ޗާގޯސް ނުވަތަ ފޯޅަވެއްސާއި ރާއްޖޭގެ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދު ބަހައިލުމުގެ މައްސަލައަކީ މި ވަގުތު ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަކަށް ހުއްޓިފައި އޮތް މައްސަލައެކެވެ. އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި، މިހާރު ކަން ހިނގަމުންދާ ގޮތުން އުފެދޭ ސުވާލުތައް ބައިވަރެވެ. އެ ސުވާލުތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބު ލިބުމަކީ ދިވެހި ރައްޔިތުން އެދޭ ކަމެކެވެ. މިކަމުގައި ފާހަގަވާ ބައެއް ޙަޤީޤަތްތަކާއި ސަރުކާރުން ޖަވާބުދާރީވާންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލަންޖެހެއެވެ.
ޗާގޯސްއަކީ ދިވެހިރާއްޖޭގެ ދެކުނުން ރާއްޖެއާ 500 ކިލޯމީޓަރު ދުރުގައި އޮންނަ 60 ރަށް ހިމެނޭ 7 އަތޮޅެކެވެ. އެންމެ ފުރަތަމަ އިނގިރޭސީންގެ މިލްކިއްޔާތަށް އެ ރަށްތައް އައީ ފުރާންސުން އެ ރަށްތަކާއި މޮރިޝަސް އިސްތިއުމާރުކުރުމަށްފަހު، އިނގިރޭސިވިލާތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން މޮރިޝަސްއާއި ޗާގޯސް އިނގިރޭސިވިލާތާ ހަވާލުކުރުމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިސްތިއުމާރުކުރެވިފައި ހުރި ސަރަހައްދުތައް މިނިވަންކުރަން އިސްތިއުމާރީ ބާރުތަކުން ފެށިއެވެ. އެ ސަރަހައްދަކީ މި ދުވަސްވަރު، 1965 ވަނަ އަހަރުގައި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓޯރީ ޤާއިމުކުރުމަށް އިނގިރޭސިވިލާތުން އެ އަތޮޅުތައް މޮރިޝަސްގެ އަތުން ޖުމްލަ 3 މިލިއަން ޕައުންޑުގެ އަގަކަށް ގަތެވެ. އޭގެ އަހަރު ދުވަސް ފަހުން 1966 ވަނަ އަހަރުގައި އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލެވި އެ ސަރަހައްދުން އެމެރިކާ ބޭނުންވާ ރަށެއްގައި އަސްކަރީ ބޭސްއެއް ޤާއިމުކުރުމަށް ހުއްދަ ދިނެވެ.
ޗާގޯސް ގަތުމާއި އެ ރަށްތަކުގައި އަސްކަރީ ބޭސްއެއް ޤާއިމުކުރުމަށް އެމެރިކާއާއެކު އިނގިރޭސިވިލާތުން އެއްބަސްވުމުގެ މުއާމަލާތްތައް ހިންގާފައިވަނީ މޮރިޝަސްއަށް 1968 ވަނަ އަހަރުގައި މިނިވަންކަން ލިބުމުގެ ކުރިންނެވެ. މިއީ އިނގިރޭސިވިލާތާއި މޮރިޝަސްގެ މެދުގައި އުފެދިފައިވާ ޚުޞޫމަތުގެ އަސްލެވެ.
ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދު Exclusive economic zone ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން 1992 ވަނަ އަހަރުގައި އެއިރު ޗާގޯސްގެ މިލްކުވެރިކަމާއި އެ ރަށްތަކުގެ މައްޗަށް ސިޔާދަތު އޮތް އިނގިރޭސިވިލާތާއެކު ދިވެހިރާއްޖެއިން އެއްބަސްވުމަކަށް ވާސިލުވިއެވެ. އެ އެއްބަސްވުމުގައި ދެ ދައުލަތުން އެއްބަސްވީ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައި އޮތް ސަރަހައްދުގެ ތެރެއިން އެއްތަންވާ ބައި، ދެ ޤައުމުން އެއްބަސްވާ ސަރަހައްދަކުން ފަށައިގެން "އެކުއިޑިސްޓޭންސް"ގެ އުސޫލުން ބައިކުރުމަށެވެ.
އެކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރުމުގެ މަބްދައަކީ ދެ ޤައުމެއްގެ އިޤުތިޞާދީ ސަރަހައްދުގެ ތެރެއިން އެއްވާ ބައި، ހަމަހަމައަށް ބައިކުރުމަށް ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އޮންނަ މަބްދައު ނުވަތަ އުސޫލެވެ. އެ އުސޫލަށް ދެ ޤައުމުން އެއްބަސްވީ ނަމަވެސް އިނގިރޭސިވިލާތުގެ ފަރާތުން އެ އެއްބަސްވުމުގެ މައްޗަށް އެކުލަވައިލައި ލިޔުނު އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފައިނުވެއެވެ.
އެހެންނަމަވެސް އިނގިރޭސިވިލާތުންވަނީ އެއިރު އެއްބަސްވި ގޮތަށް އެ ސަރަހައްދު ބަހައިލާ ކޯޑިނޭޓްސް ހިމަނައިގެން އެ ސަރަހައްދުގެ ޗާޓުތައް އެކުލަވައިލާ އާންމުކޮށްފައެވެ. އަދި މިހާރު ބޭނުންކުރާ ޗާޓުތަކުގައި ރާއްޖޭގެ ސަރަހައްދުކަމަށް ފެންނަ ސަރަހައްދަކީ އެއިރު އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވި، ރަސްމީކޮށް އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިނުކުރެވި ހުރި އިންތަކެވެ.
މޮރިޝަސްއާއި ޗާގޯސްގެ މައްސަލަ ފެށުނު ހިސާބަކީ އެ ރަށްތައް އިނގިރޭސި ދައުލަތުން ގަނެ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓޯރީ" ޤާއިމުކުރީ މޮރިޝަސްއަށް މިނިވަންކަން ދިނުމުގެ ކުރިންކަމަށްވުމާއެކު، އެއީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ހިންގި މުއާމަލާތެއް ކަމުގައި އެ ޤައުމުން ޤަބޫލުކޮށް، އެ އަތޮޅުތަކުގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތީ ބާރުކަމަށް ދައުވާކުރަން ފެށި ހިސާބުންނެވެ.
އިނގިރޭސިވިލާތުން އަބަދުވެސް ބުނަމުން އައިސްފައިވަނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ޗާގޮސްގެ މައްޗަށް ހިނގާނީ އެ ޤައުމުގެ ސިޔާދަތީ ބާރު ކަމަށެވެ. ނަމަވެސް އެ ރަށްތަކުގެ އިސްތިރާޖީ އަސްކަރީ ބޭނުން ނިމުމުން އެ ރަށްތައް އަނބުރާ މޮރިޝަސްއަށް އިއާދަކުރުމަށް އިއުތިރާޒެއް ނުކުރާ ކަމަށްވެސް އިނގިރޭސިވިލާތުން ބުނެއެވެ.
މި މައްސަލާގައި އިނގިރޭސިވިލާތާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް މޮރިޝަސްއިން ހުށަހެޅި މައްސަލާގައި އެ ކޯޓުން 2019 ވަނަ އަހަރު އެޑްވައިޒަރީ އޮޕީނިއަން ނެރުނީ އިނގިރޭސިވިލާތާ ދެކޮޅަށް މޮރިޝަސްއާ އެއްކޮޅަށް ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށް ކަނޑައަޅައެވެ. އަދި އިނގިރޭސިވިލާތުން އެ ސަރަހައްދުގެ މައްޗަށް ހިންގަމުންދާ ބާރު ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލުނުކުރެއެވެ.
މި މައްސަލާގައި ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައްސަލައެއް އުފަންވި ހިސާބަކީ، 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް އިތުރަށް ފުޅާކޮށް، އައު ކޯޑިނޭޓްސް ކަނޑައަޅައި އައްޑޫން ފެށިގެން ދެކުނަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގެ ތެރެއަަށް ހިމެނުމަށް ދިވެހި ސަރުކާރުން އދ.އަށް ހުށަހެޅުމުންނެވެ.
އެ ހިސާބުން މޮރިޝަސްއިން ރާއްޖޭގެ ހުށަހެޅުމަށް އިއުތިރާޒުކޮށް ދެކޮޅު ހެދީއެވެ. އަދި އެ މައްސަލާގައި ޤާނޫނި ފިޔަވަޅު އަޅަން މޮރިޝަސްއިން ނިންމައި ރާއްޖެއާއި ޗާގޮސްގެ މެދުގައި އޮންނަ ކަނޑުގެ ސަރަހައްދުން އެއްވާ ބައި ބެހުމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އައިޓީއެލްއޯއެސް)އަށް ހުށަހެޅީއެވެ. ހުށަހެޅިއިރު އިނގިރޭސިވިލާތުން އެ ސަރަހައްދުގެ އިން ކަނޑައެޅުމުގައި ޗާގޮސްގެ އިން ފެށޭ ހިސާބުކަމަށް ބެލި ހިސާބުގެ ބަދަލުގައި އެހެން ހިސާބެއް ކަނޑައެޅީއެވެ.
މޮރިޝަސްއިން ގެނައި އެ ބަދަލާއެކު، ޗާގޮސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވާ ސަރަހައްދު އިތުރަށް ބޮޑުވެ 96،000 އަކަ ކިލޯމީޓަރަށްވީއެވެ. މިހާރު އައިޓީއެލްއޯއެސްގައި ފެށިގެން ކުރިއަށްދަނީ މި މައްސަލައިގެ އަޑުއެހުންތަކެވެ. ރާއްޖެއިން ބޭނުންވަނީ ރާއްޖޭގެ ބޭސްލައިން ނުވަތަ އިން ފެށޭ ހިސާބުން ފެށިގެން 200 ނޯޓިކަލް މޭލު ރާއްޖޭގެ ސަރަހައްދަށް ހިމަނާށެވެ. ޗާގޮސްއިން ބޭނުންވަނީ އެ ޤައުމުން ހުށަހަޅާ ބޭސްލައިނުން ފެށިގެން ދެ ޤައުމުގެ ސަރަހައްދުން އެއްވާ ސަރަހައްދު އެކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރާށެވެ.
މިހާރު ހިނގަމުންދާ ބަހުސް ގުޅެނީ މީގެ ކުރިން ދިވެހި ސަރުކާރުން ގެންގުޅުނު ވިސްނުމެއް ކުއްލިއަކަށް ބަދަލުވުމާއެވެ. އެ ވިސްނުން ބަދަލުވި ސަބަބެއް މިހާތަނަށް ސާފުނުވުމާއެވެ. ސަރުކާރުގެ ވިސްނުން ބަދަލުވީ އައިޓީއެލްއޯއެސްގައި ކުރިއަށްދާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ނޫންކަމަށް ސަރުކާރުން ބުނާ ބުނުމަކީ ރަނގަޅު ވާހަކައެކެވެ. ވިސްނުން ބަދަލުވީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮތް ޤައުމަކާމެދު އޮތް ވިސްނުމާމެދުއެވެ. ކުރިން ރާއްޖެއިން ބުނަމުން އައީ އެ ޤައުމަކީ އިނގިރޭސިވިލާތް ކަމަށެވެ. މިހާރު ބުނަނީ މޮރިޝަސް ކަމަށެވެ.
ސުވާލުތައް އުފެދެނީ މިކަމުގައި ސަރުކާރުގެ ވިސްނުން ބަދަލުވި ސަބަބުތަކާމެދުއެވެ. ކުރިން އިނގިރޭސިވިލާތުގެ ދައުވާއަށް ރާއްޖެއިން ތާއީދުކޮށް، މޮރިޝަސްގެ ދައުވާއާ ދެކޮޅު ހެދި މައިގަނޑު ސަބަބެއްކަމަށް އެއިރު ސަރުކާރުތަކުގައި މަސައްކަތްކުރެއްވި ތަޖުރިބާކާރު ވަކީލުން ވިދާޅުވަނީ މޮރިޝަސްއިން އިން ވަކިކުރުމާމެދު ގެންގުޅޭ ވިސްނުމެވެ. ޗާގޮސްގެ އިން ފެށޭ ހިސާބުކަމަށް މޮރިޝަސްއިން ބުނާ ހިސާބުން ފަށައިގެން ޗާގޮސްގެ އިން ކަނޑައަޅައިފިނަމަ، އަދި އެ އިމަށް ބަލައިގެން އެކުއިޑިސްޓޭންސްގެ ތަތުބީގުކޮށްފިނަމަ ރާއްޖެއަށް ގެއްލޭ ސަރަހައްދު ބޮޑުވުމުންނެވެ.
މި ވިސްނުމަކީ ހަމައެކަނި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ވިސްނުމެއް ނޫނެވެ. 2017 ވަނަ އަހަރުގައި ރައީސް ޔާމީނުގެ ސަރުކާރުގައި މި މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިން ފަދައިން 2019 ވަނަ އަހަރު މި ސަރުކާރުންވެސް އެ ސިޔާސަތު ހިފަހައްޓައި އައިސީޖޭގެ ނިންމުން ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނެވެ. ސަރުކާރުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ އައިސީޖޭގެ ނިންމުމަކީ މިހާރު ގިނަ ޤައުމުތަކުން ޤަބޫލުކޮށްފައިވާ ނިންމުން ކަމަށެވެ. ޙަޤީޤަތަކީ 2019 ވަނަ އަހަރުގައިވެސް ގިނަ ޤައުމުތަކުން ބަލައިގަނެފައިވަނީ އައިސީޖޭގެ ނިންމުމެވެެ. އެއީ މޮރިޝަސްއާ އެއްކޮޅަށް އިނގިރޭސިވިލާތާ ދެކޮޅަށް ނިމުނު ނިންމުމެކެވެ.
އޭގެ ފަހުން 2021 ވަނަ އަހަރުގައި އައިޓީއެލްއޯއެސްގައި އޮތް އަޑުއެހުމެއްގައިވެސް ސަރުކާރުން ވަކާލާތުކުރީ އައިސީޖޭއިން 2019 ވަނަ އަހަރު ނިންމުމެއް ނިންމައި އެ ނިންމުން އދގެ އާންމު މަޖިލީހުގެ އަޣުލަބިއްޔަތުން ބަލައިގަނެ، ޗާގޮސްގެ މައްޗަށް އޮންނާނީ މޮރިޝަސްގެ ސިޔާދަތުކަމަށް ޤަބޫލުކުރި ނަމަވެސް ރާއްޖެއިން ދެކޭ ގޮތުގައި ޗާގޮސްގެ މައްޗަށް ހިނގަނީ އިނގިރޭސިވިލާތުގެ ސިޔާދަތު ކަމަށެވެ. އަދި އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާ ޤައުމުގެ މައްސަލަ ނުނިމެނީސް މޮރިޝަސްއިން ހުށަހެޅި މައްސަލަ އެ ޓްރައިބިއުނަލުގައި ނުހިންގޭނެ ކަމަށެވެ.
މިކަންކަމަށް ބަލާއިރު، ގިނަ ޤައުމުތަކުން މޮރިޝަސްއަށް ތާއީދުކުރުމަކީ ރާއްޖެއިން މޮރިޝަސްއަށް އިއުތިރާޒުކުރުމުގެ ގޮތުން ނިންމާފައި އޮތް ސިޔާސަތެއް ބަދަލުކުރަންޖެހޭ ސަބަބެއް ނޫންކަމަށާއި، އެ ސިޔާސަތު ބަދަލުކުރާނަމަ، ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވިގެން ރާއްޖެއަށް މޮޅު ގޮތެއް ލިބެންޖެހޭނެކަމަށް ޚާރިޖީ ދާއިރާގައި މަސައްކަތްކުރެއްވި ތަޖުރިބާކާރަކު ވިދާޅުވިއެވެ.
މިހާތަނަށް އެކަށީގެންވާ ގޮތެއްގައި އެ ނިންމުން ބަދަލުކުރި ސަބަބު ސަރުކާރުން ސާފުކޮށްނުދެއެވެ. ހަމައެކަނި ބުނަނީ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމާމެދު ސަރުކާރުގެ ވިސްނުން ބަދަލުނުވާ ކަމަށެވެ.
ބައެއް ސިޔާސީ ބޭފުޅުން އަންނަނީ ސަރުކާރުގެ ސްޓޭންޑް ބަދަލުވީ އިންޑިއާގެ ސަބަބުންކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރު ކޯލިޝަނުގެ ދެވަނައަށް އެންމެ ބޮޑު ޕާޓީކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސް ތުހުމަތުކުރެއްވީ މިފަދަ ނިންމުމެއް ނިންމައިގެން އުޅެނީ "ބޮޑުބޭބެ" އެދިގެން ކަމަށެވެ. "ބޮޑުބޭބެ"އަކީ ކާކުކަން ނުވަތަ ކޮން ބައެއްކަން ތަފުސީލުނުކުރެއްވި ނަމަވެސް އެއީ އިންޑިއާކަމަށް ބެލެވޭނެ ސަބަބުތައް އެބަހުއްޓެވެ.
ސިޔާސީ ގުޅުންތަކުގެ ބޭރުން އިންޑިއާއާއި މޮރިޝަސްއަކީ ނަސްލީ ގޮތުންނާއި ދީނީ ގޮތުން ލާމެހިފައިވާ ދެ ޤައުމެވެ. މޮރިޝަސްގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަކީ އިންޑިއާ ނަސްލަށް ނިސްބަތްވާ މީހުންނެވެ. އާބާދީގެ 48 އިންސައްތައަކީ ހިންދޫންނެވެ. މިއީ އިންޑިއާއިން ބޭރުގައި ޤައުމެއްގައި އޮތް ނިސްބަތުން އެންމެ ބޮޑު ހިންދޫ އާބާދީއެވެ.
ސިޔާސީ ގުޅުމަށް ބަލާއިރު މޮރިޝަސްއަކީ އިންޑިއާގެ މުހިއްމު ބައިވެރިއެކެވެ. އެގޮތުން އިންޑިއާއިން ސިއްރިއްޔާތުގައި މޮރިޝަސްގައި އަސްކަރީ ބޭސްއެއް ތަރައްޤީކުރުމުގެ މަސައްކަތް 2015 ވަނަ އަހަރުން ފެށިގެން ކުރަމުންދާކަން އަލްޖަޒީރާގެ ތަހުގީގަކުންވަނީ ފަޅާއަރާފައެވެ. އިންޑިއާއިން އަންނަނީ މޮރިޝަސްއަށް ގިނަ ގޮތްގޮތުން އެހީތެރިވަމުންނެވެ. ދަރަންޏަށް ފައިސާ ދިނުމާއި، ހިލޭ އެހީގެ ގޮތުގައި ފައިސާ ދެމުންދެއެވެ.
މިކަންކަމަށް ބަލާއިރު ޗާގޮސްގެ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލުކޮށް އިނގިރޭސިވިލާތާ ދެކޮޅަށް މޮރިޝަސްއަށް ތާއީދުކުރުމަކީ އިންޑިއާއިން ބޭނުންވެގެން ރާއްޖެއިން ނިންމި ނިންމުމެއް ކަމުގައިވުމަކީ ގާތް ކަމެއްކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ޚާރިޖީ ދާއިރާގެ ޚަބީރު ވިދާޅުވިއެވެ.
މިކަމުގައި ރައްޔިތުންގެ ސުވާލުތައް ގުޅެނީ ސިޔާސަތު ބަދަލުވި ސަބަބާއެވެ. އެ ސިޔާސަތު ބަދަލުކުރުމުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކާއި ލިބިދާނެ ފައިދާއަކާއެވެ. އަދި އެ ނިންމުމުގެ ސަބަބުން އައިޓީއެލްއޯއެސްގެ ނިންމުމަށް އަސަރުކުރާނެ އިހުތިމާލު އޮތް މިންވަރާމެދުއެވެ. މި ސުވާލުތަކަށް ސަރުކާރުން ސާފު ޖަވާބެއް ދޭންޖެހެއެވެ.