Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުހައްމަދު ރަޝީދު

ސަރުކާރުގެ ނުފޫޒުން ބައެއްގެ މިލްކުވެރިކަން ފޭރިގަނެ މެމްބަރު ދޮންބެއަށް ރިހިވެލި ވިއްކާލަނީ

ތިން މަރުހަލާގެ ކޯޓްތަކުގެ ތެރޭގައި ގާނޫނީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް މާލެ އަތޮޅު ރިހިވެލި ބީޗް ރިސޯޓް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ދޮންބެ) އަށް ވިއްކާލުމަށްޓަކައި މުޅި ސަރުކާރު ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

މުޅި މާލެ އަތޮޅުގައިވެސް އޮތް އެންމެ ރީތި ފަޅުގައި އޮތް ރިހިވެލި ބީޗް ރިސޯޓަކީ 1979 ވަނަ އަހަރު މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް ރިސޯޓު ހިންގުމަށް ސަރުކާރުން ކުއްޔަށް ދީފައިވާ ރަށެވެ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއަކީ އަލީ ޔޫސުފްގެ ނަމުގައި އުފައްދާފައިވާ އޭނާގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ބާކީ 25 ޕަސެންޓް ހިއްސާ ދީފައިއޮތީ އަލީ ޔޫސުފްގެ 11 ދަރިންނަށެވެ.

މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ޤާނޫނާ ޚިލާފަށް ބަދަލުކޮށްފައިވާ މި މައްސަލަ ސިވިލް ކޯޓުގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަނީ ހިނގަމުންނެވެ. އަދި އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، މެމްބަރު ދޮންބެއަށް މި ރަށުގެ މައްސަލައިގެ މަޢުލޫމާތު ލިބި، މި ރަށް ބޭނުންވެގެން ސަރުކާރުގެ އިސް ފަރާތްތަކާއެކު މަޝްވަރާ ކޮށްފައިވާކަމުގެ މަޢުލޫމާތު "ދިޔަރެސް"އަށް ލިބިފައިވެއެވެ.

ރިސޯޓު ހިންގުމާއި ދޮންބެ ހަވާލުވެއްޖެ

ރިހިވެލި ބީޗް ރިސޯޓް ކުއްޔަށް ދީފައިވާ ކުންފުނީގެ ހިއްސާ ބަދަލުކުރުމުގެ މުޢާމަލާތުގެ މައްސަލަ ކޯޓުގެ ތެރެއިން ނިމުމުގެ ކުރިން، ޤާނޫނާ ޚިލާފަށް ހިއްސާ ބަދަލުކުރި ފަރާތްތަކާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެވެސް އެހީތެރިކަން ހޯދައިގެން، އެ ރަށް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ހިންގުމަށް ދޮންބެގެ ބީޗް އެކްސް ކިޔާ ކުންފުންޏާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.
ދޮންބެގެ ބީޗް އެކްސް ކުންފުނިން ރިސޯޓްގެ މެނޭޖްމަންޓާއި ހަވާލުވީ އޭގެ ކުރިން މާހަލް ޓްއަރސްގެ ފަރާތުން އެރަށް ކުއްޔަށް ދީފައިވާ ފްރާންސްގެ 55 ހިއްސާދާރުންގެ ޖުމްލަ 50 ޕަސެންޓް ހިއްސާވާ ސޭވް ދަ ޑްރީމް ނަމަކަށް ކިޔާ ކުންފުނީގެ އަތުން އެރަށް އަތުލުމާއި ގުޅިގެން ކޯޓްގައި މައްސަލަތައް ހިނގަމުން ދަނިކޮށެވެ. ސޭވް ދަ ޑްރީމް ކުންފުނީގެ ފަރާތުން މީގެ ކުރިން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ފްރާންސްގެ ހިއްސާދާރުން ރިސޯޓަށް ހަރަދުކުރި 2.7 މިލިއަން ޑޮލަރުން އެއްވެސް ނަފާއެއް އެމީހުންނަށް ލިބިފައިނުވެއެވެ. އެފަރާތްތަކަށް ލިބެންޖެހޭ ހައްގުތަކަށް އަރައިގަނެ، އެފަރާތްތަކުން ކުންފުނީގެ އެކައުންޓަށް ޖަމާކުރި ގިނަ އަދަދެއްގެ ފައިސާ ނަގައި ހިޔާނާތްތެރިވި ކަމުގެ ތުހުމަތު އެކުންފުނީގެ އަނެއް 50 ޕަސެންޓްގެ ހިއްސާދާރު ހުސައިން ޝިހާމްގެ މައްޗަށް ކޮށްފައިވެއެވެ.
ލީސް އެގްރިމެންޓް ބާތިލް ކުރުމުގެ ސަބަބުން ސޭވް ދަ ޑްރީމް ކުންފުނިން މާހަލް ޓްއަރސްގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ ކޯޓްތަކުގައި ހިނގަމުން ދަނިކޮށް، އަދި އެ މައްސަލަތައް ނިމޭނެގޮތެއް ނޭނގެނީސް ދޮންބެގެ ބީޗް އެކްސް ކުންފުނިން ރިހިވެލި ރިސޯޓް މަރާމާތުކޮށް އަޕްގްރޭޑްކުރުމަށް އެތައް މިލިއަން ރުފިޔާއެއް މިހާތަނަށް ވަނީ ހަރަދުކޮށްފައެވެ. އެގޮތުން ރިސޯޓްގެ ހުރިހާ ރޫމްތަކުގެ ފަރުނީޗަރު ބަދަލުކޮށް، ރަށް ގިރުން ހުއްޓުވުމަށް ޒަމާނީ ފެންވަރުގެ ރިވެޓްމަންޓެއް ޖަހައި، ރަށުގެ ގޮނޑުދޮށަށް ވެލިއަޅައި، ޖެޓީ އާއި ރެސްޓޯރަންޓް ފަދަ ތަންތަންވެސް ވަނީ އެއްކޮށް މަރާމާތުކޮށްފައެވެ. ކޯޓްގައި ހިނގަމުންދާ މައްސަލަ ނިމޭގޮތަކުން ސޭވް ދަ ބީޗް އާ އަނބުރާ ރަށް ހަވާލުކުރަންޖެހުމުގެ ފުރުސަތު އޮއްވާ މިފަދަ ބޮޑެތި ހަރަދުތަކެއް ކުރުމުން ސުވާލުތަކެއް އުފެދެއެވެ. ސަބަބަކީ ވަރަށް ބޮޑު ޔަގީންކަމެއް ކޮންމެވެސް ނުފޫޒުގަދަ ފަރާތަކުން ދީގެން މެނުވީ މިފަދަ ރިސްކެއް އެއްވެސް ވިޔަފާރިއަކުން ނުނަގާނެތީއެވެ.

ސަރުކާރުގެ ފަރާތުން ބޮޑު އެހީތެރިކަމެއް

އޭގެ އިތުރުން ދޮންބެގެ ކުންފުންޏާއި ރަށް ހަވާލުކުރި ފަހުން ޓޫރިޒަމް މިނިސްޓްރީއިންނާއި މީރާއިންވެސް ވަނީ ރިސޯޓުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ލުއި ގޮތަކަށް ބަހާލައިގެން ދެއްކޭނެ މަގު މިހާރު ތަނަވަސް ކޮށްދީފައެވެ. އެ ފުރުސަތަކީ އޭގެ ކުރިން ސޭވް ދަ ޑްރީމް ރިސޯޓް ހިންގި ދުވަސްވަރު އެފަރާތަށް ދިން ފުރުސަތެއް ނޫނެވެ.

މާހަލް ޓުއަރސްގެ ހިއްސާދާރުންގެ ތެރެއިން "ދިޔަރެސް"އާ ވާހަކަ ދެއްކި ފަރާތްތަކުން ބުނާގޮތުގައި، ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒުން ކޯޓުގައި އޮތް މައްސަލަ މިހާރު މަޑުޖައްސާލުމަށްފަހު، އެ މައްސަލަ ނިމުމުގެ ކުރިން ދޮންބެގެ ކުންފުންޏަށް އެ ރަށް ވިއްކާލުމުގެ މަގުފަހިކޮށްދީ އެކަމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަކުރުމަށް ސަރުކާރުގެ ތެރެއިން ދޮންބެގެ ކުންފުނިތަކަށް ބޮޑެތި ގިނަ ޕްރޮޖެކްޓުތަކެއް ވަނީ ހަވާލުކޮށްފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން އެދުމުން ޕްލޭނިން މިނިސްޓްރީން ހާމަކުރި ހިސާބުތަކަށް ބަލާއިރު، މިއަދާ ހަމައަށް 705 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓު ހަމައެކަނި ދޮންބެގެ ކުންފުނިތަކަށް ލިބޭގޮތަށް ސަރުކާރުގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން ވަނީ ހަމަޖައްސާ އެވޯޑު ކޮށްފައެވެ. މިހާ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މަޝްރޫޢުތައް ހަމައެކަނި ދޮންބެގެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނުގެ ތެރެއިންކަމަށް ގިނަފަރާތްތަކުން ތުހުމަތުކުރެއެވެ.

ޝަރުއީ ދާއިރާއަށް ނުފޫޒު، ދޮންބެއަށް ފަހިކޮށް ޤާނޫނު ބަދަލުކުރަނީ

މާހަލް ޓުއަރސްގެ ހިއްސާ އޮޅުވާލައިގެން ބަދަލުކުރި މައްސަލަ ކޯޓްގައި އެއްވެސް ވަރަކަށް ކުރިއަށް ނުދާތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކޯޓްގައި އޮތް މައްސަލަ އެއްކޮށް ހުއްޓުވާލައިފައިވަނީ ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކެއް މެދުވެރިވެގެންކަމަށް ބެލެވެއެވެ. މެމްބަރު ދޮންބެއަކީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު ފައްޔާޒު އިސްމާއީލާ ގާތް ގުޅުމެއް އޮންނަ އަދި މިހާރު ރައީސް ސޯލިހުގެ ފެކްޝަނަށް އެންމެ ބޮޑަށް ހަރަދުކުރާ އެއްފަރާތެވެ.
އަދި މިހާރު ރިހިވެލި ރިސޯޓް ހުޅުވުމަށްޓަކައި ހަދަންޖެހޭ އިންސްޕެކްޝަންތައް ހަދައި ނިންމާ އޮޕަރޭޓިން ލައިސެންސް ދޮންބެގެ ބީޗް އެކްސް ކުންފުންޏާއި ހަވާލުކޮށްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ދާދި ފަހުން އަޕްޑޭޓްކޮށްފައިވާ މައުލޫމާތުތަކަށް ބެލުމުން އެނގެއެވެ.
ރިހިވެލި ރިސޯޓްގައި މަސައްކަތްކުރާ ފަރާތަކުން "ދިޔަރެސް"އަށް މައުލޫމާތު ދިންގޮތުގައި، މި ދުވަސްކޮޅު ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން ވަރަށް ގިނަގިނައިން ރިހިވެއްޔަށް ދަތުރުކޮށް ދޮންބެއާއިއެކު ތަފާތު ބައްދަލުވުންތައް ބާއްވަމުން ދާކަންވެސް އެނގިފައި ވެއެވެ. ހާއްސަކޮށް ރައީސް ސޯލިހުގެ ފެކްޝަނުގެ ބޭފުޅުން ހަފްތާ ބަންދަށް އެ ރިސޯޓަށް ގޮސް އާއިލާއާއެކު ޗުއްޓީ ހޭދަކުރާކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

ރިހިވެލި ބީޗް ރިސޯޓު ވިއްކާލުމުގެ އެއްވެސް މުޢާމަލާތެއް މިވަގުތު ނުހިންގުމަށް ސިވިލް ކޯޓުން ކުރިން ވަގުތީ އަމުރެއް ނެރެފައިވާތީ، އަދި އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލިހުން ޤާނޫނަށް ބަދަލުގެނެސްގެން ކަމުގައިވާނަމަ އެކަން ކުރަންވެސް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން ތިބީ ތައްޔާރަށްކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން "ދިޔަރެސް"އަށް ކަށަވަރުކޮށްދީފައި ވެއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ އައު ކުންފުންޏާބެހޭ ބިލުގައި މި މައްސަލާގައި ދޮންބެއަށް މަގުފަހިވާގޮތަށް މާއްދާތަކެއް ހިމަނާފައިވާކަން މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދީފައި ވެއެވެ. އަދި ސަރުކާރުން ބޭނުންވެގެން މި ބިލް ވީހާވެސް އަވަހަށް ފާސްކުރުމަށް ދޮންބެ ޕްރެޝަރުކޮށްގެން، އެކަން ކޮށްދޭގޮތަށް ނިންމާފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

މި ރިޕޯޓަށް ލިބުނު މައުލޫމާތާ ގުޅިގެން ދޮންބެގެ ބަސްފުޅެއް ހޯދުމަށް މެސެޖުކުރުމުން ވިދާޅުވީ އޭނާ ރިހިވެލި ރިސޯޓު ބައްލަވައިގަންނަވަން ނޫޅުއްވާ ކަމަށެވެ. "ތިއީ އެއްގޮތަކަށްވެސް އަޅުގަނޑު ދެނެހުރި ކަމެއް ނޫން،"ކަމަށް ވިދާޅުވުމާއެކު އޭނާ ވިދާޅުވެފައިވަނީ އެ މައުލޫމާތަކީ މުޅިން ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

މި ލިއުމާއި ގުޅޭ