އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނަށް ނިސްބަތްވާ 25 ގެ ތަޅާ ސުންނާފަތިކޮށްލައިފިއެވެ.
ދިއްލީގެ ހުޅަނގު ދެކުނު ސަރަހައްދުގައި ހުންނަ މި ގެތައް ތަޅާލީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ވަގުތުގައެވެ. އެކަން ކުރިއިރު އެ ގެތަކުގައި އުޅޭ ފިރިހެނުން ތިބީ ހުކުރު ނަމާދުގައެވެ. ދިއްލީ ފުލުހުންގެ އެހީތެރިކަމާއި އެކު އެ ގެތައް ތަޅާލީ ދިއްލީ ޑިވެލޮޕްމެންޓް އޮތޯރިޓީ (ޑީޑީއޭ) އިންނެވެ. އެ ގެތަކުގައި އުޅޭ އަންހެނުން އެކަމާ ދެކޮޅު ހެދިނަމަވެސް ޑީޑީއޭ އަދި ދިއްލީގެ ފުލުހުންވަނީ ބާރުގެ ބޭނުންކޮށް ހުރިހާ ގެއެއް ތަޅާލާފައެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަ ގޮތުގައި ގެތައް ތަޅާލާފައިވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތިއެވެ.
ގެތައް ތަޅާލި މަައްސަލާގައި އިންޑިއާގެ ބައެއް މަދަނީ ޖަމިއްޔާތަކުން ވަނީ އެ ސަރަހައްދަށް ފެކްޓް ފައިންޑިން ޓީމެއް ފޮނުވާފައެވެ. އެ ޓީމުން ފާހަގަކުރި ގޮތުގައި ގެތައް ތަޅާލުމުގެ ތެރޭގައި އެގެތަކުގައި އުޅޭ އަންހެނުންނަށް ވަނީ އަނިޔާވެފައެވެ. އަދި ގޭގައި ހުރި އަގުބޮޑު މުދަލާއި ހިފާ ގެންގުޅޭ ސާމާން ނެރުމަށްވެސް ޑީޑީއޭ އިން، ފުރުސަތު ނުދޭކަން އެ ޓީމުން ފާހަގަކޮށްފައިވެއެވެ.
އެ ގެތައް ތަޅާލީ އެ ގެތައް ހުރި ބިމަކީ އަމިއްލަ ކުންފުންޏެއްގެ ބިމެއް ކަމަށްބުނެއެވެ. މީގެކުރިން އެ މައްސަލާގައި ދިއްލީގެ ކޯޓަކުން ވަނީ އެގެތައް ހުރީ އަމިއްލަ މީހެއްގެ ބިމެއްގައިތޯ ބެލުމަށް ސާވޭއެއް ކުރުމަށް އަމުރުކޮށްފައެވެ. އެކަމަކު އެގެތައް ތަޅާލީ އެފަދަ ސާވޭއެއް ކުރުމެއް ނެތިއެވެ.
އިންޑިއާގެ ވެރިކަމަށް ހަރުކަށި ފިކުރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އައުމަށްފަހު އިންޑިއާގެ މުސްލިމުންނަށް މިފަދަ އެތައް ކަމަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.