Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ކަންކަމުގެ ޙަޤީޤަތް އޮޅުވައިލައި، އިމްރާން މީހުންގެ އަބުރު ނަގައިލާ ގޮތުގެ އެންމެ ފަހުގެ ނަމޫނާ

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ރާއްޖޭގެ އެންމެ އުތުރުގެ ހއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ބާރަށުގައި ދެއްކެވި ވާހަކަފުޅުގައި ގޯސް ވާހަކަފުޅެއް ވިދާޅުވެވުނެވެ. އިންސާނުންނަށް އަބަދުވެސް ކުށް ބަސް ބުނެވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ވާހަކައެއް ބުނެވިއްޖެނަމަ އެކަމަށް މައާފަށް އެދި އެ ބަހެއް އިސްލާހުކޮށް ރަނގަޅުކުރުމަކީ އޮންނަ އެންމެ ރީތި ގޮތެވެ.

މި ދެންނެވި ވާހަކަފުޅަކީ އީސާ އަލައިހިއްސަލާމާ ގުޅޭ ގޮތުން ދެއްކި ވާހަކަފުޅެކެވެ. އެ ވާހަކަފުޅު ދެއްކެވި މަޤުޞަދަކީ ޢީސާގެފާނުގެ ރިސާލަތު ނިމުނުކަން ވިދާޅުވެދެއްވުމާއި، އެކަލޭގެފާނު ﷲގެ ޙަޟްރަތަށް އުފުއްލެވުމަށްފަހުގައި އެކަލޭގެފާނުގެ ރިސާލަތު ގަނޑުބަނޑުކޮށް ބަޔަކު ބަދަލުކޮށްލިކަން ބަޔާންކުރެއްވުމެވެ.

އެ ވާހަކަފުޅުގެ ތެރެއިން ރައީސް ޔާމީނަށް ވިދާޅުވެވުނީ އީސާގެފާނު ފަސްދާނުލެވުނު ކަމަށެވެ. އެއީ ރަނގަޅު ބަސްފުޅެއް ނޫނެވެ. އެއީ ވާހަކަދެއްކެވުމުގެ ތެރެއިން ވިދާޅުވެވުނު ގޯސް ބަސްފުޅެކެވެ.

މި ވާހަކަފުޅު ނަގައިގެން ރައީސް ޔާމީނުގެ ޢަޤީދާއާމެދު ސުވާލު އުފައްދައި، އެމަނިކުފާނު އަހުލުއްސުންނާއިން ބޭރުވެފައިވާކަން ދޭހަކޮށްދީ، ރާއްޖޭގެ ވެރިކަން އެމަނިކުފާނަށް ލިބިވަޑައިގެންފިނަމަ އެމަނިކުފާނު، މި ޤައުމުގެ ޢަޤީދާ ސުންނާފަތިކުރައްވަފާނެކަން ދޭހަކޮށްދީ ބޮޑު ވަރުގަދަ ޓުވީޓެއް ކުރެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއެވެ.

އަބަދުވެސް އިމްރާން ކަންކުރައްވާ ގޮތަށް، ރައީސް ޔާމީނުގެ ވާހަކަފުޅުން ބައެއް ފޮރުވައިލެއްވީއެވެ. ޙައްޤާއި ޙަޤީޤަތް އެއްފަރާތްކުރައްވައި ފިތުނައާއި ނަފުރަތުގެ ހުޅުގަނޑު ރޯކުރެއްވުމަށް ޙަސަދައިގެ އަލިފާން ރަނގަޅަށް ހުޅުދާންކުރެއްވީއެވެ. ގަސްތުގައެވެ. މިއީ އެނގިވަޑައިނުގެން އޮޅުމަކުން ކުރައްވާ ކަމެއް ނޫނެވެ.

މިފަދައިން ރައީސް ޔާމީނުގެ ޢަޤީދާއާމެދު އިމްރާން ސުވާލު އުފައްދަވާފައިވާއިރު އިމްރާން ބައްލަވައިނުލެއްވި، އަދި ހާމަކުރައްވަން ބޭނުންފުޅުނުވި ޙަޤީޤަތަކީ ރައީސް ޔާމީނަށް ގޯސް ވާހަކަފުޅެއް ވިދާޅުވެވުމުން އެކަން އަމިއްލަފުޅަށް ފާހަގަކުރައްވައި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައިވާ ކަމެވެ.

ހއ.ދިއްދޫގައި ޖެހިގެން އައި ދުވަހު އޮތް ޖަލްސާގައި ރައީސް ޔާމީންވަނީ އެމަނިކުފާނަށް ގޯސްކޮށް ބަސްފުޅެއް ވިދާޅުވެވުނުކަމަށާއި، ޤުރުއާނުން ސާފުކޮށް އެނގޭ ގޮތުގައި އީސާގެފާނު ޤަތުލުނުކުރެވޭ ކަމަށާއި، ސަލީބަށްވެސް ނޭރުވޭ ކަމަށާއި، އެކަލޭގެފާނު ﷲގެ ޙަޟްރަތަށް ގެންދެވުނީކަމަށް ވިދާޅުވެފައެވެ. އަދި އެފަދަައިން ގޯސްކޮށް ބަސްފުޅެއް ވިދާޅުވެވުނީތީ ހުރިހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު މައާފަށް އެދެވިޑައިގަންނެވިއެވެ.

ފަހަރުގައި ގޯހެއް ހެދުނަސް ދުވަހަކު ކޮޅުމަތިން މައާފަށް އެދިވަޑައިނުގަންނަވާ ބޭފުޅަކަށް އެހެން ބޭފުޅަކު މައާފަށް އެދިވަޑައިގެންފާނެކަން ތަސައްވުރުނުކުރެއްވިދާނެއެވެ. އެފަދަ ކަމެއް ޚިޔާލަށްވެސް ނުގެންނެވޭނެއެވެ.

ވިދާޅުވެވުނު ގޯސް ބަސްފުޅާމެދު ރައީސް ޔާމީނު މައާފަށް އެދިވަޑައިގަތުން

އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ލީޑަރުންނަކީ އާންމުކޮށް ގޯސްކޮށް ބަސްފުޅެއް ވިދާޅުވެވިގެން އެ ބަސްފުޅެއް އިސްލާހުކުރައްވައި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ބޭފުޅުނެއްނެއް ނޫނެވެެ. ނަމަވެސް ރައީސް ޔާމީނަކީ އެމަނިކުފާނަށް ގޯސްކޮށް ބަސްފުޅެއް ވިދާޅުވެވިއްޖެނަމަ އެކަން ޤަބޫލުކުރައްވައި މައާފަށް އެދިވަޑައިގަންނަވާ ބޭފުޅެއްކަން މަތީގައިވާ ޓުވީޓުގައި އެ ފެންނަ ވީޑިއޯއިން ސާފުވެއެވެ. އެއީ ހަޑިކަމެއް ބަލިކަށިކަމެއް އަދި ދެރަކަމެއްވެސް ނޫނެވެ.

އިމްރާނަކީ މީގެ ކުރިންވެސް ސިޔާސީ ވާދަވެރިންގެ ދީނީ އިޢުތިޤާދާމެދު ސުވާލު އުފައްދަވައި އެ ބޭފުޅުންނާމެދު ނަފުރަތުގެ ހުޅުގަނޑު ރޯކުރެއްވި ބޭފުޅެކެވެ. 2013 ވަނަ އަހަރުގައި އޭނާގެ ހަމަލާތައް އަމާޒުވީ ކުރީގެ ރައީސް، އަދި މިހާރުގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށެވެ. ނަޝީދަކީ ފައްޅިތަކުން ފައިސާ ލިބިވަޑައިގަންނަވާ ބޭފުޅެއްކަމަށާއި، އެމްޑީޕީއަށް ޚަރަދުކުރަނީ ފައްޅިތަކުންކަމަށް ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި އިމްރާން ވިދާޅުވި ވީޑިއޯތައް އަދިވެސް އެހުރީ ފެންނާށެވެ.

ފަހުން ވިދާޅުވީ ރައީސް ނަޝީދާމެދު އެފަދަ ވާހަކަފުޅެއް ނުދައްކަވާ ކަމަށެވެ. ގޯސް ވާހަކަފުޅެއް ދެއްކެވިގެން އެކަމަކަށް އިމްރާން މައާފަށް އެދިވަޑައިނުގަންނަވައެވެ. އެހެންނަމަވެސް އެ ވާހަކަފުޅު ވިދާޅުވިކަމަށްވެސް ނުހެއްދެވީއެވެ.

ދެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހު އިމްރާން ދެއްކެވި ވާހަކަފުޅަކީ އަނިޔާވެރިކޮށް ޝަހީދުކޮށްލެވިފައިވާ ޑރ.އަފްރާޝީމް އަލީއާއި ގެއްލުވާލެވިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ މައްސަލައިގެ ޙަޤީޤަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމުގެ ހެކި އަތްޕުޅުގައި އެބަހުރި ކަމަށެވެ. ކިތާބީ ހެކިކަމަށް ވިދާޅުވެ ގަނޑުތަކެއް އަތުކުރިއަށް ނަންގަވައި ދެއްކެވިއެވެ.

މަޖިލީހުގައި ފަހުން ވިދާޅުވީ އެ ގަނޑުތައް ފުލުހުން ގެންދިޔައީ ކަމަށެވެ. ފުލުހުންގެ ޚިދުމަތުގެ ބެލެނިވެރި ވުޒާރާގެ ވަޒީރަކަށް އިމްރާން ހުންނަވާތާ 4 އަހަރުވަނީއެވެ. އަދިވެސް އެ ވިދާޅުވާ ކިތާބީ ހެއްކެއް ނުހޯއްދެވެއެވެ. ނުދެއްކެވެއެވެ. ދައްކަވާކަށް ނުވެސް އުޅުއްވައެވެ.

ގޯސް ބަހެއް، ކުށް ބަހެއް، ނުރަނގަޅު ވާހަކައެއް ދެއްކިއްޖެނަމަ އެކަމަށް މައާފަށް އެދުމަކީ ރިވެތި ކަމެކެވެ. އެކަން ކުރަނީ ލަދުވެތިކަން ހުރުމާއެކު މާތްﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭކަން އެނގޭ މީހުންނެވެ. އެކަން ހިތުގައި އޮންނަ މީހުންނެވެ. އެކަން ފިލައިފި މީހަކު އެފަދައިން މައާފަށް އެދި ހެދުނު ގޯހެއް ޤަބޫލުނުކުރާނެއެވެ. ގޯހެއް ހެދުނުކަމަށް އިންކާރުކުރުން ނޫންކަމެއް އެ ޒާތުގެ މީހުން ނުކުރާނެއެވެ.

ޞަޙީޙުލް ބުޚާރީގައި އިބްނު މަސްއޫދުގެ އަރިހުން ވާރިދުވެފައިވާ ޙަދީސެއްގައި ސަލާމާއި ޞަލަވާތް ލެއްވުނު ކައުއިތުރު ރަސޫލާ ޙަދީސްކުރެއްވިއެވެ. «إن مما أدرك الناس من كلام النبوة الأولى: إذا لم تستح فاصنع ما شئت» މާނައީ: މީސްތަކުންނަށް ނަބީބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެނގުނު އެއް ވާހަކައަކީ، ލަދުހަޔާތް ކެނޑިއްޖެނަމަ ހިތުހުރި ކަމެއްކުރާށެވެ މި ބަހެވެ.

ނަބަވީ ޙިކުމަތުގައިވަނީ ކޮންފަދަ ތެދެއް ހެއްޔެވެ؟ އެކާވީސްވަނަ ޤަރުނުގެ ޓެކްނޮލޮޖީއާއެކު ކަންކަމުގެ ޙަޤީޤަތް މިހާރު އޮޅުވައިލުން އެހައި ފަސޭހައެއް ނުވާނެއެވެ. ނަމަވެސް ލަދުހަޔާތެއް ނެތީވިއްޔާ، ކަންކަން އޮޅުވައިލާ މީހުންގެ އަނބުރު ކަތިލެވޭތޯ، އެކަމަށް އާދަވެ ނުހުއްޓޭ މިންވަރަށް އެކަމުގެ ތެރެއަށް ޣަރަޤުވެފައި ތިބޭ މީހުން އުޅޭނެއެވެ. އިމްރާނަށް އެވަނީ އެހެނެވެ. އެކަމެއް ބަދަލެއްވެސް ނުވާނެއެވެ. ނުވެސް ހުއްޓޭނެއެވެ.

މި ލިއުމާއި ގުޅޭ