ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތުއްޕުޅުއިރު އެދުރުގެއެއް ކައިރީ ހުންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރީ ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ހުންނަ މުހައްމަދު ނާޖިހެވެ. ނާޖިހު އެ ފޮޓޯ އާންމުކުރީ 1970 ގެ އަހަރުތަކުގައި ދިވެހިންގެ ބައެއް ކަމަށް ބުނަމުންނެވެ. އެ ފޮޓޯއަކީ ކްލެރެންސް މެލޯނީ 1976-1974 އަށް ރާއްޖޭގެ ރަށެއްގައި ނެގި ފޮޓޯއެއް ކަމަށާއި އޭގައި ތިބީ ކޮންބައެއްކަން ބުނެދިނުމަށް ނާޖިހު އެދުނެވެ.
ނާޖިހުގެ ޓުވީޓަށް ޖަވާބުދެއްވީ ރައީސް ސޯލިހްގެ ކޮއްކޯފުޅު އައިޝަތު މުހައްމަދު ސޯލިހެވެ. އައިޝަތު ވަނީ އެ ފޮޓޯއިން ފެންނަނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ މަންމަ އަދި ކޮއްކޮތައް ކަމަށެވެ. ރާއްޖޭގެ ނޫހަކަށް އެ ފޮޓޯ އާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެމުން އައިޝަތު ވިދާޅުވެފައިވަނީ އެ ފޮޓޯއަކީ ރައީސް ސޯލިހު އެދުރުގެއަކަށް ވަޑައިގަތުމުން އެމަނިކުފާނު ބަލާ މަންމާފުޅު މޫމިނާ ހަސަންފުޅު ވަޑައިގަތްއިރު ނެގި ފޮޓޯއެއް ކަމަށެވެ.
އަދި އެ ފޮޓޯއިން ފެންނަ ފިރިހެންމީހާ އަކީ އެރަށުގެ އެދުރުބެ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހްގެ މި ފޮޓޯ ބޭނުންކޮށްގެން ބައެއް ނޫސްތަކުން އެމަނިކުފާނަކީ ރަށްފުށުގެ ވަރަށް އާދައިގެ ނިކަމެތި ދިރިއުޅުމެއް އުޅުނު ފަރާތެއްކަމަށް ބުނެ ބައެއް ލިޔުންތައް ލިޔަމުން ގެންދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ރައީސް ސޯލިހްގެ ބައްޕަ މުހައްމަދު ސޯލިހު ކިލިގެފާނަކީ އެ ދުވަސްވަރު ޅ.އަތޮޅުގެ އެންމެ މުއްސަނދި ބޭފުޅާއެވެ. މުހައްމަދު ސޯލިހު ކިލެގެފާނުގެ ނަންފުޅުގައި 7 ފަޅުރަށާއި 8 ދޯނިފަހަރު އޭރުވެސް އޮތެވެ. އޭގެ ތެރޭގައި މަސްދޯނިފަހަރާއި މާލެއަށް ދަތުރުކުރާ ދޯނިފަހަރުވެސް ހިމެނެއެވެ. މުޅި ހިންނަވަރުގެ އާބާދީއެއްކޮށް ހެން އުޅެނީ ސޯލިހު ކިލޭގެފާނުގެ މުވައްޒަފުންގެ ގޮތުގައެވެ. އަދި އަބަދުވެސް 50 މީހުންނަށް އެގޭގައި ކާން ހަދާފައި ހުންނަ ކަމަށްވެއެވެ. އެހެން ކަމުން އެ އާއިލާ އަކީ އޭރަށް ބަލާއިރުވެސް ވަރަށް މުއްސަނދި އާއިލާއެކެވެ.
މި ފޮޓޯ ނެގިއިރު ރައީސް ސޯލިހުގެ އުމުރުން ވާނީ 8 ނޫނީ 9 އަހަރެވެ. ފޮޓޯނަގާފައިވަނީ 1974 އާއި 1976 އާއި ދެމެދުގައެވެ. ރައީސް ސޯލިހް މާލެ ބަދަލުވެވަޑައިގަތީ 1975 ވަނަ އަހަރު އުމުރުން 10 އަހަރުގައެވެ. މާލޭގައި ދިރިއުޅުއްވީ މިހާރުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ގޭގައެވެ. ފަޒްނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކަކީ އޭރުވެސް މިހާރުވެސް ރާއްޖޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. މާލެ ބަދަލުވުމަށްފަހު ރައީސް ސޯލިހް ހިންނަވަރަށް ވަޑައިގަންނަވަނީ ޗުއްޓީތަކުގައި އެކަންޏެވެ. ވަޑައިގަންނަވާއިރު ރައީސް ނަޝީދާއި ފަޒްނާ އަދި އެ އާއިލާގެބޭފުޅުން ވަޑައިގަނެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ރައްޔިތުންނަށް ވިއްކަން އެމްޑީޕީއިން އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ އެމަނިކުފާނަކީ "ރާއްޖެތެރެއަށް އުފަން" ރާއްޖެތެރޭ މީހުންގެ އިހުސާސް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނެ ބޭފުޅާގެ ގޮތުގައެވެ.
އެހެން ނަމަވެސް އުމުރުން 10 ވަރަކަށް އަހަރު ފިޔަވައި ދެން ރައީސް ސޯލިހް މުޅިން އުޅުއްވީ މާލޭގައެވެ. އަދި ވެރިކަމަށް ވަޑައިގަންނަވަންދެންވެސް އަމިއްލަނަމުގައި ބޮޑެތި ވިޔަފާރި ކުރައްވައި، އުޅުއްވީ ވަރަށް ތަނަވަސް ދިރިއުޅުމެކެވެ. ރަށުގައިވެސް އުޅުއްވީ ވަރަށް އުފާފާގަތި އެ ދުވަސްވަރު ރާއްޖޭގެ ގިނަ ރައްޔިތުން ތަޖުރިބާ ނުކުރާފަދަ މުއްސަނދި ދިރިއުޅުމެކެވެ.