Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޣުނީ

އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން ކުރާ ޚަރަދާ އެއްވަރުގެ ނަތީޖާއެއް ނުނިކުންނާނެ: މުޣުނީ

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރަން ކުރާ ހޭދައާ އެއްވަރުގެ ނަތީޖާއެއް ނެރެވިދާނެކަމަށް ޤަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިފަދައިން ވިދާޅުވީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށް އެ މިނިސްޓްރީގެ މަސްއޫލުވެރިން މިއަދު މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީއަށް ވަޑައިގެން ހުށަހެޅުއްވި ޕްރެޒެންޓޭޝަނާ ގުޅިގެން ކުރެއްވި ސުވާލެއްގައެވެ.

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ވާހަކައަކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުން ފެށިގެން ހުރިހާ ވެރިކަމެއްގައި ދައްކަމުން އަންނަ ވާހަކައެއްކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ އެ މަސައްކަތް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހަދާފައިވަނީ ކޮން ކަހަލަ ދިރާސާއެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

އައްޑޫގައި 8،000 ޓުއަރިސްޓު އެނދު ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދެކެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ދަރަންޏަށް 70 މިލިއަނެއްހައި އެމެރިކާ ޑޮލަރު ނަގައިގެން ބޮޑު މަޝްރޫޢެއް ހިންގުމަށް ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ. އެ މަޝްރޫޢު މިހާރު އޮތީ ޕްރިބިޑިން މަރުހަލާގައިކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ މަޝްރޫޢާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ މަޝްރޫޢާއެކު އައްޑޫގެ ފަތުރުވެރިކަން ފުޅާކުރެވި ތަރައްޤީވާނެ ކަމަށެވެ.

މިނިސްޓްރީގެ އެ ވާހަކަފުޅާ ގުޅިގެން މުޣުނީ ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުތަކުން ކުރާ ޚަރަދާ އެއްވަރުގެ ފައިދާއެއް ނެރެވިދާނެކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަން ފާހަގަކުރައްވައި މުޣުނީ ސުވާލު އުފައްދަވާފައިވަނީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އެކަމާ ގުޅޭ އެކަށީގެންވާ ދިރާސާއެއް ހެދުމަށްފަހުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެ ދިރާސާއަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވިއެވެ.

މުޣުނީގެ ސުވާލަށް ޖަވާބުދެމުން އިކޮނޮމިކް މިނިސްޓްރީން ބުނީ އެއާޕޯޓު ތަރައްޤީކުރުމުން އިނެވެސްޓަރުންނަށް ފަތުރުވެރިކަމުގެ އެދުތައް ޤާއިމުކުރަން ޔަޤީންކަން ލަބިގެންދާނެ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީން އެއްވެސް ދިރާސާއެއްގެ ވާހަކައެއް މިނިސްޓްރީން ފާހަގަނުކުރެއެވެ.

މުޣުނީ އެ ޖަވާބާ ގުޅިގެން ވިދާޅުވެފައިވަނީ އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނައިރު އަދި އޮޕަރޭޓުކުރާއިރު އައްޑޫއަށް ފަތުރުވެރިން އަންނަ މިންވަރަށްވުރެ ގިނައިން ހުވަދޫގައި އޮތް ޑޮމެސްޓިކް އެއާޕޯޓަށް ފަތުރުވެރިން އަންނަ ކަމަށެވެ. އަދި މިނިސްޓްރީގެ ޖަވާބަށް ބަލާއިރު އައްޑޫގެ ފަތުރުވެރިކަމަށް އިންވެސްޓުކުރަނީ އެކަށީގެންވާ ދިރާސާއެއް ނެތިކަން އެނގޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ