ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުން އެ މައްސަލަތައް އަވަހަށް ނިންމައިދޭންޖެހޭނެކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން އެމަނިކުފާނު ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ.ވަށަފަރަށް ވަޑައިގެން މިއަދު އެ ރަށުގައި އޮތް ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުން އެ މައްސަލަތައް ކުރިއަށްގެންދަންޖެހޭނީ ޑޮކްޓަރަށް ދައްކަން އެޕޮއިންޓުމެންޓު ހަދައިގެން ނަންބަރު ނަގައިގެން ތާވަލުކޮށްގެން ކުރިއަށްގެންދާ އުސޫލުން ނޫން ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި ޤައުމުގެ މިނިވަންކަމާ ގުޅުންހުރި މައްސަލަތައް ކޯޓަށް ހުށަހެޅުމުން އެ މައްސަލަތައް ވަކި ގޮތަކަށް ނިމުމުން ދައުލަތަށް ދަތިވެދާނެތީ އެ މައްސަލަތައް ނުހިނގައި ހިފަހައްޓާފައި ހުންނަ ކަމަށެވެ. އަދި އޭގެ ޒާތުގައި އެ މައްސަލަތައް ތަޅުއެޅުވިފައި ހުންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ވެރިކަންކުރާ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުން ބޮޑު އަޣުލަބިއްޔަތެއް ލިބިފައި އޮތުމުން ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައް ކަށަވަރުކޮށް މުއައްސަސާތައް ޒިންމާދާރުކުރުވުމުގެ މަގު އޮންނަނީ ބަންދުވެފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިގެން އެ ޙައްޤުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާ ހިސާބުން އެ މައްސަލައެއްގައި ބަހުސްކުރާނެ ހިތްވަރެއް އެމްޑީޕީގެ މެންބަރުން ކިބައިގައި ނުހުންނަ ކަމަށެވެ. އެހެންކަމުން ދެން މައްސަލަ ކުރިއަށްގެންގޮސް ޙައްޤު ހޯދަން އޮންނަ ހަމައެކަނި މަގަކީ ޖުޑީޝަރީކަމަށާއި ނަމަވެސް މައްސަލަ ޖުޑީޝަރީގެ ތެރެއަށް ވެއްދުމުގެ ކުރިން މައްސަލަ އޮންނަނީ ކަފުންވެފައިކަމަށެވެ.
އަދި ޝަރުޢީ ދާއިރާއާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވަނީ މައްސަލަތައް ނުނިމި ދިގުލައިގެންދާތީ ކަމަށާއި، ސިޔާސީ ބޭފުޅެއްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިނަމަ އެ ކަމެއް ހަލުއިކޮށް ކުރިއަށްދާކަން ރައީސް ޔާމީނު ފާހަގަކުރެއްވިއެވެ.
މީގެ ކުރިންވެސް ރައީސް ޔާމީންވަނީ ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ތުހުމަތު އަމާޒުކުރައްވާފައިވަނީ އަދާލަތަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގުކުރައްވާފައިވެއެވެ.