވެ.

މިއީ ރާއްޖޭގައި އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވިއެވެ.

މި ލިއުމާއި ގުޅޭ