މާލެއާއި އަތޮޅު ތެރޭގެ ކަރަންޓުގެ އަގު އެއްހަމައަކަށް ގެނެސް އަތޮޅު ތެރޭގައި ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމުން ފެނަކައަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއްވާނެކަމަށް އެ ކުންފުނިން ބުނާއިރު އެ ކުންފުނިން ބޮޑެތި ހޭދަތަކެއް ބޭކާރު ގޮތުގައި ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަތޮޅު ތެރެއާއި ރާއްޖެ ތެރޭގެ ކަރަންޓުގެ އަގު އެއްހަމަކުރަން ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާނު މަޖިލީހަށް ހުށަހެޅުއްވި ޤަރާރު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޝިޔާމު މިފަދައިން ކަންބޮޑުވުން ހިއްސާކުރެއްވީ މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތައް ކަމުގައިވާ ސްޓެލްކޯއާއި ފެނަކައިން ކަރަންޓުގެ އަގު އެއްވަރުކޮށްފިނަމަ ބޮޑެތި ގެއްލުންތަކެއްވާނެކަމަށް ބުނެފައިވުމާ ގުޅިގެންނެވެ.
ފެނަކައިން ބުނެފައިވަނީ މާލެ ސަރަހައްދުގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ އަގުގައި އަތޮޅު ތެރޭގައި ޚިދުމަތް ފޯރުކޮށްދިނުމަކީ، އަތޮޅު ތެރޭގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ޚަރަދަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދައިން ކަރަންޓުގެ އަގު އެއްވަރުކޮށްފިނަމަ މިހާރު ސަބްސިޑީއަށް ސަރުކާރުން ކުރާ ހޭދަ އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ. އަދި އެ ކުންފުންޏަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ.
ކުންފުނިތަކުން ދެއްކި ވާހަކަތަކާ ގުޅިގެން މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ދެއްކެވި ވާހަކަފުޅުގެ ތެރެއިން، ޝިޔާމު ފާހަގަކުރެއްވީ އަތޮޅުތެރޭގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމުން ފެނަކައަށް ބޮޑު ގެއްލުމެއްވާނެ ކަމުގައި ބުނާއިރު މިހާރު އެއްވެސް ތަނެއްގައި ކުޅިވަރު މުބާރާތެއް ބާއްވާނަމަ، އެ މުބާރާތަކަށް ފެނަކައިން ސްޕޮންސާ ދެމުންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތަނަކަށް ވަޑައިގަންނަވާނަމަ އެތަނުގެ ހުރިހާ ކަމެއްވެސް ހަމަޖައްސަނީވެސް އެ ކުންފުނިން ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
ފެނަކައިން ކުރާ އިތުރު ބޭކާރު ޚަރަދުތައް ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ އެ ކުންފުނިން އަންނަނީ ކުންފުނީގެ އޮނިގަނޑުގައި ނެތް އެތައް ވަޒީފާއެއް އުފައްދަމުން ކަމަށެވެ. އެގޮތުން އުފައްދާ ވަޒީފާތަކަށް ބޭނުންވަރެއްގެ މުސާރަތަކެއް ކަނޑައަޅައި ދެމުން އަންނަ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
"ފެނަކާއިން މިހާ ބައިވަރު ސްޕޮންސާތަކެއްދީ، ފެނަކައިން މިހާ ބޮޑެތި އިވެންޓުތައް ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ތަނަކަށް ވަޑައިގަންނަވާނަމަ އެ ހުރިހާ ފެނަކައިން ހަމަޖައްސަން ޚަރަދުކުރަނީ ކޮންތާކުން ހޯދާ ފައިސާއިންކަން ބަލަންޖެހޭ،" ޝިޔާމު ވިދާޅުވިއެވެ.