Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

އައިސިސްއަށް މަދަދުވެރިކަމަށް ފުރާންސްގެ ސިމެންތި ކުންފުންޏަކުން އިއުތިރާފުވެއްޖެ

އައިސިސް ހިމެނޭހެން އެމެރިކާއިން ޓެރަރިސްޓު ޖަމާއަތްތައް ކަމުގައި ކަނޑައަޅާފައިވާ ބައެއް ޖަމާއަތްތަކަށް ފައިސާ ދިންކަމަށް ސިމެންތި އުފައްދާ ފަރަންސޭސި ކުންފުންޏެއް ކަމުގައިވާ ލަފާޖްއިން އެއްބަސްވެއްޖެކަން އެމެރިކާގެ ކޯޓެއްގެ ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ބްރޫކްލީނުގެ ފެޑެރަލް ކޯޓުގައި އަންގާރަދުވަހު އެ ކުންފުނިންވަނީ، ކުންފުނީގެ މައްޗަށް އެމެރިކާއިން އުފުލާފައިވާ ދައުވާއަށް އިއުތިރާފުވެފައެވެ. އެ ކުންފުންޏާ ދެކޮޅަށް އެމެރިކާއިން ކުރި ދައުވާއަކީ ޓެރަރިސްޓު ޖަމާއަތްތައް ކަމަށް ކަނޑައަޅާފައިވާ ޖަމާއަތްތަކަށް މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުށުގެ ދައުވާއެވެ.

ކުށަށް އިއުތިރާފުވެ ލަފާޖުންވަނީ 687 މިލިއަން ޑޮލަރު ދޫކޮށްލުމާއެކު، ޖޫރިމަނާގެ ގޮތުގައި 90 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފައެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ލަފާޖުންވަނީ އައިސިސްއާއި ޖަބަހަތުއް ނުޞްރާއަށް މެދުވެރިން ބޭނުންކޮށްގެން ގާތްގަނޑަކަށް 5.92 މިލިއަން އެމެރިކާ ޑޮލަރު ދީފައެވެ.

ލަފާޖުން މި ފައިސާ ދައްކާފައިވަނީ ސޫރިޔާގެ މަދަނީ ހަނގުރާމައިގެ ކުރިން ފެށިގެން އެ ޤައުމުގައި އެ ކުންފުނިން އޮޕަރޭޓުކުރި ސިމެންތި ކާރުޚާނާއެއް ހުޅުވާފައި ބެހެއްޓުމަށްޓަކައެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި އެ ކުންފުނިން މި ކާރުޚާނާ ބަންދުކުރިއެވެ. އެއަށްފަހު އެ ކާރުޚާނާއަށް ވެރިވީ އައިސިސްއިންނެވެ. އެ ތަނުގައި ބާކީ ހުރި ސިމެންތި އައިސިސްއިންވަނީ 3.21 މިލިއަން ޑޮލަރާ ގާތްކުރާ އަގެއްގައި ވިއްކާފައެވެ.

ސުވިޒްލޭންޑުގައި އާންމުކޮށް ހިއްސާވިއްކާ ކުންފުންޏެއް ކަމުގައިވާ ހޮލްކިމްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ލަފާޖު ހިމެނުނީ 2015 ވަނަ އަހަރުއެވެ. ލަފާޖުގެ މައްޗަށް ފަރަންސޭސިވިލާތުގައިވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމަށް ތުހުމަތުކޮށް ދައުވާކޮށްފައެވެ. އެވެސް ސޫރިޔާގެ އަހުލީ ހަނގުރާމައިގެ ތެރޭގައި ހިންގިކަމަށް ބުނާ ޖަރީމާތަކެކެވެ.

ލަފާޖުން ބުނެފައިވަނީ އެ ކުންފުނިން ހަތިޔާރު އެޅި ޖަމާއަތްތަކަށް ފައިސާ ދިނީ އެ ކުންފުނީގެ ކާރުޚާނާގެ މަސައްކަތްތެރިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި އިންސާނިއްޔަތާ ޚިލާފު އެއްވެސް ޖަރީމާއެއް ނުހިންގާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ކޯޓުގައި ވާހަކަދައްކަމުން ލަފާޖުގެ ޗެއާމަން މަގާލީ އެންޑާސަން ބުނެފައިވަނީ އޯގަސްޓު 2013އިން ފެށިގެން ނޮވެންބަރު 2014 ވަނަ ދުވަހާ ދެމެދުގައި އެ ކުންފުނީގެ މަތީ ފަންތީގެ ވެރިން އެނގި ތިބެ، ގަސްތުގައި ހަތިޔާރު އެޅި ޖަމާއަތްތަކަށް ފައިސާދިނުމަށް ރާވައި އެކަން ތަންފީޒުކުރުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

އަދި އެކަމުގައި ޒިންމާވާންޖެހޭ ފަރުދުންތައް 2017 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން މިހާރު ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެމެރކކާގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ލިސާ އޯ މޮނާކޯ ވިދާޅުވީ މި މައްސަލައިން އެނގެނީ ޤައުމީ ސަލާމަތާއި ކުންފުނިތަކުގެ އިޖުރާމީ ހަރަކާތްތައް ގުޅިގެން އަންނަ ކަމަށެވެ.

މި ލިއުމާއި ގުޅޭ