ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެފްސީ ޝެރިފް ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ލީގުގެ ގްރޫޕް "އީ" ގައި ޔުނައިޓެޑް އޮތީ 12 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. ނަމަވެސް ޔުނައިޓެޑަށް ބާކީ އަދި އެއް މެޗް އެބައޮތެވެ. މި މެޗުން ޔުނައިޑެޓް މޮޅުވެއްޖެނަމަ އެޓީމަށް ތާވަލުގެ އެއްވަނައިގައި އޮވެ ގްރޫޕް ސްޓޭޖް ނިންމާލުމުގެ ފުރުސަތު އެބައޮތެވެ.
މި މެޗްގެ ފުރަތަމަ ހާފް ފަށައިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަ ހަމަ ކުޅުމުކެވެ. ނަމަވެސް މެޗްގެ 44 މިނެޓުގައި މެންޗެސްޓާއިން ވަނީ މެޗްގެ ލީޑު ނަގައިފައެވެ. ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައި އޮވެއެވެ.
މެޗްގެ ދެވަނަ ހާފްގައި މުޅިންހެން ކުޅުނީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑްގެ ދެވަނަ ގޯލްޖަހައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ.
ޔުނައިޓެޑްގެ ތިންވަނަ ލަނޑަކީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ޖެހި 701 ވަނަ ގޯލެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ޓޮޓެންހަމް އެންމެ ފަހުން ބައްދަލު ކުރި މެޗްގައި ރޮނަލްޑޯ ވަނީ މެޗް ނުނިމެނީސް ބެންޗް ދޫކޮށް ގޮސްފައެވެ. އޭނާގެ އެ އަމާއި ގުޅިގެން އެންމެފ ފަހުން އެޓީމު ކުޅުނު މެޗްގައި ރޮނަލްޑޯއަށް ކުޅުމުގެ ފުރުސަތު ނުދީ ކޯޗް ވަނީ އޭނާއާ މެދު ފިޔަވަޅު އަޅައިފައެވެ.