Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީބާޖާ

ދީބާޖާ އެއްބަސްވުން ބާތިލްކުރުން ގޯސް، ނަމަވެސް 348 މިލިއަން ރުފިޔާ ދޭން ނުޖެހޭނެ: ސުޕްރީމް ކޯޓް

ދީބާޖާ އިންވެސްޓްމަންޓާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ދިވެހި ސަރުކާރުން ބާތިލްކުރި މައްސަލާގައި އެކުންފުނިން އެދުނީ 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށެވެ.

ޝަރުއީ އެކި މަރުހަލާތަކުގައި ހިނގާތާ ހަ އަހަރު ފަހުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތުން މިއަދު ހުކުމްކުރީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ.

ނަމަވެސް އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށާއި، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.

މިއަދުގެ މަޖިލީހުގައި ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ ނޯޓިސް ދިނުމަކާ ނުލައި، ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ނުލިބޭތީ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު ބޮޑު ސަރަހައްދެއްގައި ހިދުމަތް ލިބެމުން ދިޔަކަން އެނގޭ ކަމަށެވެ.

ފަނޑިޔާރު އަލީ ވިދާޅުވީ ފެރީގެ ހިދުމަތުގެ ފެންވަރުގެ ދަށް ކަމަށް ސަރުކާރުން ސިޓީ ފޮނުވާފައި ވިޔަސް، ހިދުމަތުގެ ފެންވަރު ދަށްވުމަކީ އެއްބަސްވުން އޮތްގޮތުން ނޯޓިސް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިހާލަތުގައި ދީބާޖާއަށް ލިބޭނީ އެއްބަސްވުމާ ޚިލާފްވުމުގެ ސަބަބުން ލިބެންޖެހޭ ސީދާ ބަދަލު އެކަނި ކަމަށް ފަނޑިޔާރު އަލީ ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ އާއި ފަނޑިޔާރު ޑރ. މުހައްމަދު ރައުޔަކީ ދީބާޖާއަށް ލިބެންޖެހޭ ބަދަލާ މެދު އަލުން ގޮތެއް ކަނޑައަޅަން ސިވިލް ކޯޓަށް ފޮނުވަންޖެހޭ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވުން ބާތިލްކުރުމުގައި ގޯހެއް ނެތް ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އޭނާގެ ރައުޔަކީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ ސިޓީތަކަށް ބަލާއިރު ފެންނަން އޮތީ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ ސަރުކާރުން އަންގާފައިވާ އެންގުންތައް ކަމަށެވެ. އަދި އެއް ހަފުތާ ތެރޭގައި ހިދުމަތް ނުފަށައިފިނަމަ، އެއްބަސްވުން ބާތިލް ކުރެވޭނެ ފަދަ އިބާރާތަކުން ސަރުކާރުން ސިޓީ ފޮނުވާފައިވާއިރު، އެ މުއްދަތުގައި އެކަންކަން ރަނގަޅު ކުރިކަން އެނގޭނެ ހެއްކެއް ނެތް ކަމަށެވެ.

ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ އެއްބަސްވުމާ ޚިލާފްވިކަން ސާބިތުނުވާތީ ބަދަލު ނަގައިދެވެން ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ގޯސްވި ސަބަބެއް ދީބާޖާއަށް ނުދެއްކޭ ކަމަށެވެ.

2019 ވަނަ އަހަރު ދީބާޖާއާ އެކު ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 174 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ސަރުކާރުން އެއްބަސްވި އެވެ. ނަމަވެސް ފަހުން އެކުންފުނިން ނިންމީ ސުޕްރީމް ކޯޓަށް ދިއުމަށެވެ.

މި ލިއުމާއި ގުޅޭ