Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަތުރުފަތުރު

ދެ ރައީސުންގެ ދަތުރުފުޅުތައް: އަޅާކިޔާލުމުން ފެންނަ ޙަޤީޤަތް

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ކޮންމެ ބޭފުޅަކުވެސް ޤައުމުން ބޭރަށް ދަތުރުތައް ކުރައްވާނެއެވެ. ރަސްމީ ދަތުރުފުޅުތަކަށް ވަޑައިގަންނަވާނީ ދިވެހި ރައްޔިތުން ދައްކާ ޓެކުސް ފައިސާއިން ޚަރަދުކޮށްގެންނެވެ. ރައީސުން ކުރައްވާ ދަތުރުފުޅުތަކަކީ ޤައުމަށް އެކަމުގެ ސަބަބުން މަންފާއާއި ފައިދާ ހޯއްދެވުމުގެ ބޭނުންފުޅުގައި ކުރައްވާ ދަތުރުފުޅުތަކެވެ.

1987 ވަނަ އަހަރު މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލްމަރުޙޫމް އަލްއުސްތާޛު އިބްރާހީމް ޝިހާބު ވިދާޅުވި ފަދައިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ތިއްބަވާ ބޭފުޅުން ދަތުރުކުރައްވަނީ، އަދި ދަތުރުކުރައްވަން ޖެހިވަޑައިގަންނަވަނީ، "އެއް ދުވަހު ކަތަމަންޑޫގައި، އަނެއް ދުވަހު ކެނެޑާގައި އަނެއް ދުވަހު އަނެއް ތަނެއްގައި ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަނީ މޮޅު އައިސްކްރީމް ބައްލަވާ ހިތްޕުޅަކުން" ނޫނެވެ. އެ ދަތުރުފުޅުތަކުން އަތްލެވޭ އިހުސާސްކުރެވޭ މަންފާއެއް ދިވެހި ޤައުމަށް ނުލިބޭނަމަ އެ ދަތުރުތައްވާނީ އަރާމުކޮށްލައްވައި ޗުއްޓީ ހައްދަވައިލައްވަން ކުރައްވާ ދަތުރުފުޅުތަކަށެވެ. އެކި ޤައުމުތަކުގެ ތަފާތު ކެއުންތައް ތަޖުރިބާކޮށްލައްވަން ކުރައްވާ އިސްރާފަކަށެވެ.

މި ދެންނެވި މިންގަނޑުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މިހާރުގެ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ދަތުރުފުޅުތަކަށް ބަލައިލަންޖެހެއެވެ. އެ ދަތުރުފުޅުތައް ކިރައިލާ ވަޒަންކޮށްލުމަކީ ބޭނުންތެރިކަމެއް ކަމުގައި ފެނެއެވެ.

5 އަހަރަށްވުރެ ގިނަ ދަތުރު 4 އަހަރު ތެރޭ

ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި ރައީސް ޞާލިޙުގެ ވެރިކަމުގެ ފާއިތުވެގެން ދިޔަ 4 އަހަރެއްހައި ދުވަހުގެ ތެރޭގައި ކުރައްވާފައިވާ ދަތުރުތަކުގެ ތަފުސީލު ރައީސް އޮފީހުގެ އިސްވެރިޔަކު "ދިޔަރެސް"އާ ހިއްސާކުރައްވާފައިވެއެވެ. ރައީސް އޮފީހުގެ ލިޔެކިޔުންތަކަށް ބަލާއިރު ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ބޭރަށް ކުރެއްވި ދަތުރުފުޅުތަކަށްވުރެ ރައީސް ޞާލިޙުގެ ވެރިކަމުގެ 4 އަހަރު ތެރޭގައި ކުރެއްވި ދަތުރުތައް ގިނައެވެ.

އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުގައި ޖުމްލަ 16 ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވެއެވެ. އަދި ރައީސް ޞާލިޙުވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފާއިތުވި މުއްދަތުގައި ޖުމްލަ 23 ދަތުރެއް ރާއްޖެއިން ބޭރަށް ކުރައްވާފައެވެ. ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެންނެވި ޤައުމުތަކާއި އެ ޤައުމުތަކަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން ރާއްޖެއަށް ހާސިލުވީ ކަންކަމަށް ބަލާއިރު ރައީސް ޔާމީނުގެ ދަތުރުފުޅުތަކުން ހަމަޖެހުނު ކަންކަން ގިނައެވެ.

ރައީސް ޔާމީނުގެ ދަތުރުފުޅުތަކުން ހާސިލުވީ ކަންކަން

ރައީސް ޔާމީނުގެ ދަތުރުފުޅުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާއަށް 3 ދަތުރުފުޅެއް ކުރައްވާފައިވެއެވެ. އެގޮތުން އެ ދަތުރުފުޅުތަކުގެ ތެރެއިން، ސައުދީ އެމްބަސީ ރާއްޖޭގައި ހުޅުވި، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން ދައްކަންޖެހުނު ފައިސާ ހަމަޖެހި، ކިންގު ސަލްމާން މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދެމުންއައި ކޯޓާގެ އަދަދު 2 ގުނައަށް އިތުރުވެ، ފ.އަތޮޅުގެ މަޝްރޫޢާމެދު އެއްބަސްވުމަކަށް އާދެވުނެވެ.

އަދި މަސްވެރިކަން ތަރައްޤީކުރުމަށް ޚާއްޞަ ލޯނެއް ހަމަޖެހުނެވެ. އެ ލޯނުގެ ފައިސާ ދޫކުރަން ފެށީ 2019 ވަނަ އަހަރުއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ތަރައްޤީކުރަން ބޭނުންވާ ފައިސާވެސް އެ ދަތުރުފުޅުތަކުން ހަމަޖެހުނެވެ.

ޖަޕާނަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އައިއެސްޓީބީގެ ޚިދުމަތް ހަމަޖެހި، ހެންވޭރު އަޑި ޕާކުގައި ހުރި ރޭޑިއޯ އެންޓަނާތައް ނެގުމަށް ބޭނުންވާ ފައިސާ ހަމަޖެހި، މާލޭ ސަރަހައްދުން އުފައްދާ ކުނި ނައްތާލުމުގެ މަޝްރޫޢުތައް ތިލަފުށީގައި ޤާއިމުކުރަން ބޭނުންވާ ފައިސާ، ޑިޒާސްޓާ މެނޭޖުމެންޓު ދާއިރާއިން އެހީތެރިކަން ދިނުމާއި ޖަޕާނުން ރާއްޖޭގައި ޤާއިމުކޮށްފައިވާ އުމްރާނީ ވަސީލަތްތައް އަދާހަމަކުރުމަށްވެސް އެއްބަސްވެވުނެވެ.

އެމަނިކުފާނު ޗައިނާއަށް ރަސްމީ ދެ ދަތުރުފުޅުކުރެއްވިއިރު އެ ދަތުރުފުޅުތަކުގެ ތެރެއިން ބުރިޖު މަޝްރޫޢަށް ބޭނުންވާ ފައިސާއާއި އެއާޕޯޓުގެ މަޝްރޫޢަށް ބޭނުންވާ ފައިސާއާއި، ހަކަތައިގެ 5 މަޝްރޫޢަކާއި، މާލެއާއި ހުޅުމާލޭގެ ދެމެދުގައި ޕަވާ ޕްލާންޓުތައް ގުޅުވައިލުމުގެ މަޝްރޫޢާއި، ލ.އަތޮޅުގެ ލިންކު ރޯޑުގެ މަޝްރޫޢާއި، ސްކޮލާޝިޕުތަކާއި، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުވެ، ސިލްކު ރޯޑްގައި ރާއްޖެއަށް ބައިވެރިވެވުނެވެ. އަދި ޗައިނާއިން އިސްނެގުމަށް އުފެއްދި އޭއައިއައިބީގައި ރާއްޖެއިން ބައިވެރިވިއެވެ.

ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރިސޯޓު ތަރައްޤީކުރާނެ އައު އިންވެސްޓަރުން ހޯދުނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓާ މަޝްރޫޢު ހިންގުމަށް ބޭނުންވާ މަގުކޮށި އިތުރު ހައުސިން މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ އެއްބަސްވުންތައް ހެދި، މޫޑީސްއާއި ފިޗުގެ ކުރެޑިޓް ރޭޓިން ރާއްޖެއަށް ހަމަޖެހުނެވެ.

އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިންވެސްޓަރުން ހޯދި، ނ.އަތޮޅު އެއާޕޯޓު ތަރައްޤީކުރާނެ ގޮތް ފަހިކުރެވި، ބޯޑަރު ކޮންޓުރޯލު ނިޒާމު ޒަމާނީކުރުމުގެ އެއްބަސްވުމަކަށް ވާސިލުވެވުނެވެ. ލަންކާއަށް ކުރެއްވި ދެ ދަތުރުފުޅުން އިތުރު އިންވެސްޓަރުން ހޯދި ޚާއްޞަ ޑޮކްޓަރުން ގެނައުމަށް އެއްބަސްވުމެއް އެކުލަވައިލެވުނެވެ.

ތައިލޭންޑަށް ވަޑައިގެންނެވި ދަތުރުފުޅުގައި ރިސޯޓުތައް ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދި، ކްރޮސް ރޯޑު މަޝްރޫޢު ޔަޤީންކުރެވި، ތައިލޭންޑުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުނެވެ. ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުުން މަޖިލީހުގެ އައު އިމާރާތާ ގުޅޭ އެއްބަސްވުމަކަށް ވާސިލުވެ، އަސްކަރިއްޔާއަށް އައު ސާމާނާއި، ތަމްރީނުގެ އައު ފުރުސަތުތައް ކަށަވަރުކުރެވުނެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ 3 ދަތުރުފުޅުގައި ޓާޓާ ހައުސިން މަޝްރޫޢުގެ އެއްބަސްވުމަށް ބަދަލުގެނެވި، މެޑިކަލް އިކުއިޕްމެންޓާއި ޑޮކްޓަރުން ހޯޑުމަށް އެއްބަސްވުމަކަށް ވާސިލުވެވި ޖީއެމްއާރު މައްސަލަ ހައްލުކުރަން ގޮތްތަކެއް ތަރުތީބުކުރެވުނެވެ.

ރައީސް ޞާލިޙުގެ ދަތުރުފުޅުތައް

ރައީސް ޞާލިޙުގެ ވެރިކަމުގައި ކުރެއްވި 23 ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. ބުރިޖުގެ މަޝްރޫޢާއި ހައުސިން މަޝްރޫޢުތަކާއި އައްޑޫ މަގުހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހުނެވެ.

ނަމަވެސް ދެން ކުރެއްވި ދަތުރުފުޅުތަކުން ހަމަޖެހުނު ކަންކަމެއް އަދި ތަންފީޒުކުރެވެން ފެށުނު ކަންކަމެއް ފެންނާކަށް ނެތެވެ. އެގޮތުން 2019 ވަނަ އަހަރު 10 ދަތުރުފުޅެއް ކުރެއްވިއިރު އޭގެ ތެރޭގައި މޮރީޝަސްއަށާއި، ޖަޕާނަށާއި، ސިންގަޕޫރާއި އަދިވެސް އެތައް ޤައުމަކަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެ ދަތުރުފުޅުތަކުން ރާއްޖެއަށް ހަމަޖެހުނު އެހީއެއް، ޔަޤީންކުރެވުނު މަޝްރޫޢެއް އެނގޭކަށް ނެތެވެ.

ނިމުނު އަހަރު 6 ދަތުރުފުޅަކަށް 16 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަން ރައީސް އޮފީހުގެ ހިސާބުތަކުން ފެންނައިރު އެ ދަތުރުފުޅުތަކުގެ ތެރެއިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކުރިން ފައިސާ ހަމަޖެހިފައިހުރި ބައެއް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި، އިތުރަށް ލޯނު ހަމަޖެހުން ފިޔަވައި އެހެން ދަތުރުފުޅަކުން ހާސިލުވި ކަމެއް އެނގޭކަށް ނެތެވެ.

މި އަހަރުގެ މިހާތަނަށް 6 ދަތުރުފުޅެއް ކުރައްވާފައިވާއިރު ރުވަންޑާއާއި އިނގިރޭސިވިލާތަށާއި، ބަހުރައިނަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން އެއްބަސްވެވުނު އަދި ހަމަޖެހުނު ކަމެއް ފެންނާކަށް ނެތެވެ. ބަހުރައިނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބައެއް ކަންކަމަށް އެއްބަސްވެވުނު ނަމަވެސް އެކަންކަމުގެ ތެރޭގައި އިންޤިލާބީ ބަދަލެއް ރާއްޖެއަށް އަންނަ ޒާތުގެ ކަމެއް ނުހިމެނެއެވެ. އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރިން ރައީސް ޔާމީނުގެ ވެރިކަމުގައި ވެވިފައި އޮތް އެއްބަސްވުމެއް ކަމުގައިވާ ނ.އަތޮޅު އެއާޕޯޓުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފަށަން އެއްބަސްވެވުނެވެ.

ސަރުކާރުގެ ލިޔެކިޔުންތަކާއި ހިސާބުތަކުން ފެންނަ ޙަޤީޤަތަކީ ރައީސް ޔާމީނުގެ ފަސް އަހަރު ނުކުރައްވާ މިންވަރަށް ރައީސް ޞާލިޙު ދަތުރުކުރައްވާފައިވާ ކަމެވެ. އެ ދަތުރުފުޅުތަކުގެ ތެރެއިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުތަކުން ހަމަޖެހުނު ކަަމެއް ފިޔަވައި މާ ބޮޑު ކަމެއް އެހެން ދަތުރުފުޅުތަކުން ހަމަޖެހިފައި ނެތް ކަމެވެ.

މި ލިއުމާއި ގުޅޭ