Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަރުމަނުވިލާތް

ޖަރުމަންވިލާތުގެ އިޤުތިޞާދު ތަދުމަޑުކަމަށް ކޮއްޕައިލަނީ ރަޝިޔާއިން: ޖަރުމަންވިލާތް

ރަޝިޔާއިން ޔޫކުރެއިނުގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޔޫރަޕުގެ އެންމެ ބޮޑު އިޤުތިޞާދުކަމަށްވާ ޖަރުމަނުގެ އިޤުތިޞާދު އަންނަ އަހަރު އިޤުތިޞާދީ ތަދުމަޑުކަމެއް (ރިސަޝަނެއް)ގެ ތެރެއަށް ވެއްޓޭނެކަމަށް އެ ޤައުމުން ލަފާކޮށްފިއެެވ.

އެގޮތުން ބުދަދުވަހުގައި ޖަރުމަން ސަރުކާރުންވަނީ ކުރިއަށް އޮތް ދެ އަހަރު އެ ޤައުމުގެ އިޤުތިޞާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރު ދަށްކޮށްފައެވެ. އެގޮތުން އަންނަ އަހަރު ޖަރުމަނުގެ އިޤުތިޞާދު ކުރިއަރާނީ 0.4 އިންސައްތައިން ކަމަށް އެ ޤައުމުން ލަފާކުރެއެވެ. އަދި މި އަހަރު ޖަރުމަނުގެ އިޤުތިޞާދު ކުރިއަރާނީ 1.4 އިންސައްތައިންކަމަށްވެސް ޖަރުމަންވިލާތުން ލަފާކުރެއެވެ.

މި ދަށްކުރުމަކީ ކުރިން މި އަހަރު އިޤުތިޞާދު ކުރިއަރާނެކަމަށް ލަފާކުރި 2.2 އިންސައްތައާއި އަންނަ އަހަރު އިޤުތިޞާދު ކުރިއަރާނެކަމަށް ލަފާކުރި 2.5 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

ޖަރުމަންވިލާތުގެ ވައިސް-ޗާންސެލާ އަދި އިޤުތިޞާދީ ވަޒީރު ރޮބާޓް ހަބެކް ވިދާޅުވީ އެންމެ ބޮޑަށް ޖަރުމަން އިޤުތިޞާދު މަޑުޖެހޭނީ މި އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓާގައާއި އަންނަ އަަހަރުގެ ފުރަތަމަ ކުއާޓާގައެވެ.

ކުރިއަށް އޮތް ތިން ކުއާޓާގައި ޖަރުމަނުގެ ޤައުމީ އުފެއްދުންތެރިކަން މަޑުޖެހޭ ސަބަބުތަކުގެ ތެރޭގައި ތަކެތީގެ އަގު އުފުލުމާއި، ހަކަތައިގެ ތަދުކަމާއި، ސަޕްލައި ޗެއިނަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ. ނަމަވެސް ޖަރުމަނު އިޤުތިޞާދު އަނބުރާ ރަނގަޅު މިސްރާބަށް އިއާދަވާނީ 2024 ގައި ކަމަށް އެ ޤައުމުން ލަފާކުރެއެވެ.

ރަޝިޔާއިން ޔޫކުރެއިނަށް އެރުމަށްފަހުގައި ޔޫރަޕުގެ ޤައުމުތަކަށް ގޭސް ވިއްކުން ހުއްޓައިލަން ނިންމުމުގެ ސަބަބުން، ޖަރުމަންވިލާތްވަނީ ބޮޑު ހަނގުރާމައިގެ ފަހުން ކުރިމަތިވި އެންމެ ބޮޑު ހަކަތައިގެ ކާރިސާއަށް ވެއްޓިފައެވެ. ގޭހުގެ އަގު އުފުލުމުގެ ސަބަބުން ގިނަ ކުންފުނިތަކުގެ އުފެއްދުންތައް މަދުކޮށްފައިވާއިރު، ބައެއް ކުންފުނިތައް ބަންދުކޮށްފައިވެއެވެ. އަދި ގޭބީސީތަކުން އަންނަނީ ކަރަންޓު ބިލުތައް ބޮޑުވެދާނެކަމަށް ތައްޔާރުވަމުންނެވެ.

"އަހަރުމެންގެ އިޤުތިޞާދުގެ ތަނަވަސްކަމަށް ނުރައްކާކުރަން [ރަޝިޔާގެ ރައީސް ވަލްޑަމިއަރް ޕުޓިން]އަށް ފުރުސަތު ދީގެންނުވާނެ،" ހަބެކް ވިދާޅުވިއެވެ.

ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވި ދަތިކަން ހައްލުކުރުމަށް ސަރުކާރުން 300 ބިލިއަން ޔޫރޯގެ ޕެކޭޖެއް ތައާރަފުކުރިނަމަ އިޤުތިޞާދު ހީނަރުވާ މިންވަރު މިހާރަށްވުރެ ބޮޑުވީސްކަމަށް ޖަރުމަނުގެ އިޤުތިޞާދީ ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން އިޤުތިޞާދު ހަމަޖައްސަން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިޤުތިޞާދު ހަމަޖެހިލާފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ