ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަންގެ ވަފުދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އާ ބައްދަލު ކުރައްވައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެކޯލިޝަނުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން މިއަދު ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ އެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ވަރަށް ކަންބޮޑުވާކަމަށް ޔޫރަޕިއަން ޔޫނިއަން އިން ހާމަކޮށްފައިވާ ކަމަށެވެ.
މިއަދުގެ އެބައްދަލުވުމުގައި އެންމެ އިސް ކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީން އެދިވަޑައިގެންފައިވަނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ރާއްޖޭގެ ރަށްރަށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އެހީ ހޯދުމަށެވެ. އަދި ތަރައްގީގެ އެކިދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
ހީނާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އޮތްކަން، އަދި މިނިވަން ޖުޑިޝަރީއެއް ނެތުމުގެ ކަންބޮޑުވުން ރައީސް ޔާމިން ފާޅުކުރައްވާފައިވާ ކަމަށެވެ.
މީގެއިތުރުން މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑެތި މައްސަލަތަކާގުޅޭގޮތުން އިދިކޮޅަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
"ޔޫރަޕިއަން ޔޫނިއަންގެ ވަފްދުންވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ވަރަށް ކަންބޮޑުވާކަން ފާޅުކޮށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދަރަނީގެ މައްސަލަ ޙައްލުކުރައްވާނީ ކިހިނެއްތޯ އޮޅުންފިލުވާފައި. ރައީސް ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލައަކީ ޙައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެކަމަށް ޙައްލު ހޯއްދަވާނެ ކަމަށް." ރައީސް ޔާމިން ވިދާޅުވި ކަމަށެވެ.
އިދިކޮޅުން ވަނީ މިސަރުކާރުން ދަރަނި ނަގައިގެން ބޭނުންކުރަމުންދަނީ ކޮންސިއުމަބްލް ކަންކަމަށް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވައިފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ މައުލޫމާތު ހިއްސާކުރެއްވި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.