Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ބޭންކް

ހޭދަ ކުޑަނުކޮށް ޖީއެސްޓީ ބޮޑުކޮށްގެން ސަރުކާރުގެ ޚަރަދު ދެކޮޅުނުޖެއްސޭނެ: ވޯލްޑް ބޭންކް

އާންމު މުދަލާއި ޚިދުމަތުން ނަގާ ޓެކުސް (ޖީއެސްޓ) އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުސް (ޓީޖީއެސްޓީ) ބޮޑުކުރި ނަމަވެސް ސަރުކާރުގެ ހޭދަ ކުޑަނުކުރާ ކަމުގައިވާނަމަ، ސަރުކާރުގެ ޚަރަދުތައް ދެކޮޅުނުޖެއްސޭނެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ސަރުކާރުގެ ޚަރަދުތައް ބޮޑުވުމާއެކު، ޚަރަދާއި އާމްދަނީގެ ފަރަގު ކުޑަކުރުމުގެ ގޮތުން ސަރުކާރުންވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެ ނިންމުމަކީ ރަނގަޅު ފައްސި (ޕޮޒިޓިވް) ނިންމުމެއް ކަމަށް ވޯލްޑް ބޭންކުން ޤަބޫލުކުރި ނަމަވެސް އެ ނިންމުމުން އެކަނި ސަރުކާރުގެ ޚަރަދުތައް ފޫނުބެއްދޭނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ޝާއިއުކުރި "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް" ރިޕޯޓުގައި އެ ބޭންކުން ބުނެފައިވަނީ އެކަށީގެންވާ މިންވަރަކަށް ދައުލަތުގެ ޚަރަދު ކުޑަކުރަންޖެހޭ ކަމަށެވެ. އަދި ކުރާ ޚަރަދަކީ ރަނގަޅު ނަތީޖާ ނެރެވޭ ގޮތަށް ކުރެވޭ ޚަރަދުތަކަށް ހެދުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކުރި ގޮތުގައި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެން ހިންގާ މަޝްރޫޢުތަކަށް ކުރާ ޚަރަދު ރަނގަޅު ގޮތެއްގައި ކުރުމަކީ މުހިއްމު ކަމެކެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ މިހާރަށްވުރެ ރަނގަޅަށް ބޭނުންކުރުމާއެކު ޚަރަދުތައް ކުޑަކުރުމަކީ ދައުލަތުގެ ޚަރަދުތަކާއި ދަރަނި ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓުމަށް މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައެވެ.

އަދި މިހާރު ސަރުކާރު ކުންފުނިތަކަށް ދޭ ސަބްސިޑީތައް މަދުކޮށް، އެ ސަބްސިޑީތައް ދެވޭ އުސޫލުތައް ހަރުދަނާކުރުމާއެކު، މިހާރަށްވުރެ ރަނގަޅަށް އިންވެސްޓުމެންޓުތައް މެނޭޖުކުރުމަކީ ދައުލަތުގެ ޚަރަދު މިހާރަށްވުރެ ކުޑަކުރަން އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް ކަމަށް ފާހަގަކުރިއެވެ.

އަދި އާމްދަނީ ލިބުން އިތުރުކުރަން ކުރެވޭނެ ކަންކަމުގެ ތެރޭގައި ޓެކުސް ދައްކާ ފަރާތްތައް (ޓެކްސް ބޭސް) ސިންދަފާތުކުރުމާއި، އެތެރޭގެ އިތުރު މަސްދަރުތަކުން އާމްދަނީ ލިބޭނެ ގޮތްތައް ތަރުތީބުކުރުމާއި، ނުރަސްމީކަން ކުޑަކުރުވުމާއި ޓެކުސް ދައްކަން ހިތްވަރުދިނުމާއި ޓެކުސް ނިޒާމުގެ އިންސާފުވެރިކަން އިތުރުކުރުން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.

މި ލިއުމާއި ގުޅޭ