އާއްމުކުރުން މަނާ ކޮންޓެންޓްގެ ތަފްސީލު ބަޔާންކޮށް ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގަވައިދު ގެޒެޓުކޮށްފިއެވެ.
ގަވައިދުގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެންދުންތައް އާންމުކުރާއިރު، އެ އުފެއްދުންތަކާ އެކަށީގެންވާ އުމުރުފުރާ ކަނޑައެޅުމާއި، ފަންނީ އުފެއްދުންތަކުގެ ޝަރުތުތައް ކަނޑައެޅުމާއި، ގިންތިތަކަށް ފެތޭގޮތަށް އާންމުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމަށްޓަކައި، ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްކަމަށެވެ.
ގަވައިދުގެ މަގުސަދެއްކަމަށް ބުނެފައިވަނީ ފަންނީ އުފެއްދުންތައް ގިންތިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ފަންނީ އުފެއްދުން އާންމުކުރުމާ ގުޅޭ ކަންކަން ބަޔާންކުރުމެވެ.
ގަވައިދު ބުނާގޮތުން ކޮންމެ ފަންނީ އުފެއްދުމެއްވެސް އާންމުކުރުމުގެ ކުރިން، އެ އުފެއްދުން އާންމުކުރާ ފަރާތުން އެ އުފެއްދުމެއް ގިންތިކުރަން ޖެހޭނެއެވެ.
އެގޮތުން ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ މަދުވެގެން 14 ދުވަސް ކުރިން، އެ އުފެއްދުމެއް އާންމުކުރާ ފަރާތުން އެ އުފެއްދުމެއް ގިންތިކުރުމަށްފަހު، ބިއުރޯއަށް ހުށަހަޅަން ޖެހޭނެކަމަށް ގަވައިދުގައި ބުނެފައިވެއެވެ.
ގަވައިދުގައި ވަނީ ފަންނީ އުފެއްދުންތައް ގިންތިކުރުމުގައި ބަލަންވީ މިންގަނޑުތަކުގެ ތަފްސީލުވެސް ބަޔާންކޮށްފައެވެ. އަދި އެ މިންގަނޑުތައް ބަލާ އެ އުފެއްދުމަކަށް އުމުރުފުރަ އެއް ކަނޑައަޅަންވާނެކަމަށްވެސް ގަވައިދު ބުނެއެވެ.
ގަވައިދުގައި ވަނީ ފަންނީ އުފެއްދުންތައް ބެހޭ ގިންތިތަކުގެ ތަފްސީލުވެސް ބަޔާންކޮށްފައެވެ.
މީގެއިތުރުން އެ ގަވައިދުގައި ވަނީ އާންމުކުރުން ހުއްދަ ނޫން ކޮންޓެންޓްގެ ތަފްސީލުވެސް ދީފައެވެ. އެގޮތުން ހުއްދު ނޫންކަމަށް ބުނެފައިވަނީ އިސްލާމްދީނާ ޚިލާފު އަދި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތަކާއި ބަހުރުވަ ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދިނުމުގެ ޢަމަލުތަކާއި ބަހުރުވަ، ނުވަތަ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް އުނިކަމެއް އަންނަ ޢަމަލުތަކާއި ބަހުރުވަ ބޭނުން ކުރުން މަނާ ވާނެކަމަށާއި ޖިންސީ ގުނަވަންތައް ހާމަވާ މަންޒަރު ނުވަތަ ޖިންސީ ގުޅުން ހިންގާ މަންޒަރުތައް ހިމެނުން މަނާވާނެކަމަށެވެ.
ގަވައއިދު ބުނާ ގޮތުން އެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށް ލިބިގެންވާކަމަށެވެ.
އެގޮތުން ގަވާއިދާ ޚިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 1000ރ އާއި 5000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއް ތަކުރާރުކޮށްފިނަމަ، ތަކުރާރުކޮށް ގަވާއިދާ ޚިލާފުވާ ކޮންމެ ފަހަރަކު ކުރިން ކޮށްފައިވާ ޖޫރިމަނާގެ އިތުރުން، އިތުރު 1000ރ އިން ޖޫރިމަނާކުރާނެކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.