Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

އަގުހެޔޮކޮށް ރަޝިޔާއިން ތެޔޮ ގަތުމާމެދު ވިސްނަމުންދާކަން ޕާކިސްތާނުން ހާމަކޮށްފި

އަގުހެޔޮކޮށް ރަޝިޔާއިން ތެޔޮ ގަންނަން ޕާކިސްތާނުން ވިސްނަމުންދާކަން އެ ޤައުމުގެ ފިނޭންސް މިނިސްޓަރު ހާމަކުރައްވައިފިއެވެ.

ކުރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިންވަނީ ޕާކިސްތާނުގެ ކުރެޑިޓު ރޭޓިން އެއް ދަރަޖަ ދަށްކޮށްފައެވެ. އެ އެޖެންސީން މިފަދައިން ނިންމާފައިވަނީ ޕާކިސްތާނުން ކުރަންޖެހިފައިވާ ޚަރަދުތައް އިތުރުވެފައިވުމާއެކު، ބައިނަލްއަޤުވާމީ އިޤުތިޞާދީ ހާލަތުން ޕާކިސްތާނަށް އޮތް އިޤުތިޞާދީ ހިރާސްތައް އިތުރުވުމާއެކު، އެ ޤައުމުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު އިޤުތިޞާދީ ގެއްލުމަށް ރިއާޔަތްކޮށެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން އަންނަނީ އެ ނިންމުމަށް އިންކާރުކޮށް، އެ ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނަމުންނެވެ.

އިޤުތިޞާދީ މާހިރުން ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށާއި، ރިޒާވްގައި ހުރި ފައިސާ ރައްކާކުރުމަށް އެ ޤައުމުން ހުރިހާ ޚިޔާރުތަކެއް ހޯދައި ބަލަންޖެހޭ ކަމަށެވެ. ޕާކިސްތާނުން ތެލާއި ގޭސް ގަތުމަށް ބޭނުންކުރާ ރިޒާވްގައި މިހާރު ހުރީ އެންމެ މަހަކަށް ފުދޭ މިންވަރުގެ ފައިސާއެވެ.

މި ހާލަތުގައި ޕާކިސްތާނުން ރަޝިޔާގެ ތެޔޮ އަގުހެޔޮކޮށް ގަނެފާނެތޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އެ ޤައުމުގެ މާލީ ވަޒީރު އިސްހާގު ދަރް ވިދާޅުވީ، އެކަމާމެދު ވިސްނަމުން އަންނަ ކަމަށާއި، އިންޑިއާއަށް ރަޝިޔާއިން ތެޔޮ ގަނެވޭނަމަ ޕާކިސްތާނަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމުގެ މައްޗަށް އެކުލެވޭ ޖީ-7އިން އަންނަނީ ރަޝިޔާގެ ތެޔޮ ވިއްކޭނެ އަގުތަކެއް ކަނޑައަޅައި ޑިސެންބަރު 5 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އެ ދުވަހުން ފެށިގެން ކަނޑުމަގުން ރަޝިޔާގެ ތެޔޮ ބޭރުކުރުމާއި ގަތުން ޔޫރަޕިއަން ޔޫނިއަނުން މަނާކުރާނެއެވެ.

ދަރަނި ދެއްކުމުގައި ޕާކިސްތާނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފުވަނީ ޕެރިސް ކުލަބުގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް ބުދަދުވަހު ދަރްް ވިދާޅުވެފައިވަނީ އެ ޤައުމުގެ ދަރަނި ރިސްޓްރަކްޗާކުރުމަށް ނޭދޭނެ ކަމަށާއި، އެ ޤައުމު ބަނގުރޫޓުވެސް ނުވާނެ ކަމަށެވެ.

މާލީ އިލްތިޒާމުތައް ޕާކިސްތާނަށް އަދާކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވެ ދަރް ވިދާޅުވީ ކަންބޮޑުވާންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ޕާކިސްތާނުގެ ރުޕީސްގެ އަގު ދަށްވެ، އެ ޤައުމުގެ އެކްސްޕޯޓު އިމްޕޯޓުގެ ފަރަގު ބޮޑުވެ، އިންފުލޭޝަން 20 އިންސައްތައަށްވުރެ މަތިވެފައިވަނިކޮށް، ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން އިޤުތިޞާދު އިތުރަށް ހީނަރުވިއެވެ. އެ ކާރިސާގައި 30 ބިލިއަން ޑޮލަރުގެ ގެއްލުން އެ ޤައުމުގެ އިޤުތިޞާދަށް ލިބުނެވެ.

ކުރިން ދަރް ވިދާޅުވެފައިވާ ގޮތުގައި ވަކިވަކި ދައުލަތްތަކުން ނަގާފައިވާ 27 ބިލިއަން ޑޮލަރުގެ ދަރަނި ރިސްޓްރަކްޗާކޮށް އެ ދަރަނި އަދާކުރުމުގައި ލުއިތަކެއް ހޯދަން ޕާކިސްތާނުން އެދެން ނިންމާފައިވެއެވެ.

މި ލިއުމާއި ގުޅޭ