މަޝްހޫރު ވާޢިޡު މުފުތީ މެންކު ރާއްޖެއަށް މި މަހު ކުރައްވާ ދަތުރުފުޅުގައި މާލެއާއި ހުޅުމާލެ އަދި ދެކުނުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ދަރުސްތަކެއް ދެއްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މުފުތީ މެންކުގެ ދަތުރުފުޅުގައި ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ މާލޭގައެވެ. އެ ދަރުސް ދެއްވަން ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ. އެއީ އޮކްޓޯބަރު 28 ވަނަ ދުވަހުގެ ރޭ 8:45 ގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ދަރުހުގެ މައުޟޫޢަކީ ނަފުސާނީ ބަލިތަކާއި ޑިޕްރެޝަން އަދި އެންޒައިޓީއެވެ.
އިސްލާމްދީނާއި ކުލުނުގެ މައްޗަށް އަލިއަޅުވައިލައްވާ މުފުތީ މެންކުގެ ދެވަނަ ދަރުސް އޮންނާނީ ފުވައްމުލައް ސިޓީގެ ރަސްމީ ސްޓޭޑިއަމުގައި، އޮކްޓޯބަރު 29 ވަނަ ދުވަހުގެ ރޭ 8:45 ގައެވެ.
އައްޑޫ ސިޓީގައި މުފުތީ މެންކު ދެއްކާ ދަރުސްގެ މައުޟޫޢަކީ މަސައްކަތްތެރި މުސްލިމަކަށްވުމާ ބެހޭ ދަރުސް އޮންނާނީ އޮކްޓޯބަރު 30 ވަނަ ދުވަހުގެ ރޭ 8:45ގައެވެ. އެ ދަރުސް އޮންނާނީ އައްޑޫ ސިޓީ ސްކޮއާގައެވެ.
އެންމެ ފަހު ދަރުސް އޮންނާނީ 31 އޮކްޓޯބަރުގެ ރޭގަނޑު ހުޅުމާލޭ ސިންތެޓިކް ޓުރެކުގައެވެ. އެ ދަރުސހުގެ މައުޟޫޢަކީ އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭ ގޮތުން ދެއްވާ ދަރުހެކެވެ.
މުފްތީ މެންކުގެ މި ދަތުރުފުޅުގައި، އަންނަ ހުކުރުދުވަހު މާލޭގެ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުނަމާދު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.