Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައި

އިނގިރޭސީންނާއި ސައި: ބަދަލެއް ނާންނަ ގުޅުމެއް

ސަޔަކީ އިނގިރޭސިވިލާތުގެ ގައުމީ ބުއިމެވެ. އިނގިރޭސި ރައްޔިތެއް ދިރިއުޅޭ ގެއެއްގައި ސައިފަތާއި ސައިކައްކާނޭ ކުރައެއް ނުހުންނަ ގެއެއް މަދުވާނެއެވެ. އަދި ދުވާލަކު އެތައް ފަހަރެއްގެ މައްޗަށް އެމީހުން ސައި ކައްކައިގެން ބުއިހަދައެވެ. އިނގިރޭސިވިލާތަކީ މީގެ 300 އަހަރުކުރިން މިގޮތަށް ސައި ބުއި އުޅުނު ބައެއް ނޫނެވެ. ދެން އިނގިރޭސީންނާ ސަޔާއި މިހާ ގާތްގުޅުމެއް އުފެދުނީ ކީއްވެގެން ހެއްޔެވެ؟

އިނގިރޭސިވިލާތުގެ ތާރީޚުގެ ތެރެއިން ސައިބުއިމުގެ ޘަގާފަތް

އިނގިރޭސީންގެ މިދަތުރު ފެށެނީ ޝާޙީ ކައިވެންޏަކުންނެވެ. 1662 ވަނަ އަހަރު ރަސްގެފާނު ޗާލްސް 2 އާއި ބްރަގާންޒާގެ އަމީރާ ކެތްރިން ކައިވެނިބައްލަވައިގެން، އެކަމަނާ ޝާޙީ ދަރުބާރުގައި ސައި ހިއްޕެވުމުގެ އާދަ ފެއްޓެވީއެވެ. އެކަމަނާގެ ކުރިން ޝާޙީ އާއިލާގެ ބޭފުޅުން އަދި ދަރުބާރުގެ ހާޒިރީންވެސް ދުވަހުގެ ކެޔުމުގެ ވަގުތުގައި ނޫނީ ބުއިންތައް ބައްލަވައެއް ނޫޅެއެވެ. އެހެންނަމަވެސް، އެކަމަނާ މެންދުރުކެޔުމާއި ރޭގަނޑުގެ ކެޔުމާއި ދޭތެރޭގައި ސައިފޮދު ހިއްޕަވާ ދަރުބާރުގެ އެހެން ބޭފުޅުންނަށް ސައިގަޑި ވެދުންކުރަން ފެއްޓެވިއެވެ.

ސައިބުއިމުގެ އާދަ އިނގިރޭސީންގެ ތެރޭގައި ފެށުނީ ޝާޙީކަމެއްގެ ގޮތުގައެވެ. ހައިބަތު ބޮޑު، މުހިންމު މީހުންގެ ތެރޭގައި އެމީހުންގެ އިސްކަމުގެ ސިފައެއްގެ ގޮތުގައެވެ. އިނގިރޭސިވިލާތަށް އެންމެ ފުރަތަމަ ސައިފަތް އެތެރެކުރީ އީސްޓް އިންޑިއާ ކުންފުނިން 17 ވަނަ ގަރުނުގައެވެ. އަދި އެގައުމުގައި ސައިފަތުގެ ވިޔަފާރި ފަށާފައިވަނީ 1717 ވަނަ އަހަރު، ތޯމަސް ޓްވިނިންގް ނަމަކަށް ކިޔާ މީހެކެވެ. މުޅި ގައުމަށް ސައިބުއިމުގެ ސަގާފަތް ފެތުރުނީ ސައިފަތުން ނަގަމުން އައި ޓެކްސް ކުޑަކޮށް، ސައިފަތް ވިއްކުމަށް މިފިހާރަތައް ހުޅުވުމާއެކު އެންމެނަށްވެސް ފަސޭހައިން ސައިފަތް ގަންނަން ލިބެން ފެށުމުންނެވެ.

އިނގިރޭސީންގެ ހިތުގައި ތަފާތު ސައިގެ ބާވަތްތަކަށް އޮތް ލޯބި އިތުރުވެގެންދިޔައީ އިންޑިއާ އިނގިރޭސީގެ އިސްތިއުމާރުގެ ދަށުގައި އޮތްދުވަސްވަރުގައެވެ. އިނގިރޭސި ވެރިކަމެއް އިންޑިއާގައި ކުރުމަށް އެގައުމުން އަޒުމް ކަނޑައެޅީވެސް ސައިފަތުގެ ދަހިވެތިކަމުގައި ކަމަށް ތާރީޚު ލިޔުއްވާ ބޭފުޅުން ހެކިދޭއިރު، ސައިފަތަކީ އެއިރު ވަރަށް އަގުބޮޑު ވިޔަފާރި މުދަލެކެވެ.

މިއަދުގެ ތަފާސްހިސާބުތަކުން

އީސްޓް އިންޑިއާ ކުންފުނިން އިނގިރޭސިވިލާތުގެ ސައިފަތުގެ ބާޒާރު ފަތަޙަކުރުމާއެކު، އެގައުމުގައި ކޮފީއާއި، ޗޮކުލެޓު އަދި ބަނގުރަލަށްވުރެވެސް ބާރަށް ވިކޭ އެއްޗަކަށް ސައިފަތް ބަދަލުވިއެވެ. މިގޮތުން ކޮންމެ އަހަރަކު އިނގިރޭސިވިލާތުގައި 1.9 ކިލޯގެ ސައިފަތުގެ ސައި، ސައިބުއިމަށް ލޯބިކުރާފަރާތްތަކުން ބޯނެކަމަށް ލަފާކުރެވެއެވެ.
ދިރާސާއަކުން ދައްކާގޮތުގައި އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް 100 މިލިއަން ތަށި ސައި ބޮއެވެ. އެއީ އަހަރަކަށް ބަލާނަމަ 36 ބިލިއަން ތަށްޓެވެ. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ސައި ބޭނުންކުރާ ގައުމެވެ. އަދި 2020 ވަނަ އަހަރު ސްޓެޓިސްޓާއިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އިނގިރޭސިވިލާތުގެ 7.45 މިލިއަން މީހުންނަކީ ދުވާލެއްގެ މައްޗަށް 4 ތަށި ސައި ބޯ ބައެކެވެ. އަދި ދަ ގްރޯސާގެ ދިރާސާއަކުން ދައްކާގޮތުގައި ސައިބޯ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ދުވާލެއްގެ މައްޗަށް މަދުވެގެން 6 ތަށި ސައިބޯ މީހެކެވެ.

އިނގިރޭސިވިލާތުގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެމީހުންނަނީ ސަޔަށް ދެވިހިފާފައި ތިބި ބައެކެވެ. އެގޮތުން 25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާގެ 29 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި އެމީހުންނަށް ސަޔާއި ނުލައި ނޫޅެވޭނެއެވެ. އަދި އެންމެ ގިނަ މީހުން ސައިބޯ ގަޑިއެއްކަމަށް ގަބޫލުކުރަނީ ހެނދުނުގެ ވަގުތުގައެވެ. ދެން ހަވީރުގެ ވަގުތުގައެވެ. އިނގިރޭސިވިލާތު ރައްޔިތުންގެ ހުރިހާ އުމުރުފުރާއެއްގެ މީހުންގެ މެދުގައިވެސް އެންމެ މަގުބޫލުކަމަށް ދައްކަނީ ކަޅު ސައެވެ. ކަޅު ސަޔަކީ އޭގައި ހުންނަ އެންޓި އޮކްސިޑެންޓްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާއެއް ކަމަށްވާ ފްރީ ރެޑިކަލްސް ނައްތާލާ ހަށިގަނޑު ޓޮކްސިންތަކުން ސަލާމަތްކުރާ އެއްޗެކެވެ. އޭގެ ސަބަބުން ކެންސަރުފަދަ ބޮޑެތި ބަލިތަކުން ސަލާމަތްވުމަށް މަސައްކަތްކޮށްދެއެވެ. އަދި ގިނަގިނައިން ސައި ބުއިމަކީ ބަނގުރާ ބުއިމުން ދުރުކޮށްދީ ލިވަރުގެ ބަލިތަކުން ރައްކާތެރިކޮށްދޭކަމެއް ކަމަށްވެސް ދިރާސާވެރިން ބުނެއެވެ.

އިނގިރޭސިވިލާތުގައި ބޭނުންކުރަނީ ކޮން ސައިފަތެއް؟

އިނގިރޭސިވިލާތުގައި ތަފާތު ރަހަތަކާއި، ކުލައާއި ވައްތަރުގެ 1500 އަށްވުރެ ގިނަ ބާވަތުގެ ސައިފަތް ބޭނުންކުރެއެވެ. އެގޮތުން އިންޑިއާ ސައިފަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ދާރްޖީލިންގްއާއި، ސިލޯނު ޓީއާއި، އައްސާމް ސައިފަތެވެ. އަދި ޗައިނާ ސައިފަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ލަޕްސަންގް ސޫޗޮންގްއާއި ޔުނާން ބާވަތުގެ ސައެވެ.
އިންޑިއާއާއި ޗައިނާގެ އިތުރުން އެހެން އެތައް ގައުމެއްގެ ފެހި، ހުދު އަދި އާރބަލް ސައިފަތްތައް އިނގިރޭސިވިލާތުގައި ބޭނުންކުރާއިރު ސައި ތައްޔާރުކުރުމަކީވެސް އިނގިރޭސީން ހާއްސަ ސަމާލުކަމެއްދޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

އިނގިރޭސިން ސައި ހަދަނީ ކިހިނެއް؟

ފުރިހަމަ ސައިތައްޓެއްގައި އެތައް ސިފައެއް ހުންނަންޖެހޭކަމަށް އިނގިރޭސީން ގަބޫލުކުރާއިރު އެންމެ ފުރަތަމަ އެއްޗަކީ ސައިފަތެވެ. ފަތް ގޮތަށް ހުންނަ ސައިފަތެވެ. ސައިފަތް ޕެކެޓެއްނޫނެވެ. އަދި ސައިފަތް ޕައުޑަރެއްވެސް ނޫނެވެ. އެމީހުން ދެކޭގޮތުގައި ހަގީގީ ސަޔަކީ ކަޅު ސައެވެ. އެއީ ކެމެލިއާ ސިނެންސިސް ގަހުން ނަގާ ހިއްކާފައިވާ ފަތުގެ ކަޅުސައެވެ.
އެންމެ ފުރަތަމަ ކުރައަކަށް ފެން އަޅަނީއެވެ. ދެން ކައްކަނީއެވެ. އަދި ކެކެން ފެށުމުން ސައި ޖޯޑު ހޫނުކޮއްލުމަށްޓަކައި ޖޯޑަށް ކެކުނު ފެންފޮދެއް އަޅައި ވަށާއިގެން ހަލުވާލުމައްފަހު އުކާލާނީއެވެ. އެއަށްފަހު ކޮންމެ މީހަކަށް ސައިފަތް ސައިސަމުސަލަކާއި، ކުރައަށް ސަމުސަލެއްގެ ހިސާބުން ސައިފަތް އެޅުމަށްފަހު 3-4 މިނެޓު ވާންދެން ބަހައްޓެއެވެ. އަދި ސައި ފުރޭނިއެއްގެ ތެރެއިން ޖޯޑަށް އެސައި އަޅަނީއެވެ.

ބައެއްމީހުން ސަޔަށް ކިރު އަޅައިގެން ބޯއިރު އަނެއްބައި މީހުން ބޮނީ ކިރު ނާޅައެވެ. އަދި ކިރު އަޅާ މީހުންގެ ތެރޭގައި ކުރެވޭ އެއް ބަހުހަކީ ކިރު އަޅާނީ ސަޔަށްތޯ ނުވަތަ ސައި އަޅާނީ ކިރަށްތޯ ކުރެވޭ ބަހުސެކެވެ.

މި ލިއުމާއި ގުޅޭ