Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަނގަޅު ޞިއްޙީ ވައްޓަފާޅި

ދަތާއި ސިއްޙީ ދުޅަހެޔޮކަން، ގުޅުމަކީ ކޮބާ؟

ދަތަކީ ހައިރާންކުރުވަނިވި ގުނަވަނެކެވެ. މީހާގެ ހުލްގުގެ އަލި ފާޅުވާ އެންމެ ފާޅުކަންބޮޑު ދޮރާއްޓަކީ އޭނާގެ ހިނިތުންވުން ކަމުގައި ވީއިރު ދަތުގެ މުހިންމުކަން ނުދަންނަ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަލަށް ބައްދަލުވާ މީހެއްގެ ފިނިހޫނުމިން ދެނެ ގަންނަނީ އޭނާ ތިބާއަށް ދޭ ހިނިތުންވުމަކާއި އަދާކުރާ އިހްތިރާމަކުންނެވެ.

ދަތަކީ ހައިރާންކުރުވަނިވި ގުނަވަނެކެވެ. ދަތްތައް ރަގަޅަށް އުފެދި ފުރިހަމަވެފައިވާ މީހުންގެ ކޮންމެ އިންސާނެއްގެ އަނގައިގެ ތެރޭގައި 32 ދަތް ހުރެއެވެ. ދަތުގެ ރިކޯޑްތަކުގެ އެހީގައި މަރުވެފައިވާ މީހަކީ ކާކުކަން ދެނެގަނެވޭއިރު، އުމުރުން 25 އަހަރު ވާންދެން މީހެއްގެ ޢުމުރު ދެނެގަނެވެއެވެ. މީހަކު ގައިގައި ދަތްއަޅާފައިވާ ނިޝާން ފާހަގަކޮށްގެން އެމީހަކުގެ ގައިގައި ދަތްއެޅީ ކާކުކަންވެސް ދެނެގަނެވެއެވެ.

ސައިންސްގެ އަލީގައި ދަތާއި ސިއްހީ ދުޅަހެޔޮކަން

އިންސާނާ ދުނިޔޭގައި އޭނާގެ ދަތްތަކުގެ ދުޅަހެޔޮކަމަކީ އޭނާގެ ހަށިގަނޑުގެ ސިއްހީ ދުޅަހެޔޮކަމާއި ސީދާ ގުޅިފައިވާ ކަމެއްކަމަށް ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޢިލްމުވެރިން އެއްބަސްވެއެވެ. ދަތާއި އަނގައިގެ ސާފުތާހިރުކަން ބެލެހެއްޓުމާއި މެދު ފަރުވާ ކުޑަކޮށްފިނަމަ ޑެންޓަލް ކެވިޓީތައް އުފެދުމާއި ހިރުގަނޑުގެ ބަލިތަކަށް މަގުފަހި ކުރުވައެވެ. އަދި ސިއްޙީ މާހިރުން ގަބޫލުކުރާގޮތުގައި ދަތާއި ހިރުގަނޑުގެ ބަލިތަކަކީ ހިތުގެ ބައްޔާއި، ކެންސަރާއި، ހަކުރުބައްޔަށް މަގުފަހިކުރުވާ ފަރުދާވެރި މޭސްތިރިއެކެވެ.

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްކޫލް އުމުރުފުރާގެ 60-90 އިންސައްތަ ދަރިވަރުންގެ ދަތްތަކުގައި ކޮންމެވެސް ބާވަތެއްގެ ކެވިޓީއެއް އުފެދިފައިވެއެވެ. އަދި ބޮޑެތި މީހުންގެ މިއަދަދު އުޅެނީ 100 އިންސައްތައިގައެވެ. ދަތުގެ ކެވިޓީއެކޭ ބުނެވޭ ބަހުގެ މާނައަކީ ދަތް ހަލާކުވެ، ދަތުގެ އިމާރާތުގައި ލޯވަޅު އުފެދިފައިވުމެވެ. ކެވިޓީ އުފެދުމަކީ އާންމު ގޮތެއްގައި ތަދުވާ ކަމެއް ނޫނެވެ. އަދި ތުއްތުކުދިން ހިމެނޭގޮތަށް ދަތް ހުންނަ ކޮންމެ މީހެއްގެވެސް ދަތުގައި ކެވިޓީ އުފެދުމުގެ ފުރުސަތު އޮވެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި، ކޮންމެ އެއްލައްކަ މީހެއްގެ ތެރެއިން އެކަކު ނުވަތަ ދިހަ މީހުންނަކީ އަނގައިގެ ކެންސަރު ޖެހިފައިވާ މީހެކެވެ. އަދި ފަގީރު ގައުމުތަކާއި ފަގީރު ހިސާބުތަކުގައި މިއަދަދުތައް އިތުރެވެ.
ފަހުގެ އަހަރުތަކަށް ބަލާއިރު އަނގައިގެ ބަލިތަކާއި، ދަތުގެ ދުޅަހެޔޮކަމަށް ދިރާސާވެރިންގެ ނަޒަރު ހުއްޓިފައިވަނީ އެ ބަލިތަކާއި އިންސާނާގެ ދުޅަހެޔޮކަމާއި ގުޅުމެއްވާކަން ދެނެގަނެވިފައިވުމުންނެވެ. އެގޮތުން އަނގައިގެ ދުޅަހެޔޮ ކަމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް އެހީތެރިވާކަމެއް ކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ. މެޔޯ ކްލިނިކްއިން ބުނާ ގޮތުގައި، އަނގައިގައި އުފެދޭ ބެކްޓީރިއާއާއި އިންފްލެމޭޝަންގެ ސަބަބުން ހިތުގެ ބައްޔާއި، ހިތުގެ މަސްގަނޑުގެ ބަލިތަކާއި (އެންޑޯކާރޑައިޓިސް)، ދުވަސްނުފުރާ ވިހެއުމާއި، އުފެދުމުގައި ބަރުދަން ލުއިވުމަށް މަގުފަހު ކުރުވައެވެ.
މެޔޯ ކްލިނިކުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަނގައިގެތެރޭގައި އުފެދޭ ބެކްޓީރިއާ އިންސާނާގެ ލޭގެ ތެރެއަށް ފޭދިގެންދާކަމަށާއި، އޭގެ ސަބަބުން "އިންފެކްޓިވް އެންޑޯކާރޑައިޓިސް" އަށް މަގުފަހުކުރުވާ ކަމަށެވެ. އިންފެކްޓިވް އެންޑޯކާރޑައިޓިސް އަކީ ހިތުގެ ފާރުތަކަށް ޖެހޭ ފުރާނައަށް ނުރައްކާވާ އިންފެކްޝަނެކެވެ. ބައެއް ދަތުގެ ފަރުވާތަކުގެ ކުރިންނާއި ފަހުން ޑެންޓިސްޓުން އެންޓިބަޔަޓިކް ދެނީ މި ބެކްޓީރިއާ ލޭގެ ތެރެއަށް ދޫވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ދަތާއި އަނގައިގެ ބަލިތަކަށް ވާރުތަކުރާ ސަބަބުތައް ބައިވަރެވެ. މިގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދަތް އުނގުޅުމުގައި ގެންގުޅޭ އާދަތަކާއި، ހަކުރު ގިނަ ތަކެތި ކެއުމާއި ބުއިމާއި، ހަކުރު ބައްޔާއި، އަނގަ ހިކޭ ޒާތުގެ ބޭސް ބޭނުންކުރުމާއި، ޖެނެޓިކްސް ނުވަތަ އުފެދުމުގައި ހުންނަ ކަންކަމާއި، ހޯރމޯނަށް އަންނަ ބަދަލުތަކާއި، އެސިޑް ރިފްލަކްސް ނުވަތަ ހާޓްބާން އާއި، ހޮޑުލެވުމަކީ ދަތުގެ ބަލިތަކަށް ވާރުތަކުރާ ކަންކަމެވެ

ދަތާއި އަނގައިގެ ބަލިތަކުން ސަލާމަތްވުން

ދަތުގެ ބަލިތަކަކީ އޭގެ އަލާމާތެއް ފެނުމުގެ ކުރިން އެއަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ސިއްޚީ މާހިރުން އެންމެ ހަރު އަޑުން ގޮވާލާ އެއް ގުނަވަނެވެ. ދަތުގައި ރިހި، އަނގައިގާ ފޮޅުލާ، ހިރުގަނޑުން ލޭއައިސް، ދަތް ދޫވެ، ހިރުގަނޑާއި ދޫ ދުޅަވެ، އަނގަ ހިކި، ކެޔުމާއި ވާހަކަދެއްކުމަށް ދަތިވާން ފެށުމުން އަނގައިގެ ސާފްތާހިރުކަމާއި މެދު ވިސްނުމަށް ލަސްކޮށްފިނަމަ އެކަންކަމަށްވުރެ ބޮޑެތި އުނދަގޫތަކާއި، ފޫނުބެދޭވަރުގެ ހިތަދަތިކަން ކުރިމަތިވެދާނެއެވެ.
މިފަދަ ބަލިތަކުން ރައްކާތެރި ވުމަށްޓަކައި އެޅިދާނެ ބައެއް ފިޔަވަޅުތައް ވަޒަންކޮށްލަމާ ހެއްޔެވެ. އެންމެ ފުރަތަމަ ބަލަން ޖެހެނީ ދަތާއި ހިރުގަނޑުގެ ސާފްތާހިރުކަމަށެވެ. ދެން ދަތާއި އަނގައިގެ ދުޅަހެޔޮކަމަށެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ފްލޯރައިޑް ހުންނަ ދަތްއުނގުޅާ ބޭހަކުން ދަތް އުނގުޅުން

ފްލޯރައިޑް އަކީ އަނގައިގާ ހުންނަ ބެކްޓީރިއާގެ ސަބަބުން އުފެދޭ އެސިޑް ސާފުކޮށް ދަތްތައް ވަރުގަދަކުރާ މާއްދާއެކެވެ. އަދި އޭގެ ސަބަބުން ކެވިޓީ އުފެދުން މަދުކޮށް ދަތް ހަލާކުވުމުން ސަލާމަތްކޮށްދެއެވެ.

ފްލޮސްކުރުން

ފްލޮސްކުރުމަކީ ދަތަށް ހާއްސަކޮށް ހަދާފައި ހުންނަ ރޮދިން ދެދަތް ދޭތެރޭގައި ހަރުލާފައި ހުންނަ ކާތަކެތި ނެއްޓުމެވެ. މިގޮތަށް ކާތަކެތި ހަރުލާފައި ހުންނަ ނަމަ އެތަކެތި ކުނިވެ ބެކްޓީރިއާ އާލާވުން އިތުރުވެގެންދާނެއެވެ.

ކޮންމެ ހަމަހަކުން އެއް ފަހަރު ދަތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން

މިކަމުގެ ސަބަބުން ދަތާއި އަނގައިގެ ބަލިތައް ބޮޑުވުމުގެ ކުރިން ފަރުވާއާއި ހަމައަށް ވާސިލުވުމަށް އެހީތެރިވެދެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހިރުގަނޑުގެ ބަލިތައް އިތުރުވާ ކަމެކެވެ. ދުންފަތުގެ ސަބަބުން ދަތުގެ މަތީގައި އިތުރު ފަށަލައެއް އެޅި، ދަތްތައް ރީނދޫވެ، ޖަރާސީމު އާލާވުމުގެ ސަބަބުން ހިރުގަނޑާއި ދަތް ބަލިވެގެން ދެއެވެ.

ކެއުމާއި ބުއިމަށް ބަދަލުގެނައުން

ކެއުމުގައި ފައިބަރުގެ ބާވަތް އިތުރުކޮށް، ފެޓްގެ ބަޔާއި ހަކުރުގެ ބާވަތްތައް މަދުކުރަން ޖެހޭކަމަށާއި، ތަރުކާރީއާއި މޭވާ ގިނަކުރން ޖެހޭކަމަށް ސިއްހީ މާހިރުން ގަބޫލުކުރެއެވެ. އެގޮތުން، ހަކުރު ގިނަ ބާވަތްތައް ކަމަށްވާ، ޓޮމާޓޯ އަދި ބާބަކިއު ސޯސްތަކާއި، ދަޅުގައި ސިރަޕްގައި ބަންދުކޮށްފައި ހުންނަ މޭވާއާއި، ފްލޭވާ ޔޯގަޓާއި، ޕާސްތާ ސޯސް، އައިސް ޓީ އަދި އެހެނިހެން ފިޒީ ބުއިންތަކުގެ އިތުރުން، ސީރިއަލް ބާރ ތަކާއި، ޖޫސް ޕެކެޓު އަދި މަފިންފަދަ ތަކެތި ގިނަ ގިނައިން ކެއުން މަދުކުރަން ޖެހެއެވެ.
ދިރާސާވެރިން ގަބޫލުކުރާގޮތުގައި ކުޑަކުދިންނާއި އެންމެ ތުއްތުކުދިންނަކީ ދަތުގެ ކެވިޓީތަކާއި އެހެންނިހެން ބަލިތަކަށް ވަރަށް ބޮޑަށް ހުށައެޅިފައިވާ ބައެކެވެ. އެހެންކަމުން އެމެރިކަން އެކެޑެމީ އޮފް ޕީޑިއެޓްރިކްސް އިން ކުއްޖާއަށް އަހަރު ފުރެންވާއިރަށް ކުޑަކުދިންގެ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދީފައިވެއެވެ. އަދި ކުޑަކުދިންގެ ދަތުގެ މައްސަލަތައް މަދުކުރުމަށްޓަކައި އަހަރު ފުރުމުން ދަތް އުނގުޅުމުގެ އާދަ ހަރުލެއްވުމާއި، ބުއްފުޅި ޖެއްސުން މަދުކުރުމަށް ނުވަތަ އެއްކޮށް ހުއްޓާލުމަށް ލަފާދީފައިވެއެވެ.

ދަތުގެ ސާފުތާހިރުކަން ސުންނަތުން

ދަތާއި އަނގައިގެ ދުޅަހެޔޮކަމާއި ގުޅިގެން ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ބާރުލިބޭ އަނެއް މަސްދަރަކީ އަހަރެމެންގެ މާތް ނަބިއްޔާ މުހައްމަދު (ﷺ) އެކަލޭގެފާނުގެ ދަތްޕުޅުގެ ސާފުތާހިރުކަމަށް ދެއްވި އަހައްމިއްޔަތުންނެވެ. ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދަތް އުނގުޅާ ސާފުކޮށް ތިންފަހަރު ފެނުން ދޮވުމަށް ރަސޫލާ ހަދީޘްކުރައްވާ އިރުޝާދު ދެއްވިއެވެ. އަދި މިއީ އަނގައިގެ ސާފްތާހިރުކަމަށް މިފަދައިން އިރުޝާދުދެވުނު ފުރަތަމަ ފަހަރެވެ. އަދި އެކަލޭގެފާނު ކޮންމެ ނަމާދަކަށް ދަތްޕުޅު އުނގުޅުއްވާކަމަށާއި، އެކަލޭގެފާކުގެ މިސްވާކް ރައްކާތެރިކަމާއެކު ގެނގުޅުއްވާ ގަވައިދުން ބަދަލުކުރައްވާކަމަށް ސުންނަތުން އެނގެން އޮވެއެވެ. ވީމާ، މިކަމުގެ މުހިންމުކަން މުސްލިމް ހިތްތަކަށް ކަށަވަރުވެގެން ހިނގައިދެއެވެ.

މި ލިއުމާއި ގުޅޭ