Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން އަމުރުކޮށްފައިވަނިކޮށް އަރުޝަދު ދޫކޮށްލުމުން ފަނޑިޔާރުންގެ ނުރުހުން

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތުހުމަތުކުރާ އަރުޝަދު ޚާލިދުގެ ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޟިރުކުރަން އެ ކޯޓުން އަމުރުކޮށްފައިވަނިކޮށް، ކޯޓަށް ޙާޟިރުކުރުމުގެ ކުރިން އޭނާ ބަންދުން ދޫކޮށްލުމުން ހައިކޯޓުގެ ފަނޑިޔާރުންގެ ނުރުހުން ދައުލަތަށް އަމާޒުވެއްޖެއެވެ.

ރޭ އިރާކޮޅު 9:00 އިން ފެށިގެން މެންދަމު 12:00 އަށްވުރެ ލަސްވަންދެން ހައިކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމަކީ އަރުޝަދު ރާއްޖެއިން ބޭރުގައި ހުއްޓައި އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ހައިކޯޓުން ނެރުނު އަމުރަކާ ގުޅިގެން، އޭނާ ކޯޓަށް ހާޒިރުކޮށް ހައިކޯޓުން އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުން ބާއްވައި ދެ ފަރާތުގެ ވާހަކަތަކުގެ ތެރެއިން އަރުޝަދުގެ ޤާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ފާހަގަކުރެއްވީ ހައިކޯޓަށް އަރުޝަދު ހާޒިރުވެހުރީ ބަންދުގައި ހުރެގެން ނޫން ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްފައިވާކަމަށް ޕީޖީން ބުނި ނަމަވެސް އޭނާ ބަންދުން ދޫކޮށްފައިވާކަމުގެ ލިޔުން ފުލުހުން އޭނާއާ ހަވާލުކޮށް ބަންދުން ދޫކޮށްފައިވާކަމަށާއި، ބަންދުން ދޫކުރި ފަހުން އޭނާ ފުލުހުންގެ އިރުޝާދަށް ތަބާވެގެން ފުލުހުން އަންގާ ތަނަކަށް ދިއުމަކީ އުސޫލެއްގެ ގޮތުން ކުރުން ލާޒިމު ކަމެއް ނޫން ކަމަށެވެ.

އެ ހިސާބުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުންވަނީ އަރުޝަދު ބަންދުން ދޫކޮށްފައިވާ ލިޔުން ހުށަހެޅުމަށް އަންގަވާފައެވެ. އަދި އެއާއެކު ފަނޑިޔާރުންވަނީ ހައިކޯޓުން އަމުރުކުރީ އަރުޝަދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރުކުރަންކަމަށާއި، ފުލުހުން އަމަލުކޮށްފައިވަނީ ކޯޓުގެ އަމުރާ އެއްގޮތަށް ނޫންކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

ކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ބަންދުން ދޫކޮށްލި ގޮތެއް ބަލަންޖެހޭނެ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި އިންނެވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ވިދާޅުވިއެވެ. އެފަދައިން ވިދާޅުވުމުން ދައުލަތުގެ ވަކީލުވަނީ އެކަން ހިނގި ގޮތް ބަލާނެކަމަށް ވިދާޅުވެފައެވެ. ޖަވާބުގައި ފަނޑިޔާރު ނިޔާޒު ވިދާޅުވީ ކަން ހިނގި ގޮތް ބަލައިގެން ނުފުދޭނެ ކަމަށެވެ. އަމުރާ ޚިލާފުވީ ފަރާތްތަކާމެދު ފިޔަވަޅުވެސް އަޅަންޖެހޭނެ ކަމަށެވެ.

ފަހުންވެސް އެކަމަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ފަނޑިޔާރު ނިޔާޒުވަނީ މިފަދަ ކަންކަމުގައި އަމަލުކުރާނެ ވަކި ޚާއްޞަ އިޖުރާއާތުތަކެއް ފުލުހުންގެ ތެރޭގައި ނެތްތޯ ސުވާލުކުރައްވާފައެވެ. އަދި ކޯޓުގައި ދައުލަތް ތަމްސީލުކުރާ ޕީޖީ އޮފީހުން ކޯޓުގައި ދައުލަތުގެ ނަމުގައި ތަމްސީލުކުރަނީ ހަމައެކަނި އެ އޮފީސްތޯ ނުވަތަ ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއްތޯވެސް ނިޔާޒު ސުވާލުކުރެއްވިއެވެ.

"އަޅުގަނޑުމެން އަމުރުކުރީ ފުލުހުންގެ މައްޗަށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރަން. އަޅުގަނޑުމެންނާ ހަމައަށް ގެނައުމުގެ ކުރިން [އަރުޝަދު] ދޫކޮށްލައިފި. އަޅުގަނޑަކަށް ހިއެއްނުވޭ ތިބޭފުޅުން މިކަންކަންކުރަނީ އެއްބަޔަކު އަނެއް ބަޔަކަށް ރޯފިލައިގެން ހެނެއް،" ފަނޑިޔާރު ނިޔާޒު ދައުލަތަށް ފާޑުވިދާޅުވުން އަމާޒުކުރައްވައި ވިދާޅުވިއެވެ.

އަދި ޕީޖީއާއި ފުލުހުންގެ މެދުގައި އެހެން ކަންކަން ހިނގާކަމަށް ވިދާޅުވެ އެ ކަންކަން އިސްލާހުކުރުމަށް ފަނޑިޔާރު ނިޔާޒު ދައުލަތަށް އިރުޝާދުދެއްވިއެވެ.

ބަންދުގައި މީހަކު ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރުތަކާ ގުޅިގެން ފުލުހުން އާންމުކޮށް އަމަލުކުރާ އުސޫލަކީ އެ މީހަކާ ބައްދަލުކޮށް ކޯޓަށް ހާޒިރުވާން އޮންނަ ދުވަހެއްގައި އެ މީހަކާ ވަކި ތަނަކުން ބައްދަލުކުރުމަށްފަހު ގޮވައިގެން ކޯޓަށް އައުން ނުވަތަ އެމީހަކު އުޅޭ ތަނަކަށް ފުލުހުން ގޮސް އެ މީހަކު ކޯޓަށް ގެނައުންކަމަށް ދިފާއީ ވަކީލު ފާހަގަކުރެއްވިއެވެ.

ދިފާއީ ވަކީލުގެ އެ ނުކުތާއާ ގުޅިގެން ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެފަދައިން އަމަލުކުރަނީ ފުލުހުންނާ މުއްތަހަމާ ދެމެދުގައި ވާހަކަދައްކައިގެން ކަމަށެވެ. އަދި އެފަދައިން ފުލުހުންނާ އަރުޝަދާ ދެމެދުގައި ވާހަކަދެކެވުނުތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން އަރުޝަދު ބުނެފައިވަނީ އެފަދަ ގޮތަކަށް ވާހަކަދެކެވިފައި ނެތް ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްގެން ހާޒިރުކުރަން އަންގާފައިވާ މީހަކު ކޯޓަށް ހާޒިރުކުރުމުގެ ކުރިން ދޫކުރެވިދާނެކަމަށް ޤަބޫލުނުކުރާ ކަމަށެވެ. އެފަދައިން ޕްރޮސެކިއުޝަނުން ބުނުމުން ފަނޑިޔާރު ނިޔާޒުވަނީ އެހެންކަމަށްވާނަމަ ފުލުހުން އެގޮތަށް އަމަލުކުރަނީ ކީއްވެކަން ސާފުކުރެއްވުމަށް ސުވާލުކުރައްވާފައެވެ. "އަމަލުކުރާނެ އިޖުރާއަތެއް އެ ބޭފުޅުންގެ ތެރޭގައި ނެތީތޯ. ބެލެހެއްޓުންތެރިއެއް އެތަނުގައި ނެތީތޯ؟،" ފަނޑިޔާރު ނިޔާޒު ދައުލަތާ ސުވާލުކުރެއްވިއެވެ.

އަރުޝަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރާ ޚިލާފަށް އޭނާ ދޫކޮށްލާފައިވާތީ އޭނާގެ ބަންދާމެދު ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް ކަނޑައަޅުއްވައި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންވަނީ އޭނާއަށް ރާއްޖެއިން ބޭރަށްނުދެވޭ ގޮތަށް ޕާސްޕޯޓު ހިފަހައްޓަވައި މާލެއިން ބޭރަށް ދާނަމަ ކޯޓުގެ އިޒުނަ ހޯދަންޖެހޭ ގޮތަށް އަމުރުކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ