3 ނޮވެމްބަރު 1988 ގައި ރައީސް މައުމޫނު އަވަހާރަކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުންގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކު އެދުނު ކަމަށް އެ އުދުވާނީ ހަމަލާގެ އެއް މޭސްތިރި ހާޖަރާގެ އަބްދުﷲ ލުތުފީ ބުނެފިއެވެ.
ޖަލުގައި ހުރެ "ދިޔަރެސް" އަށް ފޯނުން ދިން ބަސްދީގަތުމެއްގައި ލުތުފީ ބުނިގޮތުގައި 3 ނޮވެމްބަރު ހަަމަލާގެ ހުރިހާކަމެއް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ސިއްކަ އިސްމާއިލް އަހުމަދު މަނިކުކަމަށެވެ. އަދި އެކަން ކުރިއިރު ސިއްކަ އަކީ އޭނާގެ ވިޔަފާރި ޕާޓްނަރުކަމަށް ލުތުފީ ބުންޏެވެ. މިގޮތުން ދެމީހުން ގުޅިގެން ލަންކާގައި އަސްދޫނި ފާމެއް ހިންގިކަމަށް ލުތުފީ ބުންޏެވެ.
"އަޅުގަނޑު ކައިރީ ބުނީ އެންމެ ފުރަތަމަވެސް ގޮސް މައުމޫން މަރާލާށޭ" ލުތުފީ ބުންޏެވެ.
އެ އުދުވާނީ ހަމަލާއަށް ސީދާގޮތުން ސިއްކަ ޚަރަދު ނުކުރިނަމަވެސް ދެމީހުން އެކުގައި ކުރި ވިޔަފާރިން ލިބޭ ފައިސާ އެކަމަށް ބޭނުންކޮށްފައިވާނެ ކަމަށާއި ސިއްކައަށް ހުރިހާކަމެއް އެނގޭނެ ކަމަށް ލުތުފީ ބުންޏެވެ. އަދި އެކަން އެނގުމުގެ އިތުރުން އެކި ގޮތްގޮތުން ހިތްވަރުވެސް ދިންކަމަށް ލުތުފީ ބުންޏެވެ. މިގޮތުން ރައީސް މައުމޫނުގެ ނުލަފާ ވާހަކަދައްކައި ވެރިކަން ބަދަލުކުރަން ޖެހޭކަމަށް ސިއްކަ ވަރަށް ބޮޑަށް ވިސްނައި ދިންކަމަށް ލުތުފީ ބުންޏެވެ.
"ސިއްކަ ވަރަށް ބޮޑަށް ދަރު އެޅި" އެ ހަމަލާއަށް ތައްޔާރުވަމުން ދިޔައިރު ސިއްކަގެ ދައުރު ކިޔާދެމުން ލުތުފީ ބުނެފައިވެއެވެ.
މީގެ އިތުރުން އޭރުގެ ފޮރިން ސެކެޓްރީއަކަށް ހުރި އިބްރާހިމް ހުސެއިން ޒަކީ މެދުވެރިކޮށް ހަމަލާއަށް މުހިންމު މައުލޫމާތުތައް ވެސް ސިއްކަ ފޯރުކޮށްދިންކަމަށް ލުތުފީ ބުންޏެވެ. މިގޮތުން ސިއްކަ އާއި ޒަކީ އަކީ ވަރަށް ގާތް ދެމީހުން ކަމަށާއި ސިއްކަ ކުރާ ހުރިހާ ސުވާލަކަށް ޒަކީ ޖަވާބުދޭ ކަމަށް ލުތުފީ ބުންޏެވެ. ނަމަވެސް ޒަކީއަށް ހަމަލާއާއި ގުޅޭ މައުލޫމާތު ނޭނގޭނެ ކަމަށް ލުތުފީ ބުންޏެވެ. އަދި ސިއްކަ އެ މައުލޫމާތުތައް ހޯދަނީ ލުތުފީއަށް ދޭންކަންވެސް ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ.
ލުތުފީއަށް ސިއްކަ އެހީވީ ސިއްކަ އަމިއްލައަށް ވެރިކަމަށް އަންނަންތޯ ސުވާލުކުރުމުން ލުތުފީ ބުނިގޮތުގައި، އެކަން ކުރީ އެގޮތަށް ކަމަށް ނުބެލެވޭކަމަށެވެ. "މައުމޫނުގެ މައްސަލަތައް ހުންނާތީ، ރަނގަޅު ވެރިއަކު ހޯދަން، ނޫނީ އިންތިހާބެއް ބާއްވަން ސިއްކަވެސް ބޭނުންވީ" ލުތުފީ ބުންޏެވެ.
3 ނޮވެމްބަރު މައްސަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް 2 އަހަރެއްހާ ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ބޭސް ފަރުވާއަށް އިންޑިއާގައި 4 ވަރަކަށް އަހަރު ހޭދަކުރިއެވެ. އެއަށްފަހު ބައިޕާސްއެއް ހަދަން ލަންޑަނަށް ގޮސް އެފަހުން ރާއްޖެއައިސް ރައީސް މައުމޫން ވަނީ ސިއްކަ މިނިވަންކޮށްފައެވެ.
3 ނޮވެމްބަރުގެ މައްސަލާގައި ލުތުފީ އުމުރަށް ޖަލަށްލާފައި ވަނިކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަގޮތަށް ލުތުފީ ހުރީ ލަންކާގައެވެ. އަދި އެފަހުން ލަންކާގައި ހިނގި އީސްޓަރ ބޮމުގެ ހަމަލާއަށްފަހު ލުތުފީ އުޅުނީ ކޮލޮމްބޯގައި ހުންނަ ދިވެހިރާޢްޖޭގެ އެމްބަސީގައި ސަރުކާރުގެ ހިމާޔަތުގައެވެ. އެކަން ފަޅާއެރުމުން ސަރުކާރުން ވަނީ އޭނާ އަނބުރާ ރާއްޖެގެނެސްފައެވެ.
އަދި ފިލައިގެން ދިޔަ މައްސަލާގައި އޭނާއަށް ވަނީ 7 މަހާއި 18 ދުވަހުގެ ހުކުމެއް އިއްވާފައެވެ. އަދި ކުރީގެ ހުކުމުގެ ބާކީބައިވެސް އޭނާ ތަންފީޒު ކުރަންޖެހެއެވެ. ދެން ލުތުފީ ޖަލުން މިނިވަން ވާން އޮތީ ކުޑަ ދުވަސްކޮޅެކެވެ. މި މައްސަލާގައި ދެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވެ ސަގަރު ނާސިރުވެސް ވަނީ މީގެ ކުރިން މިނިވަންވެފައެވެ.