ޔޫކުރެއިނުގެ ކަރަންޓު ވިއުގައިގެ މުހިއްމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިޔާއިން ގިނަ އަދަދެއްގެ ކުރޫޒު މިސައިލު ފޮނުވައިފިއެވެ. މި ހަމަލާތަކުގެ ސަބަބުން ޔޫކުރެއިނުގެ ބައެއް ސަރަހައްދުތަކުން ސިލްސިލާ ގޮތެއްގައި ކަރަންޓު އަންނަނީ ކެނޑެމުންނެވެ.
ޔޫކުރެއިނުގެ މަސްއޫލުވެރިން ބުނި ގޮތުގައި މި މަހު ކުރީ ކޮޅުގައި ޔޫކުރެއިނުގެ ހަކަތައިގެ ދާއިރާގެ އުމްރާނީ ވަސީލަތްތަކަށް ރަޝިޔާއިން ދޭން ފެށި ސިލްސިލާ ހަމަލާތަކުގެ ތެރެއިން މި ހަމަލާތަކަކީ މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ދިން ހަމަލާތައް ކަމަށެވެ. ރަޝިޔާގެ ސިލްސިލާ ހަމަލާތަކުގެ ބޭނުމަކީ ފިނި މޫސުމުގެ ކުރިން ޔޫކުރެއިނުގެ ހަކަތައިގެ ވަސީލަތްތައް މަދުކުރުމެވެ.
އޮކްޓޯބަރު 10 ވަނަ ދުވަހުގައި ރަޝިޔާގެ ރައީސް ވަލްޑަމިއަރް ޕުޓިން އިއުލާނުކުރެއްވި މި ކެމްޕޭން ޔޫކުރެއިނާއި ހުުޅަނގުގެ ޤައުމުތަކުންވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ޖަރުމަންވިލާތުގެ ބޮޑުވަޒީރު އޯލާފް ސްކޯލްޒް ވިދާޅުވި ގޮތުގައި މިއީ ހަނގުރާމައިގެ ޖަރީމާތަކެކެވެ.
ޔޫކުރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އަންޑްރީ ޔަރްމަކް ސިފަކުރެއްވި ގޮތުގައި މި ހަމަލާއަކީ އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިޔާއިން ދެމުންދާ ޓެރަރިސްޓު ހަމަލާތަކެކެވެ.
ޔޫކުރެއިނުގެ ވައިގެ ސިފައިންގެ ކޮމާންޑުން ނެރު ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާގެ ހަމަލާތަކުގައި މަދުވެގެން 33 ކުރޫޒް މިސައިލު ބޭނުންކުރި ކަމަށެވެ. އެއިން 18 މިސައިލެއް ވައިގެ ދިފާއީ ނިޒާމުގެ އެހީގައި ވައްޓައިލި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޔޫކުރެއިނުގައި ހަކަތަ ފޯރުކޮށްދޭ ކުންފުނި ޔޫކްރެނާޖޯއިން ބުނެފައިވަނީ މި ހަމަލާއިން ލިބުނު ގެއްލުމަކީ އޮކްޓޯބަރު 10-12 ގައި ރަޝިޔާއިން ދިން ހަމަލާތަކުން ލިބުނު ގެއްލުންތަކާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު ގެއްލުންތަކެއް ކމަަށެވެ.
ޒެލެންސްކީ ސަރުކާރުގެ ދެވަނައަށް އެންމެ އިސްވެރިޔާ ކީރްލޯ ޓީމޮޝެންކޯ ވިދާޅުވެފައިވަނީ ހޮނިހިރުދުވަހުގެ ހަމަލާތަކާ ގުޅިގެން 1.5 މިލިއަން ޔޫކުރެއިނު ރައްޔިތުންނަށް އަސަރުކުރާނެ ކަމަށެވެ.
ޚްމެލްނީޓްސްކީއާއި ލަސްކާއި ރިވްނީއާއި ބަނދަރު ސިޓީއެއް ކަމުގައިވާ އޮޑެސާއަށް މި ހަމަލާތަކުގެ ސަބަބުން އަސަރުކޮށްފައިވެއެވެ. މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުގައި މި ސިޓީތަކުން ކަރަންޓު ކެނޑި ބައެއް ސަރަހައްދުތަކުން ގިނަ އަދަދަކަށް ދުން އަރާ މަންޒަރު ފެނެއެވެ. މި ހަމަލާތަކުގައި ބަޔަކު މަރުވިކަން އަދި ކަށަވަރުނުވެއެވެ.