އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ޚަރަދުވި މިންވަރު ރައީސް އޮފީހުން ހާމަނުކުރިއެވެ.
މައުލޫމާތު ހޯދަ ލިބިގަތުމުގެ ހައްޤުގެ ދަށުން "ދިޔަރެސް" ނޫހުން އެ މައުލޫމާތު ހޯދަން އެދުމުން ރައީސް އޮފީހުން ވަނީ 21 ދުވަހުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށްފައެވެ. އެ 14 ދުވަހުގެ މުއްދަތު ހަމަވުމުންވެސް އެ މައުލޫމާތު އެ އޮފީހުން ހާމަނުކުރިއެވެ.
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާއަށް ރައީސް ސޯލިހްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތަކާއި ގުޅޭގޮތުން ތިރީގައި މިދަންނަވާ މައުލޫމާތު ފޯރުކޮށްދިނުން އެދެމެވެ. 1. ދަތުރުގެ އެންމެހާ ބައިވެރިން 2. ޓިކެޓަށް ހަރަދުވި އަދަދު. ކޮންމެ ބޭފުޅެއްގެ ޓިކެޓަށް ހަރަދުވިވަރު ވަކިން އަދި ދަތުރުކުރީ ކޮން ކްލާހެއްގައިކަން. 3. ހުރުމާއި ކެއުމަށް ހަރަދުވި މިންވަރު 4. މާލިއްޔަތު ޤާނޫނުގެ ދަށުން ސަރުކާރުގެ ދަތުރެއް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުއްދަ އަަށް އެދި ހުށަހެޅި ފޯމު އަދި އެ ޤާނޫގެ ދަށުން ހުއްދީ ފިނޭންސުން ދޫކުރި ލިޔުން އަދި ދަތުރަށްފަހު މާލިއްޔަތު ޤާނޫނުގެ ދަށުން ހަދަންޖެހޭ ދަތުރު ރިޕޯޓުގެ ކޮޕީއެއް.
މިއިން އެއްވެސް މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައި ނުވާއިރު އެދަތުރަށް 3 މިލިއަނާއި ގާތަށް ރުފިޔާ ބަޖެޓުކުރިކަން "ދިޔަރެސް" އަށް ވަނީ ކުރިން މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް ސަރުކާރުގެ ތަރުޖަމާނު މިއުވާން ވަނީ އެ ދަތުރަށް މިލިއަނެއްވެސް ހަރަދުނުވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ދުވަސްވަރު ޓިކެޓުތަކުގެ އަގާއި ހޮޓެލްތަކުގެ އަގު ހުރި ނިސްބަތަށް ބަލާއިރު އެއީ ތެދު މައުލޫމާތެއް ނޫންކަން ޔަގީން ކުރެވެއެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުން ގިނަ އަދަދަކަށް ދަތުރުތައް ކުރައްވާފައިވާއިރު އެމަނިކުފާނު ވަނީ، ވެރިކަމަށް ވަޑާއިގަތުމުގެ ކުރިންވެސް އެމަނިކުފާނު ވަރަށް ދަތުރުކުރައްވާ ހިތްވާކަމަށް ވިދާޅުވެފައެވެ.