Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ކޮންސްކްރިޕްޝަން: ދިފާޢީ ބާރަށް ޚިދުމަތްކުރުން މަޖުބޫރުކުރުން

ދިވެހި ސިފައިން. ފޮޓޯ: ރައީސް އޮފީސް.

ވަކި އުމުރެއް ފުރުމުން ދިފާޢީ ބާރަށް ޚިދުމަތްކުރުން މަޖުބޫރުކުރުވުން ނުވަތަ އިނގިރޭސިބަހުން ބުނާނަމަ "ކޮންސްޓްރިޕްޝަން" އަކީ ގައުމީ ފެންވަރުގައި ގައުމު ދިފާޢުކުރުމުގެ ހުނަރު އެގައުމެއްގެ ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގެ އުންމީދާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ގެންގުޅޭ ދިފާޢީބާރު ވަރުގަދަކުރުމުގެ ނިޒާމެކެވެ.

މި ނިޒާމު ގެންގުޅޭ ގައުމުތަކުން އެގައުމަކަށް ނިސްބަތްވާ ޒުވާނުން، އަންހެން ނުވަތަ ފިރިހެން، އާންމު ގޮތެއްގައި ފިރިހެން ކުދީން، ވަކި އުމުރުފުރައަކަށް އެޅުމުން، އެގައުމެއްގެ ދިފާޢީބާރާއި ގުޅި، ތަމްރީންތައް ފުރިހަމަކޮށް ވަކި މުއްދަތެއްވާންދެން ގައުމަށް ޙިދުމަތްކުރުން މަޖުބޫރުކުރުވައެވެ.

ދިފާޢީ ބާރަށް ޚިދުމަތްކުރުން މަޖުބޫރުކުރުމުގެ ޘަގާފަތް ފެށުނީ ކީއްވެ؟

ފިރިހެންކުދީން ފުރާވަރަށް އެރުމުން ގައުމީ ދިފާޢީބާރުގެ ތެރޭގައި ބައިވެރިވުން މަޖުބޫރުކުރުމުގެ ޘަޤާފަތް ފެށުނީ ފިރުޢައުނު ޒަމާނުގައި މިޞްރުގައިކަމަށް ބްރިޓޭނިކާގައި ލިޔެފައިވާއިރު، އެންމެ އިހުގައިވެސް އަދި އެންމެ ފަހުގެ ތާރީޚުތަކުގައިވެސް ދުނިޔޭގެ ހުރިހައި ގައުމެއްގައިހެން ހަށިކުޅަދާނަ ހުރިހައި ރައްޔިތުންނަށް ޤައުމުގެ ދިފާޢުގައި ނުކުތުން މަޖުބޫރުކުރުވާ ހަމައެކަނި ހާލަތަކީ ހަނގުރާމައިގެ ހާލަތުގައިކަން ފާހަގަކުރެވެއެވެ.

ގަބޫލުކުރެވޭގޮތުގައި، ފަހުގެ ތާރީޚުގައި ކޮންސްކްރިޕްޝަންއަކީ ހަނގުރާމަވެރި ގައުމުތަކުން ގެންގުޅޭ އުސޫލެކެވެ. ފިރިހެންކުދިންނަށް ވަކި އުމުރެއް ފުރުމުން ދިފާޢީ ޚިދުމަތް މަޖުބޫރުވާއިރު، އަންހެން ކުދީންނަށް މަޖުބޫރެއް ނޫނެވެ. ބޭނުންނަމަ ބައިވެރިވެވެއެވެ. އެހެންނަމަވެސް ބައެއް ގައުމުތަކުގައި ދެ ޖިންސުގެ މީހުންނަށްވެސް ދިފާޢީ ޙިދުމަތުގައި ބައިވެރިވުން މަޖުބޫރެވެ.
ދުނިޔޭގެ ގައުމުތަކުގެ ތެރެއިން 85 ގައުމެއްގައި ކޮންމެވެސް ބާވަތެއްގެ މަޖުބޫރު ދިފާޢީ ތަމްރީނެއް ނުވަތަ އެބާރަށްކުރާ ޚިދުމަތެއް ހިމެނެއެވެ. މީގެތެރެއިން ބައެއް ޤައުމުތަކަކީ ތުރުކީ، ސައިޕްރަސް، އިޒްރޭލް، ސީރިއާ، ބްރެޒިލް އަދި ކޮރެއާ އެވެ. ދެކުނު ކޮރެއާގައި 18 އަހަރުގެ ހުރިހައި ފިރިހެނުން ސިފައިންގެ ޚިދުމަތުގައި ބައިވެރިވާން މަޖުބޫރެވެ.

އެގޮތުން ރަޝިއާގައި 17 އަހަރުގެ ފިރިހެން ކުދީން ދިފާޢީ ތަމްރީނުގައި ބައިވެރިކޮށް 24 މަސްދުވަހު ޚިދުމަތްކުރުން މަޖުބޫރުވާއިރު، އަންހެނުންގެ ތެރެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިފާޢީ ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ. ނެދަލެންޑްގައި 17 އަހަރު ފުރޭ ކޮންމެ ރައްޔިތަކަށް ދިފާޢީ ތަމްރީނަށް ދައުވަތުދީ ސިޓީއެއް ފޮނުވާއިރު، ދިފާޢީ ޚިދުމަތުގައި ޚިދުމަތްކުރުން މަޖުބޫރެއްނޫނެވެ. އަދި ސްވިޒްލެންޑްގެ ހުރިހައި ފިރިހެނުން 19 އަހަރު ފުރުމުން ދިފާޢީބާރަށް ޚިދުމަތްކުރަންޖެހޭއިރު، ފިންލެންޑްގެ ފިރިހެން އާބާދީގެ ހުރިހައި އެންމެނެވެސް އުމުރުން 18 އަހަރު ފުރުމުން ދިފާޢީ ބާރަށް އަހަރުދުވަހު ޚިދުމަތްކުރަންޖެހެއެވެ.

މިގޮތުން، މި ޚިދުމަތް މަޖުބޫރުކުރުމުގެ ބޭނުމެއްކަމަށް ގިނަ ގައުމުތަކުން ގަބޫލުކުރަނީ ހަނގުރާމައިގެ ހާލަތުގައި ގައުމުގެ ދިފާޢީގައި ނުކުންނާނެ ސިފައިން އަބަދުވެސް ތަމްރީނުވެފައި ތިބުމެވެ. ތައްޔާރީ ވިސްނުމަކެވެ.

ކޮންސްކްރިޕްޝަންގެ އަލި ފަރާތް

ދިފާޢީ ޚިދުމަތް މަޖުބޫރުކުރުމުގެ ސަބަބުން ގައުމިއްޔަތު އާލާވެ އެއްބައިވަންތަކަން އާލާވާކަމަށް ދެކޭ ފަރާތްތަށް މަދެއްނޫނެވެ. އެގޮތުން އެތަށް ރައްޔިތުންނެއް އެކުގައި ތަމްރީނުވެ އެއް އުމުރެއްގެ ގިނަ ބަޔަކަށް އެކުގައި ހިއްސާކުރެވޭ ހަޔާތުގެ ބޮޑު ލަނޑުދަނޑިއަކަށް އެޙިދުމަތުގެ މުއްދަތު ވެގެން ހިނގާދެއެވެ. އަދި ރައްޔިތުންގެ މެދުގައި ހަމަހަމަން ގާއިމުކުރެވި ސަރުކާރާއި ރައްޔިތުންނާއި ދެމެދުގައި އޮންނަ ގާތްކަންވެސް އިތުރުވެގެން ދެއެވެ.

އޭގެ އިތުރުން ގައުމުގެ ދިފާޢުގައި ނެރެވޭނެ މީހުންގެ އަދަދު މަދުނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް ނުވަތަ އެއަދަދު ގިނަކުރުމަށް މި އުސޫލަކީ މޮޅު އުސޫލެކެވެ. ވަގުތު ޖެހުމުނެ ނުކުންނަން ތިބޭ ރައްޔިތުންނަކީ ތަމްރީނުވެ ތަޖުރިބާ ލިބިފައިވާ ބައެއްކަމުގައި ވުމަކީ ގައުމަށް ލިބޭ މޮޅެއްތާއެވެ. ހަމައެއާއިއެކު މޮޅު ހުނަރުވެރި ޒުވާނުންތަކެއް މުޖުތަމަޢުއަށް ނެރެވުމާއެކު، ގައުމީ ކުރިއެރުމަށާއި އުފެއްދުންތެރިކަމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދެއެވެ.

ކޮންސްކްރިޕްޝަންގެ އަނދިރި ފަރާތް

ކޮންސްކްރިޕްޝަންގެ އެންމެ ކަޅު ހަގީގަތަކީ މަޖުބޫރުކަމެވެ. އިންސާނާ ދުނިޔޭގައި އެންމެ އެދޭކަމަކީ އޭނާގެ ނަފްސާއި އޭނާގެ ނިންމުންތަކުގެ މައްޗަށް އޭނާގެ އޮންނަ މިނިވަންކަމެވެ. ދިފާޢީ ޚިދުމަތް މަޖުބޫރުކުރުމުން އެކަން އެވަނީ އޭނާގެ ނިންމުމަކަށް ނޫނެވެ. އޭނާ ވަނީ އެނިންމުމުގެ ދަށުވެފައެވެ. އިޚްތިޔާރު ނަގައިލެވުނީއެވެ. އަމިއްލައަށް ޚިޔާރުނުކުރާކަމެއް ހިތްހަމަޖެހިގެން ކުރާހިތުން ކުރާނީ ކާކުހެއްޔެވެ؟
ޚިދުމަތްކުރަން އެދިގެން އަންނަ ފަރާތްތަކާއި ހިލާފަށް މަޖުބޫރުވެގެން އަންނަ ފަރާތްތަކުގެ ކުޅަދާނަކަން ދަށްކަން ދިރާސާތަކުނެ ދައްކާފައިވާއިރު، އޭގެ ސަބަބުން ދިފާޢީ ޚިދުމަތް މަޖުބޫރުކުރާ ގައުމުތަކުގެ ދިފާޢީ ބާރުގެ ޤާބިލިއްޔަތުކަން ދަށްވާނެކެމަށް ދިރާސާވެރިން ގަބޫލުކުރެއެވެ. އޭގެ ސަބަބުން ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު ގިނަވެދާނެކަމަށާއި، ނުކުޅެދޭ މީހުންގެ އަދަދު ގިނަވެދާނެކަމަށްވެސް އެފަރާތްތަކުން ގަބޫލުކުރެއެވެ.
ޒަމާން އުނގަންނައިދޭ ފިލާވަޅަކީ ދުނިޔޭގެ ކުރިއެރުން ބިނާވަނީ އެމީހެއް ހާޞިލްކުރާ ތަޢުލީމެއްގެ މައްޗަށްކަމެވެ. ޅައުމުރުގައި ކިޔެވުން ދޫކޮށް ދިފާޢީ ތަމްރީނުފަދަ ހަރުކަށި ތަމްރީނެއް ފުރިހަމަ ކުރަންޖެހުމަކީ ތަޢުލީމަށް ހުރަސް އެޅޭކަމެއްކަމަށް ފިނަ ފަރާތްތަކަކުން ގަބޫލުކުރާއިރު، އޭގެ ސަބަބުން ޒުވާނުންގެ ފުރާނައަށް ގެއްލުންވާކަމަށްވެސް އެއްބަޔަކު ގަބޫކުކުރެއެވެ. އޭގެ ސަބަބުން ދެން އަންނަން އޮންނަ ޖީލަށް ނިކަމެތިކަން ލިބޭކަމަށްވެސް އެއްބަޔަކު ބުނެއުޅެއެވެ.

ދިވެހިރާއްޖޭގެ ދިފާޢީ ބާރު

ދިވެހިރާއްޖޭގެ ދިފާޢީބާރުގައި ބައިވެރިވަނީ އެ ފަރުދަކު އަމިއްލައަށް އެދިގެންނެވެ. ޝަރުތަކީ 18 އަހަރު ފުރިފައިވުމެވެ. 28 އަހަރު ފުރިފައި ނުވުމެވެ. ގުރޭޑު 10ގެ ފެންވަރު ހުރުމާއެކު އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ޖެހިފައި ނުވުމެވެ. އެއްވެސް މަޖުބޫރުކަމެއް ނުވެއެވެ.
ފުލުހުންނާއި ސިފައިންގެ ވަޒީފާތަކަށް ހުޅުވާލާ އިއުލާނުކުރާއަޑު އެންމެނަށްވެސް ވާނީ އިވިފައެވެ. އެދޭފަރާތްތަކުން ކުރިމަތިލާ، ފަށަނީ އެންމެ ދަށް ފަންތިންނެވެ. އަދި އެތައް ތަމްރީނަކާއި އިމްތިހާނަކަށްފަހު ފަހަރަކު ހަރުފަތަކުން ކުރިއަށް ޖެހި މަތީ ފަންތީގެ މަގާމުތަކަށް ވާޞިލްވާ ކާމިޔާބު ފަރާތްތަކުގެ ވާހަކަތައް މަދެއްނޫނެވެ.
ހަމައެއާއިއެކު، ސިފައިންނަށާއި ފުލުހުންނަށް މުސާރައިގެ އިތުރުން ލިބޭ ގިނަގުނަ ފައިދާތަކުގެ ވާހަކަދައްކާއިރު އަމިއްލަ ކްލިނިކްތަކުން ހިލޭ ބޭސްފަރުވާއާއި ރާއްޖެއިން ބޭރުން އާސަންދައެވެ. ސިފައިންނަށް އަމިއްލަ ހޮސްޕިޓަލެކެވެ. ފުލުހުންނަށް އަމިއްލަ ކްލިނިކެވެ. އަމިއްލަ ޑޮކްޓަރުންނެވެ. ގެދޮރުގެ ސްކީމެއްނަމަ އެފަރާތްތަކަށް އެންމެ ކުރިން ގެދޮރު ބަހައެވެ. ބިން ލިބެއެވެ. ދަރިންނަށް ސްކޫލްތަކުން ޖާގަ ލިބެއެވެ. މުޖުތަމަޢުގައި ކަރާމާތާއި އިސް މަގާމެއް ލިބިފައިވާ އަބުރުވެރި ބައެކެވެ.

ދެން ދިވެހިރާއްޖޭގެ މާހައުލަށް ކޮންސްކްރިޕްޝަންގެ ނިޒާމު ހެޔޮވަރުކޮށްލަމާ ހެއްޔެވެ؟

ވަކި އުމުރެއް ފުރުމުން ދިފާޢީ ބާރުގެ ބޮޑު ޒިންމާއަކަށް ކުރިމަތިލުން މަޖުބޫރު ކުރުމުން ދިވެހި މުޖުތަމަޢުގައި މިވަޒީފާގެ ހައިބަތު ވާނީ ބޮޑު ހެއްޔެވެ؟ ނުވަތަ ވެއްޓޭނީ އަގު ހެއްޔެވެ؟ ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމުކޮށްފިނަމަ ޒުވާނުން މަގުމަތިވާ އަދަދު މަދުވާނެހެއްޔެވެ؟ ނޫނީ ވާނީ ގިނަހެއްޔެވެ؟ ޒުވާނުންގެ އަޚްލާޤު އިސްލާހުވާނެ ހެއްޔެވެ؟ ނޫނީ ވާނީ ގޯސްހެއްޔެވެ؟ ދިވެހިރާއްޖޭގެ ހާލަތު ވާނީ ރަނގަޅު ހެއްޔެވެ؟ ނޫނީ ދާނީ ބޮއްސުންލައިގެން ހެއްޔެވެ؟

މި ލިއުމާއި ގުޅޭ