Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ވަހީދު

ޑރ.މުނައްވަރުގެ ލަފައެއް ނެތި ޗާގޮސް މައްސަލާގައި ގޮތެއް ނިންމުމަކީ ގޯހެއް: ރައީސް ވަހީދު

ރާއްޖޭގެ ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރަކީ ކަނޑުގެ ޤާނޫނުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގެ މާހިރެއްކަމުގައިވާއިރު ޗާގޮސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ސަރުކާރުން އޭނާގެ ލަފައެއް ނުހޯދުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްއާއި ރާއްޖެއާ ދެމެދުގައި އޮންނަ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބައިކުރުމަށް މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާ ދެކޮޅަށް މައްސަލައެއް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ސީސްއަށް ހުށަހަޅާފައިވާއިރު، އެ މައްސަލާގައި ސަރުކާރުން ޑރ.މުނައްވަރުގެ އެއްވެސް ލަފައެއް ހޯދާފައިނުވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ހުށަހަޅައި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ރާއްޖޭގެ ފަރާތުން ބުނެފައިވަނީ މޮރިޝަސްއަށް ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިފައިވާކަން ކަށަވަރުނުވާކަމަށެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރު ދިން އިރުޝާދީ ލަފާ (އެޑްވައިޒަރީ އޮޕީނިއަން)އަކީ އެއަށް އަމަލުކުރުން ލާޒިމުކަމެއް ނޫން ކަމުގައިވެސް އެއިރު ރާއްޖެއިން ބުންޏެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރު ދިން ލަފާ ބަލައިގަތުމަށް އެ އަހަރު އދގެ އާންމު މަޖިލީހުގައި ނެގުނު ވޯޓުގައި ރާއްޖެއިން ނިންމާފައިވަނީ އެ ލަފާ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނުމަށެވެ. އެފަދައިން ވޯޓު ދިން ސަބަބެއްކަމަށް ސަރުކާރުން ބުނީ އެ ނިންމުން ބަލައިގަތުމަށް ވޯޓު ދިނުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތުމެވެ.

ޓްރިބިއުނަލަށް ހުށަހެޅުނު މައްސަލައިގެ އަޑުއެހުންތައް ފެށުމާއެކު ރާއްޖެއިން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ހިފަހެއްޓި ސިޔާސަތު ދޫކޮށް ޗާގޮސްގެ މައްޗަށް އޮންނާނީ މޮރިޝަސްގެ ސިޔާދަތީ ބާރުކަމަށް އެއްބަސްވިއެވެ. އަދި އެކަން މޮރިޝަސްއަށް އެންގުމަށް އޯގަސްޓު މަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިއެވެ.

ކަނޑުތަކުގެ ޤާނޫނުގެ މާހިރެއް ކަމުގައިވާ ޑރ.މުނައްވަރު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ މިފަދައިން ރާއްޖޭގެ ވިސްނުމާއި ސިޔާސަތު ނުވަގުތެއްގައި ބަދަލުކުރުމުން މިހާރު ޓްރިބިއުނަލުގައި ހިނގަމުން އަންނަ މައްސަލައަށް އަސަރުކުރާނެ ކަމަށެވެ. އަދި މޮރިޝަސްއިން ބޭނުންވާ ބޭސްލައިނުން ފަށައިގެން ކަނޑުގެ ސަރަހައްދީ އިން ކަނޑައަޅަން ނިންމުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އިތުރަށް ޑރ.މުނައްވަރު ފާހަގަކުރެއްވީ މޮރިޝަސްއިން ބޭނުންވާ ގޮތަށް އެ ސަރަހައްދުގެ އިން ކަނޑައަޅައިފިނަމަ ރާއްޖެއަށް ކަނޑުން ބޮޑު ބައެއް ގެއްލޭނެއެވެ. އަދި ސިނާއީ ފެންވަރުގައި މަސްވެރިކަންކުރުމަށް މޮރިޝަސްއިން ދޫކުރާ ލައިސެންސްތައް ދޫކޮށްގެން އެ ސަރަހައްދުގައި ދާޖަހައިގެން މަސް ނަގަން ފަށައިފިނަމަ އެކަމުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ.މުނައްވަރުގެ ވާހަކަފުޅާ ގުޅިގެން ރައީސް ޑރ.ވަޙީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ.މުނައްވަރަކީ ލޯ އޮފް ދަ ސީސްގެ ދާއިރާގައި ބައިނަލްއަޤުވާމީ ފެންވަރުގެ މާހިރެއް ކަމަށެވެ. އަދި މުނައްވަރުގެ ލަފައަކާ ނުލައި ދިވެހި ސަރުކާރުން އެފަދަ ބޮޑު ކަމެއްގައި ގޮތެއް ނިންމުމަކީ ގޯހެއްކަމަށްވެސް ޑރ.ވަޙީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ