ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު(ސީއީއޯ)ގެ މަގާމަށް ސުޖާތާ ހަލީމް އައްޔަނުކޮށްފި އެވެ.
ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީހުގެ ސީއީއޯގެ މަގާމުގައި މީގެ ކުރިން ވެސް ދެއަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ސުޖާތާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަކީ 2015 އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެ އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު(ސީއޯއޯ)ގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
ޕެންޝަން އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރުމަށް ކުރެވުނު މަސައްކަތުގައި އެންމެ ކުރީ ސަފުގައި މެދު ނުކެނޑި 16 އަހަރު ސުޖާތާ ޚިދުމަތް ކުރައްވައިފައިވާކަމަށެވެ.
އެގޮތުން ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ގާނޫނު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި އަދި އެގާނޫނު ތަންފީޒު ކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފައިވާ ކަމަށެވެ.
އަދި އެއޮފީހުގެ އަމާޒަކީ ސުޖާތާގެ ބެލުމުގެ ދަށުން އިތުރު ހަރުފަތަކަށް އެއޮފީހުގެ މަސައްކަތް ކުރިއަށް ދިއުން ކަމަށެވެ.