މި އަހަރުގެ ޙައްޖަށް ގެންދިޔަ ޙައްޖާޖީން ތިބި ހޮޓާތަކަށާއި މުތައްވިފަށް ޖުމްލަ 52.1 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ލިޔުމުން ޖަވާބު ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައި މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.
މެންބަރު ބޮންޑެ ކުރެއްވި ސުވާލުގައި އޮޅުންފިލުއްވަން އެދިވަޑައިގެންފައިވަނީ މި އަހަރުގެ ޙައްޖުގައި މައްކާއާއި މަދީނާގައި ހައްޖާޖީން ތިބި ހޮޓާތަކަށް ކުރި ޚަރަދާއި، އަދި ޙައްޖުވެރިން ދެއްކި ފައިސާގެ އިތުރަށް ދައުލަތުގެ ބަޖެޓުން ފައިސާއެއް ޚަރަދުކޮށްފައިވާނަމަ އެ ފައިސާގެ ތަފުސީލެވެ.
ބޮންޑެގެ ސުވާލަށް މިނިސްޓަރު ޑރ.ޒާހިރު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ޙައްޖުވެރިން މައްކާގައި ތިބި ހޮޓަލަށް ޙައްޖު ކޯޕަރޭޝަނުން ޚަރަދުކޮށްފައިވަނީ ޖުމްލަ 39،692،682 (ތިރީސްނުވަ މިލިއަން ހަލައްކަ ނުވަދިހަ ދެހާސް ހަސަތޭކަ އަށްޑިހަދެހާސް) ރުފިޔާ ކަމަށެވެ.
އަދި މަދީނާގައި ޙައްޖާޖީން ތިބި ހޮޓަލަށް ޖުމްލަ 1،807،000 (އެއް މިލިއަން އަށްލައްކަ ހަތްހާސް) ރުފިޔާ ޚަރަދުވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުތައްވިފަށް 10،640،000 (ދިހަ މިލިއަން ހަލައްކަ ސާޅީސްހާސް) ރުފިޔާ ހޭދަވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ފާހަގަކުރެއްވީ މި އަހަރުގެ ހައްޖަށް އެއްވެސް މީހަކު އަމިއްލަ ގޮތުން ފައިސާ ދައްކައިގެން ގެންގޮސްފައިނުވާ ކަމަށެވެ. އަދި މި އަހަރުގެ ހައްޖުގެ އެއްވެސް ކަމަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއްކޮށްފައިނުވާނެ ކަމަށެވެ.