Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ސަންސްކްރީންގެ މުހިންމުކަން ދަސްކުރޭ!

ދިވެހިންނަކީ އާންމުގޮތެއްގައި ސަން ކްރީމް ނުވަތަ ސަންސްކްރީން އުނގުޅައިގެން ބޭރަށް ނުކުންނަ ބައެއް ނޫނެވެ. ގިނަ މީހުން ސަންސްކްރީން އުނގުޅަނީ މޫދަށް ދާއިރުގައެވެ. ކަޅުވެދާނެތީއެވެ. އެހެންނަމަވެސް ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ސަންސްކްރީން އުނގުޅުމުގެ މުހިންމުކަން އެންމެންވެސް ދަސްކުރަންވެއްޖެ އެވެ.
ސަންސްކްރީނަކީ އިރުގެ ނުރައްކާތެރި ދޯދިތަކުން ރައްކާތެރިކުރުމަށްޓަކައި ހަންގަނޑުގައި އުނގުޅާ ޖެލް ނުވަތަ ކްރީމަކަށް ކިޔާއުޅޭ ނަމެކެވެ. މިފަދަ ކްރީމްތަކަށް ސަންބްލޮކް ވެސް ކިޔައި އުޅެއެވެ.

ސަންސްކްރީންގެ މުހިންމުކަން

ސަންސްކްރީންގެ މައިގަނޑު އަސާސަކީ އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރިކުރުމެވެ. އެހެންކަމުން، ސަންސްކްރީންގެ ބޭނުމަކީ ހަމައެކަނި ކަޅުވުމުން ސަލާމަތްކުރުންކަމަށް ދެކުމުގެ އުސޫލުދޫކޮށްލަން ޖެހެއެވެ. އިރުގެ ދޯދިތަކުން ހަންގަނޑު ސަލާމަތްކުރަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟

އިރުގެ ދޯދިތައް ނުވަތަ އަލްޓްރާވަޔަލެޓް ރޭސް އުފެދިފައިވަނީ ދެވައްތަރެއްގެ މައްޗަށެވެ؛ ދިގު ދޯދިތައް (ޔޫވީއޭ) އަދި ކުރު ދޯދިތައް (ޔޫވީބީ). ޔޫވީއޭއިން ހަންގަނޑު މުސްކުޅިވާއިރު، ޔޫވީބީން ހަންގަނޑު އަންދާލައެވެ.

އިރުން ލބޭ އަތްވަކީ ދިރުންދޭ އެއްޗަކަށް ވީއިރު އަދި ދުނިޔޭގެ ހިނގުމާއި ދިރުން އެއެއްޗެއްގެ މައްޗަށް ފުރިހަމައަށް ބިނާވެފައިވާ އެއްޗަކަށް ވީއިރު އެއީ އިންސާނާއަށް އެއިން އެތައް ގެއްލުމެއް ދޭ އެއްޗެއްވެސް މެއެވެ. އެގޮތުން މާގިނައިން އަވީގެ ތެރޭގައި އުޅޭނަމަ ނުވަތަ އިރުގެ ދޯދިތަކަށް ހަންގަނޑު ގިނަގިނައިން ހުށައަޅާނަމަ ހަންގަނޑުގެ ސެލްތަކުގައި ހުންނަ ޑީއެންއޭ ހަލާކުކޮށްލައެވެ. މިފަދައިން މާގިނައި ޑީއެންއޭ ހަލާކުވާނަމަ ހަންގަނޑުގައި ސެލްތައް އުފެދޭ ދުވެލި އާދަޔާ ހިލާފަށް އަވަސްވެއެވެ. އަދި މިފަދައިން އުފެދޭ ސެލްތައް ކޮންޓްރޯލް ނުވުމުގެ ސަބަބުން، ކެންސަރަށް ބަދަލުގެ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވައެވެ.

ހަމުގެ ކެންސަރަކީ އެމެރިކާގައި އެންމެ ގިނައިން ޑައިގްނޯޒްވާ ކެންސަރުގެ ބާވަތްކަމަށްވާއިރު، އެއީ ދުނިޔޭގައި 17 ވަނައަށް އެންމެ ގިނައިން ޑައިގްނޯޒްވާ ކެންސަރުގެ ބާވަތެވެ.

ހަމައެއާއިއެކު، އިރުގެ އަތްވަކީ މީހާގެ ހަންގަނޑު މުސްކުޅިކޮށްލާ އެއްޗެކެވެ. އެގޮތުން ހަންގަނޑުގައި ރޫޖެހުމާއި، ލައްޖެހުމާއި، ހަންގަނޑު ދޫވުމަކީވެސް އިރުގެ އަވިން ރައްކާތެރިނުކޮށްފިނަމަ ދިމާވާނެކަންކަމެވެ.

ސަންސްކްރީން ބޭނުންކުރަންވީ ކޮންބައެއް؟

ސްކިންކެންސަރ ފައުންޑޭޝަނުން ބުނާގޮތުގައި މި ސުވާލުގެ އެންމެ ކުރު ޖަވާބަކީ އެންމެންނެވެ. އެއީ އުމުރުން 6 މަސް ފުރިފައިވާ ކޮންމެ އިންސާނަކުވެސް ސަންސްކްރީން ނުއުނގުޅާ އަތްވަށް ނުނިކުތުމަށް އެ ފައުންޑޭޝަނުން ލަފާދީފައިވާތީއެވެ. އެކުދިންގެ ހަންގަނޑަކީ ވަރަށް ނާޒުކު ހަންގަނޑެއްކަމުން 6 މަސް ނުފުރޭކުދިން ނަފީވިނަމަވެސް ރައްކާތެރިކަމުގެ ގޮތުން އެކުދިން އަތްވަށް ނުނެރުމަށާއި، ނެރޭނަމަ ހިޔާގައި ގެންގުޅުމަށް ލަފާ ދީފައިވެއެވެ.
ސްކިންކެންސަރ ފައުންޑޭޝަނުން ބުނަނީ އިންސާނާގެ ހަންގަނޑު ހަލާކުވަނީ އަނދައިގެން އެކަނިން ނޫންކަމަށެވެ. އެހެންނަމަވެސް، އޭނާގެ ހަޔާތުގެ މުއްދަތުގެ ތެރޭގައި އަތްވަށް ހުށައެޅި ހަންގަނޑަށް ގެއްލުންވުމުގެ ސަބަބުންނެވެ.

ސަންސްކްރީންގެ ބާވަތްތައް

ސަންސްކްރީންއަކީ ހަމުގެ މަތީގައި ލެވޭ ފަށަލައެއްކަމުން އޭގައި ހުންނަ މާއްދާތަކުން އިރުގެ ދޯދިތައް ހަންގަނޑަށް ވަނަނުދީ ނަގައިގަނެއެވެ. ނުވަތަ އަނބުރާ ފޮނުވާލައެވެ. ސަންސްކްރީންގެ ހުންނަނީ ދެބާވަތެކެވެ؛ މިނަރަލް އަދި ކެމިކަލް ސަންސްކްރީންއެވެ. ދެބާވަތަކީވެސް އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރިކުރާ ދެބާވަތްކަމަށްވީނަމަވެސް ދެބާވަތުގެ ސަންސްކްރީން މަސައްކަތްކުރަނީ ތަފާތު ދެގޮތަކަށެވެ.
އެގޮތުން، މިނަރަލް ސަންސްކްރީންގައި އެކުލެވޭ ޒިންކް އޮކްސައިޑާއި، ޓައިޓޭނިއަމް އޮކްސައިޑްގެ މާއްދާތަކަކީ ހަންގަނޑުގެ މަތީގައި ފަށަލައެޅި، ހަނގަނޑާއި ބައްދަލުކުރަން އަންނަ އިރުގެ ދޯދިތައް ހަންގަނޑަށް ވަނަ ނުދީ އަނބުރާ ފޮނުވާލާ ނުވަތަ ރިފްލެކްޓްކުރާ ސަންބްލޮކެވެ. މިފަދަ ސަންބްލޮކަކީ ހަމުގައި އުނގުޅާ އެހެން ޕްރޮޑަކްޓްތަކާއިއެކުގައިވެސް ބޭނުންކުރެވޭ އެއްޗެކެވެ.

އެހެންނަމަވެސް، ކެމިކަލް ސަންސްކްރީނަކީ އިރުގެ ދޯދިތައް ހަނގަނޑުގެ ތެރެއަށް ދަމައިގަންނަ އެއްޗެކެވެ. އެއަށްފަހު ސަންސްކްރީންގައި އެކުލެވޭ ކެމިކަލް މާއްދާތަކުން ކެމިކަލް ރިއެކްޝަނެއް މެދުވެރިކޮށް އެ ދޯދިތައް ހޫނަށް ބަދަލުކޮށްލާ ހަނގަނޑުން ބޭރުކޮށްލައެވެ. މި ކެމިކަލް މާއްދާތަކުގެ ތެރޭގައި އޮކްސީބެންޒޯނާއި، އެވޯބެންޒޯނާއި، އޮކްޓިސަލޭޓްއާއި، އޮކްޓޯކްރައިލީންއާއި، ހޯމޯސޭލޭޓް އަދި އޮކްޓިނޮކްސޭޓް ހިމެނެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ގަބޫލުކުރާ ސަންސްކްރީންތަކުގައި އެންމެ އާންމުކޮށް ހުންނަ މާއްދާތަކަކީ ޓައިޓޭނިއަމް އޮކްސައިޑްއާއި ޒިންކް އޮކްސައިޑެވެ. އަދި އެ ވުޒާރާއިން މި މާއްދާތަކުގެ ރައްކާތެރިކަން ވަނީ ކަށަވަރުކޮށްފައެވެ. އެއީ ސަންސްކްރީންތަކުގައި ބޭނުންކުރާ ގުދުރަތީ މާއްދާތަކަކީ މިއީކަމުގައި ވާތީއެވެ.
އެފްޑީއޭގެ ކްލިނިކަލް ޓްރަޔަލްއަކުން އެނގިފައިވާގޮތުގައި ކެމިކަލް ސަންސްކްރީތަކުހައި ހުންނަ 12 އެކްޓިވް މާއްދާގެ ތެރެއިން އޮކްސީބެންޒޯނާއި، އެވޯބެންޒޯނާއި، އޮކްޓޯކްރައިލީންއާއި، އަދި އެކޭމްސޫލް އަކީ ގަބޫލުކުރެވޭ ވަރަށްވުރެ ބާރުމިނުގައި ލޭގެތެރެއަށް ދަމައިގަންނަ މާއްދާތަކެކެވެ. އަދި އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ އެހެން ދިރާސާއަކުން ވެސް އެފްޑީއޭގެ ހޯދުންތައް ވަނީ ކަށަވަރުކޮށްފައެވެ. އެހެންނަމަވެސް މި ދިރާސާގެ އިސް ސައިންސްވެރިން ލިޔެފައިވަނީ އިތުރަށް ދިރާސާކުރަން ޖެހޭކަމަށާއި، ނަމަވެސް މިފަދަ ސަންސްކްރީންއަކީ ނުރައްކާތެރި އެއްޗެއްނޫންކަމަށެވެ.
އެހެންނަމަވެސް އިކޮނޮމިކް ވޯކިން ގްރޫޕްން ލަފާދެނީ އޮކްސީބެންޒޯން ހިމެނޭ ސަންސްކްރީންތައް ބޭނުންނުކުރުމަށެވެ. އެއީ އޭގެ ސަބަބުން ހޯމޯންތަކަށް ބަދަލު އަންނަކަމަށް ފެންނާތީއާއި، ހަމުގެ އެލާޖީތަކަށް ފުރުސަތު އޮންނާތީއެވެ. އަދި ޑރ. މެގްރެގަރ ވެސް މިފަދައިން ލަފާދެއްވާފައިވެއެވެ. އެގޮތުން ވަކިން ހާއްސަކޮށް މޫދަށް އެރޭއިރު ކެމިކަލް ސަންސްކްރީން ބޭނުން ނުކުރުމަށް ލަފާދެއްވިއެވެ

ސަންސްކްރީންއެއް ޚިޔާރުކުރުން

ސަންސްކްރީނެއް ޚިޔާރުކުރުމުގައި ބަލަންވީ ކަންކަން ހަމުގެ މާހިރުން ފާހަގަކޮށްފައިވެއެވެ. އެގޮތުން:

  • 1. ބްރޯޑް ސްޕެކްޓްރަމް ސަންސްކްރީނެއް ޚިޔާރުކުރުން: ބްރޯޑް ސްޕެކްޓްރަމް ސަންސްކްރީނުން ޔޫވީއޭ އަދި ޔޫވީބީ ދޯދިތަކުން ރައްކާތެރިކޮށްދެއެވެ.
  • 2. އެސްޕީއެފް 15 ހުންނަ ސަންސްކްރީން: އެސްޕީއެފް 15 ހުންނަ ސަންސްކްރީނަކީ އާދައިގެ މަތިން ބޭނުންކުރަން ރަނގަޅު ބާވަތެކެވެ. އެގޮތުން މަދުމަދުން އިރަށް ހުށައެޅޭއިރު، މިސާލަކަށް ފިހާރައަކަށް ދާއިރު ނުވަތަ އޮފީހަށް ދާއިރު އުނގުޅަން ރަނގަޅު ސަންސްކްރީނެކެވެ. ގިނަވަގުތު އަތްވަށް ހުށަނޭޅޭއިރު އެސްޕީއެފް 15 ބޭނުންކުރުމުން ރަނގަޅުވާނެއެވެ.
  • 3. އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތިން ހުންނަ ސަންސްކްރީން: އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތިން ހުންނަ ސަންސްކްރީން އަކީ ގިނަވަގުތު އަވީގައި އުޅޭއިރު، މިސާލަކަށް ދުވާލު ދުވަންދާއިރު، ނުވަތަ މޫދަށް އެރޭއިރު ނުވަތަ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވާއިރު ބޭނުންކުރަން މިބާވަތް ރަނގަޅުވާނެއެވެ. އަދި އަވީގައި މަސައްކަތްކުރާނަމަ އެންމެ ރަނގަޅީ އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތީގެ އެސްޕީއެފްއެއް ހިމެނޭ ސަންސްކްރީނެކެވެ.
  • 4. ވޯޓަރ ރެޒިސްޓެންޓް ސަންސްކްރީން: ފަތަން މޫދަށް ދާއިރުއާއި، އަވީގައި ކުޅޭ ބޮޑެތި ކުޅިވަރުތައް ކުޅޭއިރު ވޯޓަރ ރެޒިސްޓެންޓް ނުވަތަ ވަރަށް ބޮޑަށް ފެނުން ނުދޮވެވޭ ސްނަސްކްރީނެއް ބޭނުންކުރުން އެންމެ ރަނގަޅުވާނެއެވެ. އާންމުގޮތެއްގައި ވޯޓަރ ރެޒިސްޓެންޓް ކަމަށް ޖަހާފައި ހުންނަ ސަންސްކްރީންތައް ހަންގަނޑުގައި ހުންނަނީ 40 މިނެޓަށެވެ. އެއަށްފަހު ފެނާއެކު އެ ދޮވެވިގެންދާނެއެވެ.

ސަންސްކްރީން އުނގުޅަންވީ ކޮންއިރަކު އަދި ކޮންތާކު؟

ކޮންމެ ދުވަހަކުވެސް ސަންސްކްރީން އުނގުޅުމަށް ހަމާއިބެހޭ މާހިރުން ލަފާދެއްވާއިރު، އެންމެ ރަނގަޅީ ބޭރަށް ނުކުތުމުގެ 30މިނެޓުކުރިން ގައިގެ ހުރިހައި ތަނެއްގައި އުނގުޅުންކަމަށް އެބޭފުޅުން ކިޔައިދެއެވެ. އަދި އިރަށް ހުށައެޅުމަށްފަހު ކޮންމެ ދެގަޑިއިރަކު އަލުން އުނގުޅަން ލަފާދީފައިވާއިރު، މޫދަށް އެރުމަށްފަހު ވަގުތުން އަލުން އުނގުޅުމަށްވެސް ބުނެދީފައިވެއެވެ. ސައިންސްވެރިން ބުނާގޮތުގައި އުޑުމަތި ބަނަވެ އަވިނުދޭ ދުވަސްތަކުގައިވެސް އިރުގެ ދޯދީގެ 80 އިންސައްތަ ދުނިޔޭގެ ބިމަށް ފޯރާނެއެވެ. އެހެންކަމުން އެދުވަސްތަކުގައިވެސް ސަންސްކްރީން އުނގުޅުން މުހިންމެވެ.

ހައްލަކީ ސަންސްކްރީން ހެއްޔެވެ؟

ހަމުގެ ބަލިތަކާއި، ހަމުގެ ކެންސަރުން ސަލާމަތްވުމަށް ސަންސްކްރީނަކީ ހައްލުނޫންކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ. އެގޮތުން، މީހާގެ އުފެދުމުގައި ވާރުތަވާ ބަލިތަކާއި، ދިރިއުޅުމުގެ ވައްޓަފާޅީގައި ހަންގަނޑަށް ގެއްލުންވާކަންކަން ހުރުމަކީވެސް ހަމުގެ ބަލިތައް ޖައްސުވާކަންކަމެވެ. އެހެންނަމަވެސް އިރުގެ ދޯދިތަކުން ސަލާމަތްވުމަކީ ހަންގަނޑަށް ދެވޭ ވަރަށް ބޮޑު ރައްކާތެރިކަމެކެވެ. އޭގެއިތުރުން، އަވީގައި އުޅުމުގެ ބަދަލުގައި ހިޔާ ހިޔާރުކުރުމާއި، އިރުން ރައްކާތެރިކުރުމަށް ހެދުންއެޅުމާއި، އިރުގެ ދޯދިތައް ބްލޮކްކުރާ އަވިއައިނު އެޅުމަށާއި ތޮފި ބޭނުންކުރުމަށް އެބޭފުޅުން ލަފާދެއެވެ.
ހަމައެއާއިއެކު، ގަވައިދުން ހަމުގެ ޑޮކްޓަރަށް ދެއްކުމާއި، ބިއްސެއް، ލަފެއް، ގޮށެއް ނުވަތަ އެހެންވެސް ޝައްކުވާކަމެއް ހަންގަޑުގައި ހުރިނަމަ ޑޮކްޓަރަކާއި އެކަން ހިއްސާކުރުމުގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ.

މި ލިއުމާއި ގުޅޭ