ސޫރިޔާގެ ސަރުކާރާ ދެކޮޅު ޖަމާއަތްތަކުގެ ބާރުގެ ދަށުގައި އޮންނަ އިދުލިބު ސަރަހައްދުގައި ހުރި ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ސޫރިޔާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި މަދުވެގެން 6 މީހަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
ސޫރިޔާގެ އެކްޓިވިސްޓުންނާއި ހަމަލާދިން ސަރަހައްދަށް އެންމެ ފުރަތަމަ ހާޒިރުވި ކުރީ ސަފުގެ މަސައްކަތްތެރިންނާ ހަވާލާދީ އިނގިރޭސިވިލާތުގައި ހުންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފައިވަނީ ސޫރިޔާ ސަރުކާރުން އިދުލިބުގެ ތެރެއަށް ފޮނުވައިލި 30 އެއްހައި ރޮކެޓުގެ ތެރެއިން ބައެއް ރޮކެޓުތައް މަރާމް ކޭމްޕަށް އަމާޒުކުރި ކަމަށާއި، އެ ރޮކެޓު ހަމަލާގައި ޖުމްލަ 6 މީހުން މަރުވެ، 25 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
އަދި ޖަމްއިއްޔާއިން ބުނީ ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އިދުލިބަށް ހަތަރު ފަހަރެއްގެ މަތިން ހަމަލާދިން ކަމަށެވެ. އެ ޖަމާއަތަކީ 2011 ވަނަ އަހަރުގައި ފެށުނު ސޫރިޔާގެ އިންޤިލާބުގެ ކަންކަން ކައިރިން ބަލައި ރެކޯޑުކުރަމުން އަންނަ ޖަމާއަތެކެވެ.
އެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ސަރުކާރާ ދެކޮޅު ޖަމާއަތްތަކުންވަނީ އިދުލިބުގެ އިރުމަތިން އޮންނަ ސަރާގެބްއާއި އަލްޣާބް ސަރަހައްދުގައި ހުރި ސަރުކާރުގެ އެކި އަމާޒުތަކަށް މިސައިލާއި އާޓިލަރީތައް ބޭނުންކޮށްގެން ހަމަލާދީފައެވެ.
މި ހަމަލާތަކަކީ 2020، މާޗުގައި ރަޝިޔާއާއި ތުރުކީގެ މެދުގައި ވެވުނު ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް ދެވުނު ހަމަލާތަކެކެވެ. އެ އެއްބަސްވުމަކީ ރަޝިޔާގެ މަދަދާއެކު ސޫރިޔާގެ ސަރުކާރުން އިދުލިބަށް ދެމުންއައި ހަމަލާތައް ނިމުމަކަށް ގެނައުމަށް ވެވުނު އެއްބަސްވުމެކެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ތަފާތު އެތައް ފަހަރެއްގެ މަތިން މި އެއްބަސްވުމާ ޚިލާފަށް ސޫރިޔާ ސަރުކާރުން އަމަލުކޮށްފައިވެއެވެ. އެގޮތުން ޖުލައި މަހުގައި ރަޝިޔާއިން އިދުލިބަށް ދިން ހަމަލާތަކުގައި 7 އާންމުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އެއް އާއިލާއަކށް ނިސްބަތްވާ 4 ކުދިންވެސް ހިމެނެއެވެ.
ސޫރިޔާ ސަރުކާރުން ބުނި ގޮތުގައި އެންމެ ފަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިދުލިބުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޖަމާއަތްކަމުގައިވާ އަލްޤާޢިދާއާ ގުޅިފައިވާ ހަޔާތު ތަހުރީރުއް ޝާމްއަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.
ސޫރިޔާގެ ހަނގުރާމައަކީ 2011 ވަނަ އަހަރު ސޫރިޔާ ރައްޔިތުން ސުލްހަވެރިކަމާއެކު ފެށި އިހުތިޖާޖުތަކާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން އާދަޔާ ޚިލާފު އުދުވާނީ ބާރު ބޭނުންކުރުމާ ގުޅިގެން ފެށުނު ހަނގުރާމައެކެވެ.