ޤަޟާޙާޖާތްކުރުމަށްފަހު ގައިން ތާހިރުވުމަށް ފެން ބޭނުންކުރުން ފަރަންސޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ ލޮމާރެކް މަމަކަށް ކިޔާ ކުންފުންޏަކުން މަނާކޮށްފިއެވެ.
ލޮމާރެކް ކުންފުނިން އެ ކުންފުނީގެ ފާޚާނާތަކުގައި ތަތްކުރި ނޯޓިސްއެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އިމާރާތެއްގެ ފާޚާނާގައި ޤަޟާޙާޖާތްކުރުމަށްފަހު ސާފުތާހިރުވުމަށް ފެން ބޭނުންކޮށްފިކަން އެނގިއްޖެނަމަ އެކަން ކުރި ފަރާތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.
އެ ނޯޓިސްގައި އެ ކުންފުނިން ބުނެފައިވަނީ ފަރަންސޭސިވިލާތުގެ ޒަމާންވީ ސަގާފަތަކީ، ޤަޟާޙާޖާތްކުރުމަށްފަހު ގައިން ތާހިރުވުމަށް ޓޮއިލެޓް ޕޭޕަރު ބޭނުންކުރުމަށްފަހު ސައިބޯނި ލައިގެން ފެނުން އަތް ދޮތުން ކަމަށެވެ.
އަދި ގައިން ތާހިރުވުމަށް ޕްލާސްޓިކް ފުޅިއެއްގައި ހުންނަ ފެން ބޭނުންކުރުމަކީ އެ ކުންފުނިން ގެންގުޅޭ ސާފުތާހިރުކަމުގެ އަސާސީ ސިޔާސަތާ ޚިލާފު ކަމެއް ކަމަށެވެ.
"މި ފާޚާނާތަކަށް ޕްލާސްޓިކް ފެން ފުޅިއެއް ހިފައިގެން ނުވަތަ ފެން އަޅާފައިވާ ޖޯޑެއް ފަދަ އެއްޗެސް ހިފައިގެން ވަންނަ ފުރަތަމަ މީހަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ބުނަން،" އެ ކުންފުނިން ހިއްޕާފައިވާ ނޯޓިސްގައި ބުނެފައިވެއެވެ.
ލޮމާރެކް ކުންފުންޏަކީ ގެދޮރުގެ އެތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ސާމާނު ވިއްކާ ކުންފުންޏެކެވެ.
ފަރަންސޭސިވިލާތަކީ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އިސްލާމްދީނާއި މުސްލިމުންނާމެދު ނަފުރަތުކުރާ އެންމެ ބޮޑު އާބާދީއެއް އޮންނަ އެއް ޤައުމެވެ. ފަރަންސޭސިވިލާތުގެ ޤާނޫނީ ނިޒާމުގެ ތެރެއިން މުސްލިމުންނާމެދު ހަރުކަށި އެތައް ފިޔަވަޅެއް އަޅާފައިވެއެވެ.
ފަރަންސޭސި ބައެއް މުސްލިމުން ފާހަގަކުރި ގޮތުގައި ލޮމާރެކް ކުންފުނިން އަޅާފައިވާ ފިޔަވަޅަކީ އެ ޤައުމުގެ ޖަމާއީ ވިސްނުމުގައި ބިންވަޅުނެގިފައިވާ އިސްލާމްދީނަށް އޮންނަ ނަފުރަތުގެ އަލާމާތެކެވެ.