Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޙައްމަދު ރަޝީދު (ބޯދިގު)

ފިޔަވަޅު އެޅިޔަސް ޓެކްސް ބޮޑުކުރާ ބިލްއަށް ވޯޓު ނުދޭނަން: ބޯދިގު

ޓެކްސް ބޮޑުކުރާ ބިލަށް ތާއީދު ނުކުރައްވާކަމަށާއި އެ ބިލަށް ވޯޓު ނުދެއްވާނެކަމަށް ރައްޔިތުން މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

މުހައްމަދު ރަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ޓެކްސް ބިލާއިމެދު ބޮޑެތި ހިޔާލްތަފާތުވުންތަކެއް އުފެދިފައި އޮއްވާ ވޯޓުދިނުމަށް މަޖުބޫރުކޮށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރި އެވިޕާއި ހިލާފަށް ވޯޓު ދެއްވާ މެންބަރުންނާއި މެދު ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެންނެވެ.

މެންބަރު ބޯދިގު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ މެންބަރުންގެ ކިބައިން މާފަށް އެދި ވިދާޅުވީ އޭނާ ޓެކްސް ތްރީލައިން ވިޕާ ހިލާފުވާނެކަމަށެވެ.

އަދި އެކަމާއި ގުޅިގެން ފިޔަވަޅު އަޅަންވީކަމަށާއި ނަމަވެސް ޓެކްސް އިތުރުކުރުމަށް އޭނާ ތާއީދު ނުކުރައްވާކަންވެސް ބޯދިގުގެ ޓްވީޓުގައި ހާމަކުރައްވާފައިވެއެވެ. އެގޮތުން މިއީ ޓެކްސް ނެގުން ރަނގަޅު ވަގުތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ބޯދިގުގެ އިތުރުންވެސް އެމްޑީޕީ ވަރަށް ގިނަ މެންބަރުން ޓެކްސް ބޮޑުކުރާ ބިލާ ދެކޮޅެވެ. ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ޚަރަދު ދެކޮޅުޖެއްސުމަށް ޓެކްސް ބޮޑުކުރުމާމެދު ޚިޔާލުތަފާތުވުމުން ކޮމެޓީއިން ފިނޭންސް މިނިސްޓަރާ، ވިޔަފާރިވެރިންނާއި ޓުއަރިޒަމް ސެކްޓަރާ މަޝްވަރާނުކޮށް އޮއްވާ ބިލް އޮތްގޮތަށް ފާސް ކުރުމަށް ތްރީ ލައިން ވިޕެއްނެރުމުން ހިތަށްވަންނަނީ ބިރުވެރި ޚުދުމުހުތާރު ތަސައްވަރެއްކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެވެ. އެގޮތުން ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.
ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވަނިކޮށެވެ.
އެގޮތުން ރާއްޖޭގެ ޖީއެސްޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އައިއެމްއެފްއިން މިދިޔަ މަހުގެ 16 ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރުން ރަނގަޅު ނޫންކަމަށެވެ.
ސަރުކާރުން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން އުޅޭތީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިއުމާއި ގުޅޭ