Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުށްކުރުން

ކުށުގެ ވެއްޓާއި ތަރައްގީ: އެއް ފައިސާ ފޮއްޗެއްގެ ދެފުށް!

ގްރީން ޒޯނެއް ބަންދުކޮށް ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ، ފޮޓޯ: ދިޔަރެސް
ގައުމެއްގެ ތަރައްގީއާއި ކުށުގެ ވެއްޓަކީ އެއް ފައިސާ ފޮއްޗެއްގެ ދެފުށެވެ. ތަރައްގީއަށް އެކަނި ބަލާނަމަ ކުށުގެ ވެށި އަންދާޒާނުކުރެވިދާނެއެވެ. އަދި ކުށުގެ ވެއްޓަށް އެކަނި ބަލާނަމަ ތަރައްގީގެ ހަރުފަތްތައް ހިސާބުނުކުރެވިދާނެއެވެ.
ކުށުގެ ވެށްޓަކީ އެގައުމެއްގައި ކުށްކުރާ އަދަދާއި ކުރެވޭ ކުށްތަކުގެ ބާވަތަށް ބަލައި އާންމުކުރެވޭ ތަފާސްހިސާބުތަކުން ފަހުމްކުރެވޭ މައުލޫމާތަކަށް ވީއިރު ގައުމީ ފެންވަރުގައި ތަރައްގީ މާނަކުރަނީ އެ ގައުމެއްގެ އިޤްތިޞާދީ ފަލްސަފާގެ ފުރިހަމަކަމާއި އުފެއްދުންތެރިކަމުގެ ނިޒާމުގެ އިތުރުން، އިޤްތިޞާދީ ކުރިއެރުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި، ކުރިއަރާފައިވާ އެހެން ގައުމުތަކުގެ ހާލަތާއި އަޅާބަލާއިރު ހުންނަ ފަރަޤުތަކުގެ ކުޑަމިނާއި ބޮޑުމިނަށް ރިއާޔަތްކުރުމަށެވެ.

ދިވެހިރާއްޖޭގެ ކުށުގެ ވެށި

ދިވެހިރާއްޖޭގެ ކުށުގެ ވެށި ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. ދިވެހި ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް މިކަމަށް ހެކިދެއެވެ. ކުށުގެ ބާވަތްތަކަށް ބަލާނަމަ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން 86،196 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 37،293 މައްސަލައާއިއެކު ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ.
މިއަހަރުގެ މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާނަމަ މިއަދަދުތައް އުޅެނީ ވައްކަމުގެ މައްސަލަތައް 3،355، އަދި މަސްތުވާތަކެތީގެ މައްސަލަތައް 1،202 ގައެވެ. މީގެ އިތުރުން، ޓްރެފިކް އެކްސިޑެންޓްގެ ގޮތުގައި 1،271، މައްސަލައާއި، ތަކެތި ގެއްލިގެން ރިޕޯޓުކުރި 1،145 މައްސަލައާއި، މަކާރާއި ހީލަތުގެ 786 މައްސަލައާއި، މާރާމާރީގެ 426 މައްސަލައާއި، ތަކެއްޗަށް ގެއްލުން ދިނުމުގެ 409 މައްސަލައާއި، ފޭރުމުގެ 306 މައްސަލައާއި، ޖިންސީ ގޯނާގެ 260 މައްސަލައިގެ އިތުރުން ގެވެށި އަނިޔާގެ 191 މައްސަލަ ފުލުހުންގެ އިދާރާއަށް މިއަހަރު ވަނީ ހުށައަޅާފައެވެ.
ސެޕްޓެމްބަރު މަހު އެކަނިވެސް ވައްކަމުގެ 324 މައްސަލައާއި ޓްރެފިކް އެކްސިޑެންޓުގެ 123 މައްސަލަ ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 2021 ވަނަ އަހަރުގެ މިމުއްދަތުގައި ވެސް ވައްކަމުގެ 347 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ދެން އެންމެ ގިނައި ރިޕޯޓުކުރީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން 177 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ދިވެހިރާއްޖޭގައި ހިނގާ ބޮޑެތި ކުށްތަކުގެ އަދަދުވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވެފައިވާއިރު، 2015 ވަނަ އަހަރު މީހުން ގަތުލުކުރި އަދަދު އުޅެނީ 0.88 ގައެވެ. މިއީ 2013 ވަނަ އަހަރާއި އަޅާ ބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެކެވެ. 2016 ވަނަ އަހަރު މިއަދަދު 3.79 އަށް އިތުރުވިއިރު، 2017 ވަނަ އަހަރު މިއަދަދު 6.85 އަށް އިތުރުވިއެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު މިއަދަދު ވަނީ 0.57 އަށް ވެއްޓިފައެވެ. މިއީ 91.75 އިންސައްތައިގެ ވެއްޓުމެކެވެ.
ފުލުހުން ބުނާގޮތުގައި ކުށުގެ ވެށި ކުޑަކުރުމަށްޓަކައި މިހާރު އެވުޒާރާއިން ހަތަރު ހަރުފަތުގެ ނިޒާމަކަށް ފުލުހުން އަހުލުވެރިކުރުވާފައިވާނެއެވެ. މި ޕްރޮގްރާމްތަކަކީ 18 އަހަރުން ދަށުގެ ކުދިންނަށާއި، ޒުވާނުންނަށާއި، ބެލެނިވެރިންނަށާއި، އެންޖީއޯތަކާއި ސަރުކާރު ކުންފުނިތަކާއި އިދާރާތަކަށް އަމާޒުކުރެވޭ ޕްރޮގްރާމްތަކެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ޕަބްލިކް އެފެއާސް ޑިޕާޓްމަންޓްގެ އިންސްޕެކްޓަރް އޮފް ޕޮލިސް މޫސާ ރަށީދު ވިދާޅުވީ 18 އަހަރުންދަށުގެ ކުދިންނަށް "ރެޑީ ކޭމްޕް" އަދި ޒުވާނުންނަށް ކުޅިވަރުތެރެއިން ޚުލްޤާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ދަސްކޮށްދޭކަމަށެވެ. މި ކަމުގެ ސަބަބުން ފާއިތުވި 3 އަހަރުދުވަސް ތެރޭގައި ކުށުގެ ވެށި ކުޑަ ކުރެވިފައިވާކަމަށްވެސް މޫސާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އާބާދީގައި އުޅެނީ އެންމެ 523،787 މީހުންކަމުގައި ވާއިރު، ނިސްބަތުންބަލާއިރު ކުށުގެ ވެށި އަދިވެސް މާބޮޑެވެ.

ދިވެހިރާއްޖެއާއި ތަރައްގީ

ކޮންމެ ސަރުކާރެއްވެސް އަންނަނީ ތަރައްގީގެ އައު ލަނޑުދަނޑިތަކެއް ހިފައިގެން ގައުމު ކުރިއެރުވުމުގެ ފޮނި ވައުދުތަކަކާއި އެއްކޮށެވެ. އެހެންނަމަވެސް ވެރިކަން ނިމިގެންދާއިރު ގައުމުގެ ކުރިއެރުން ހިސާބުކުރެވޭއިރު ހިތްހަމަޖެހޭ ބަދަލެއް އަންނަނީ ވަރަށްވެސް މަދު ފަހަރަކުއެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ނުވަތަ އެކުވެރި ދައުލަތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޕްރޮގްރާމުން ގައުމުތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްގީ މިންކުރަނީ އެގައުމެއްގެ މަދަރުސާވާ މުއްދަތަށް ބަލާ ތަޢުލީމު ގިންތިކޮށްގެންނާއި، އާމްދަނީ ނުވަތަ ގްރޮސް ނެޝަނަލް އިންކަމް (ޖީއެންއައި) އަށް ބަލައި ދިރިއުޅުމުގެ ފެންވަރު ވަޒަންކޮށްގެންނާއި އަދި އުމުރުގެ ދިގުމިނަށް ބަލައި ސިއްހީ ދުޅަހެޔޮކަން މިންކޮށްގެންނެވެ. މި މިންގަނޑަށް ކިޔައި އުޅެނީ "ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި)" އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ޔޫއެންޑީޕީ އިން ޝާއިއުކުރި "ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓު 2021/2022" ގައި ދުނިޔޭގެ އެޗްޑީއައި މިންގަނޑު 2016 ވަނަ އަހަރުގެ މިންގަޑުތަކަށް ވެއްޓިފައިވާކަމަށް ލިޔެފައިވާއިރު، ދިވެހިރާއްޖޭގެ އެޗްޑީއައި 2021 ވަނަ އަހަރު އުޅެނީ 0.747 ގައިކަމަށް ލިޔެފައިވެއެވެ. އެއީ ދުނިޔޭގެ 191 ގައުމުގެ ތެރެއިން ތަރައްގީގެ މިންގަނޑުން 90 ވަނައިގައެވެ. މިއީ 2020 ވަނަ އަހަރު ދުނިޔޭގެ 97 ވަނައިގައި އޮތުމަށްފަހު ލިބުނު ކުރިއެރުމެކެވެ.
އެ ރިޕޯޓުގައި ލިޔެފައިވާގޮތުގައި 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އެޗްޑީއައި މަތިވެފައި މިވަނީ މަރުވާ އުމުރު 78.9 ން 79.9 އަށް އިތުރުވެފައިވާތީއާއި، ތައުލީމު ހާސިލްކުރުމަށް މަދަރުސާވާ މުއްދަތު 12.2 އަހަރުން 12.6 އަހަރަށް އިތުރުވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ޖީއެންއައި ނުވަތަ އާމްދަނީ 17،417 އެމެރިކާ ޑޮލަރުން 15،448 އެމެރިކާ ޑޮލަރަށް ވެއްޓިފައިވާކަމަށާއި، ދިވެހި އަންހެނުންގެ އަންހެނުންގެ އެޗްޑީއައި 0.709 ގައި އޮތްއިރު ދިވެހި ފިރިހެނުންގެ އެޗަޑީއައި 0.766 ގައި އޮތުމުން ޖިންސީ ތަފާތުކުރުން އޮތަކަމަށް ލަފާކުރެވޭކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. މި ރިޕޯޓުގައި މި ފަރަޤު ނައްތާލުމަށް މަސައްކަތްކުރުމަށް ވަނީ ބާރު އަޅާފައެވެ.
މެކްރޯޓްރެންޑްސްގައި ދިވެހިރާއްޖޭގައި ފަޤީރުންގެ ނިސްބަތް 2019 ވަނަ އަހަރު 1.70 އިންސައްތައިގައި ހުރިކަމަށް ފަހަގަ ކޮށްފައި ވީނަމަވެސް އެއް އަހަރުން އަނެއް އަހަރަށް ފަގީރުންގެ އަދަދު ދަށް ވަމުން އަންނަކަން ވަނީ ފާހަގަ ކޯށްފައެވެ. އެގޮތުން 2016 ވަނަ އަހަރު މިއަދަދު ހުރީ 3.40 އިންސައްތައިގައެވެ. މިއީ 2009 ވަނަ އަހަރު ހުރި 42.70 އިންސައްތަ އަށްވުރެ 39.3 އިންސައްތަ ދަށް އަދަދެކެވެ.

ދިރާސާގެ އަލީގެ ކުށުގެ ވެއްޓާއި ތަރައްގީ

ދިރާސާވެރިންގެ ލިޔުންތަކަށް ބަލާއިރު، ގައުމެއްގެ ކުރިއެރުމާއެކު އެގައުމުގައި ކުށްކުރާ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ. ކުރިއަރަމުން އަންނަ ގައުމުތަކުގައި ކުށުގެ ވެށި ދިރާސާކޮށްފައިވާ ބައެއް ދިރާސާތަކަށް ބަލާލާނަމެވެ.
އެގޮތުން، ރަށްފުށުގައާއި، ސިޓީތަކުގައި ކުރެވޭ ކުށްތައް ތަފާތުކަމަށާއި، ކުށުގެ ވެށި ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ ތަރައްގީއާއިއެކު ވަޒީފާގެ ފުރުސަތު އިތުރު ނުވުންކަމަށް ބައެއް ދިރާސާވެރިން ފާހަގަ ކޮށްފައިވާއިރު މިކަން ގުޅުވާފައިވަނީ ލިބޭ އާމްދަނީއާއެވެ. 49 ގައުމެއްގެ ކުށުގެ ވެށި ދިރާސާކުރުމަށް ފަހު ވޭން ޑައިކް ލިޔެފައިވަނީ ގޭބިސީއެއްގައި ފިރިހެން މީހާއަށް ލިބޭ އާމްދަނީ ކުޑަނަމަ އެގޭބިސީއިން ނުކުންނަ ވައްކަމާއި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުކަމަށާއި، މިއީ ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކުގައިވެސް އާންމުކަމެއްކަމަށެވެ.
އޭގެއިތުރުން، މަންގައި ނަޓަރާޖަން ލިޔުއްވައި، ކްރައިމް ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކާއި ހަވާލާދީ އެނގޭގޮތުގައި، ކުށުގެ ވެށީގައި އެންމެ ބޮޑެތިކުށްތައްކަމަށް ފާހަގަކުރެވޭ މީހުން މެރުމާއި، މީހުން ގެއްލުވާލުމުގެ ކުށްތަކަކީ ކުރިއަރަމުން އަންނަ ގައުމުތަކުގައި އިތުރުވަމުން އަންނަ ކުށްތަކެވެ. އެގޮތުން ގޭންގުތަކާއި، މަގުމަތީގައި ފޯރިމެރުމާއި މަގުމަތީގައި ކުރާ މަސްތުވާތަކެތީގެ ވިޔަފާރިތަކަކީ ކުރިއަރާފައިވާ ގައުމުތަކުން މަދުން ފެންނަ މައްސަލަތަކެއްކަމަށް ނަޓަރާޖަން ލިޔުއްވާފައިވާއިރު، އޭނާ ފާހަގަކުރައްވާފައިވަނީ ކުރިއަރަމުން އަންން ގައުމުތަކުގައި މިއީ އާންމު ކުށްތައް ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބަކަށް ވަނީ ކުރިއަރަމުން އަންނަ ގައުމުތަކުން އަދިވެސް ކުށުގެ ވެއްޓަކީ ސައިންސްވެރިންނަށް ލަފާދެވޭނެ ދާއިރާއެއް ކަމަށް ގަބޫލުނުކުރެވުންކަމަށާއި، މިފަދަ ކުށްތައް މަފުކުރުމަށް ކްރިމިނޯލޮޖީގެ މާހިރުންގެ ލަފާ އަހައި ކުށްމަދުކުރުމަށް އަލިމަގެއް ހޯދުން ރަނގަޅުކަމަށެވެ.
ހަމައެއާއި އެކު، ޖޭސީ އެންޑްވިގް އަދި އޮޑް-ހެލްޖް ޔެޑްސްޓަޑް 2008 ވަނަ އަހަރު ލިޔުއްވިގޮތުގައި، ފަގީރުކަމުން އަރަމުން އަންނަ ގައުމުތަކުގައި ފުލުހުންގެ ތެރޭގައި ނަޒާހާތްތެރިކަން ގެއްލި، ރިޝްވަތު އާންމުވުމާއެކު، ކުށުގެ ވެށިވެސް އަންނީ ބޮޑުވަމުންނެވެ. އެއީ ޕޮލިސީ ލެވެލްގައި ނަޒާހާތްތެރި ނޫން ފުލުހުންނަށް ފިޔަވަޅު ނޭޅި ދޫވުމުގެ އިތުރުން، ކުށްކުރާ ފަރާތްތައް މުޖުތަމަޢުއަށް ދޫކުރުމާއި، ކުށްތަކަށް ބާރުލިބޭ ގޮތަށް ފުލުހުންގެ ނިޒާމު ގެންގުޅުމުގެ ސަބަބުން ކުށް އާންމުވެ ހާލި ބޮޑުވެގެން ދާނެއެވެ. މި ދިރާސާވެރިންގެ ލިޔުމުން ކުރިއަރަމުން އަންނަ ގައުމުތަކުގެ ފުލުހުންގެ މަސައްކަތް ހަރުދަނާނުވުމަކީ ކުށް އިތުރުވުމަށް މަގުފަހިވާ މައިގަނޑު ސަބަބުކަމަށް ސިފަ ކޮށްފައިވާއިރު، ފުލުހުންގެ ތެރޭގައި ރިޝްވަތު އާންމުވުމުން ރިޕޯޓުކުރާ ކުށްތައް މަދުވާނެއެވެ. އެއީ ފުލުހުންނަށް އިތުބާރު ގެއްލި އިންސާފާއިމެދު އޮންނަ އިތުބާރު ގެއްލޭތީއެވެ.
ލުއިސް ޝެލީ ވިދާޅުވަނީ ކުށާއި ތަރައްޤީއަކީ ވަކިނުކުރެވޭގޮތަށް އެއްވެފައިވާ ދެއެތި ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވަނީ ރަށްފުށު ދިރިއުޅުމާއި، ބޮޑެތި ސިޓީތަކުގެ ދިރިރުޅުމަކީ ކުށްކުރާ އަދަދަށް ބަދަލެއް ގެންނަ ކަންކަމެއް ނޫންކަމަށާއި، މުޖްތަމަޢުއެއްގައި ކުށްކުރާނެ މީހުންގެ އަދަދު ގިނަ ވުމަކީވެސް ކުރާކުށުގެ އަދަދު އިތުރުވާންވީ ސަބަބެއް ނޫންކަމަށެވެ. އެހެންނަމަވެސް، ކުށުގެ ވެށި ބޮޑުވަނީ ސީދާ ތަރައްގީގެ ސަބަބުންކަމަށް ނުބުނެވޭނެ ކަމަށާއި، ކުށުގެ ވެށި ބޮޑުވުމުގައި ތާރީޚީ، ޘަޤާފީ އަދި ސިޔާސީ މާއްދާތަކެއް އެކުލެވޭކަމަށް އޭނާ ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ތަރައްގީއާއި ކުށުގެ ވެށި

ދިވެހިރާއްޖޭގެ ތަރައްގީއާއި ކުށުގެ ވެށީގެ ވާހަކަ ދައްކަމުންދާއިރު ހަނދާނަށް އަންނަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުލްހޫރިއްޔާ މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ވެރިކަމުގައި ވިދާޅުވި ބަސްފުޅެކެވެ. "ކުށް ގިނަވުމަކީ ތަރައްގީގެ އަލާމާތެކެވެ."

ދިވެހިރާއްޖޭގެ ކުށުގެ ވެށި އަންނަނީ ބޮޑުވަމުންނެވެ. ދިވެހިރާއްޖެ އަންނަނީ ތަރައްގީވަމުންނެވެ. ދެކަމަށްވެސް ހެކި އެބަހުއްޓެވެ. އެހެންނަމަވެސް، އިންސާނީ ތަބީޢަތަކީ ރަނގަޅު ކަންކަމަށް ބެލުމުގެ ބަދަލުގައި ހިތާމައާއި ބިރަށް ޚިޔާލުކުރުމެވެ. ކުށުގެ ސަބަބުން ތަރައްޤީވާކަމަށާއި، ތަރައްޤީގެ ސަބަބުން ކުށް ގިނަވާކަމަށް ގަބޫލުކޮށްފިނަމަ ގައުމު ހުޅުވާލެވެނީ ކޮށްފަދަ އަނދިރިކަމަކަށް ހެއްޔެވެ. ކުށުގެ ގިނަމިނާއި ބޮޑުމިނުން ގައުމުގެ ކުރިއެރުން ވަޒަންކުރާނަމަ ހިތައް ވަންނަނީ ބިރުވެރިކަމެވެ.

މި ލިއުމާއި ގުޅޭ