Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަނޑިޔާރުން

"ބާރަ އަހަރު ފަހުންވެސް މެޖިސްޓްރޭޓެއްގެ ތައުލީމީ ފެންވަރުގެ ގޮތުގައި ޑިޕްލޮމާ އޮތުން ރަނގަޅެއް ނޫން"

ފަނޑިޔާރުންގެ ޤާނޫނަށް އަމަލުކުރަން ފެށިތާ 12 އަހަރު ފަހުންވެސް މެޖިސްޓްރޭޓެއްގެ ތައުލީމީ ފެންވަރުގެ ގޮތުގައި ޑިޕްލޮމާ ފެންވަރު އޮތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ޤާނޫނު އިސްލާހުކޮށް ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށްވުރެ ކުޑަ ނޫން މިންވަރެއް ލިވިން އެލަވެންސްގެ ގޮތުގައި ހަމަޖެއްސުމަށާއި، ހައުސިން މަޝްރޫޢުތަކުގެ ތެރެއިން ފުލެޓާއި ބިން ހޯދުމަށް ފަނޑިޔާރުންނަށް ފަސޭހައިން ކުރިމަތިލެވޭ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބަހުސްގައި އާދަމް ޝަރީފު ވިދާޅުވެފައިވަނީ މިއަދުގެ ހާލަތުގައި ޑިޕްލޮމާއަކީ ފަނޑިޔާރުކަމަށް އެކަށީގެންވާ ޝަރުތެއް ނޫން ކަމަށެވެ.

އާދަމް ޝަރީފު ފާހަގަކުރެއްވި ގޮތުގައި ފަނޑިޔާރުންގެ ޤާނޫނަކީ މީގެ 12 އަހަރު ކުރިން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އަމަލުކުރަން ފެށި ޤާނޫނެކެވެ. 12 އަހަރަކީ ގުރޭޑު އެކެއްގައި ކިޔަވަން ފަށާ ދަރިވަރަކު އޭ lލެވެލް ފެންވަރުގެ ތައުލީމު ހާސިލުކޮށް ނިންމައިލެވޭ މުހުލަތެއް ކަމަށެވެ.

އިތުރަށް އާދަމް ޝަރީފު ވިދާޅުވީ ޑިޕްލޮމާ ފެންވަރަކީ ކޮން ފެންވަރެއްކަން ވަޒަންކުރަން ޑިގުރީއަށް ކިޔެވުމަށް ހޭދަވާ މުއްދަތަށް ބަލައިލުމުން އެނގޭނެ ކަމަށެވެ. އާންމުކޮށް ޑިގުރީއަކަށް 3 އަހަރު ފާއިތުވާ ކަމަށާއި، ޑިޕްލޮމާއަކީ އެންމެ އަހަރެއް ކަމަށާއި، އެހެންކަމުން ޑިޕްލޮމާއާއެކު މީހާއަށް ލިބެނީ ޑިގުރީއަކުން ލިބޭ އިލްމުގެ ތިން ބައިކުޅަ އެއްބައި ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅެނީ އުދަގޫ ގިނަ ކަންކަން އެކުލެވޭ މައްސަލަތައް ކަމަށެވެ. އެފަދަ މައްސަލަތައް ބެލުމަށް ތިއްބަވާ ފަނޑިޔާރުންނަކީ އެކަށީގެންވާ ތައުލީމު ލިބިފައިވާ ޒަމާނާއި ހާލަތަށް އަންނަ ބަދަލުތަކާއެކު، ޤާނޫނަށާއި އިސްލާމީ ޝަރީޢަތަށް ރިއާޔަތްކޮށްގެން މައްސަލަ ބެއްލެވުމުގެ ޤާބިލުކަން ފަނޑިޔާރުން ކިބައިގައި ހުންނަންޖެހޭ ކަމަށެވެ.

އާދަމް ޝަރީފު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުކަމުގެ އަސާސީ ޝަރުޠުގެ ގޮތުގައި ފުރަތަމަ ޑިގުރީ ފެންވަރަށް ތައުލީމު ހާސިލުކުރުން އޮތުން ހިމެނުމަށެވެ. އަދި އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ ކުޑަމިންވަރެއްގެ ގޮތުން މާސްޓާސް ޑިގުރީ އޮތް ބަޔަކަށް ވާންވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ