ވިޔަފާރިތަކާއި ކޮންޒިއުމަރުންނަށް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ބައިނަލްއަޤުވާމީ ސިޔާސީ މަސްރަހުގައި ވާނުވާ ނޭނގުމުގެ އަސަރުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޤުތިޞާދުތަކާމެދު އޮތް އިތުބާރު ކުޑަވާން ފަށައިފިއެވެ.
ފާއިތުވި އަހަރަކީ ކޮވިޑު ފެށުނު ދުވަސްކޮޅު ފިޔަވައި ދަހަރެއްހައި (ޑެކޭޑް) ދުވަހުގެ ތެރޭގައި ދުނިޔޭގެ އިޤުތިޞާދާމެދު އޮތް އިތުބާރު ވިޔަފާރިތަކާއި ކޮންޒިއުމަރުންގެ މެދުގައި އެންމެ ބޮޑަށް ދަށްވި އަހަރުކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ހެދި ދިރާސާއަކުން ދައްކާފައިވެއެވެ.
ކޮވިޑް-19ގެ އާލަމީ ވަބާއަށްފަހު މައްޗަށް އުފުލި ރަނގަޅުވަމުން އައި އިޤުތިޞާދީ ލިސާންތައް (އިންޑިކޭޓާސް) އަލުން ފަހަތަށް ވެއްޓެމުން އަންނަކަންވެސް އެ ނޫހުން ފާހަގަކުރެއެވެ. އެގޮތުން އެ ނޫހުގެ ހިސާބުތަކާއި އެއްކޮށްފައިވާ ޑާޓާއަށް ބަލާއިރު ދުނިޔޭގެ އިޤުތިޞާދު އަންނަނީ ވަރަށް ބޮޑަށް މަޑުޖެހުމުންކަމަށް އެ ނޫހުން ފާހަގަކުރިއެވެ
އިޤުތިޞާދުތަކުގެ އިތުބާރު ދަށްވެފައިވާ މި ދުވަސްވަރު، ފެށޭ މި ހަފުތާގައި އެމެރިކާގައި ދުނިޔޭގެ މާލީ އިދާރާތަކުގެ މަސްއޫލުވެރިންގެ ބައްދަލުވުންތަކެއް އޮންނާނެއެވެ. އައިއެމްއެފްއާއި ވޯލްޑު ބޭންކުގެ އަހަރީ މި ބައްދަލުވުންތަކަށްފަހު، ދުނިޔޭގެ އިޤުތިޞާދު މިހާރު އޮތީ ތަދުމަޑުކަމެއްގެ ތުންފަތްމަތީގައިކަމަށް އެ އިދާރާތަކުން ބުނާނެކަމަށް ބެލެވެއެވެ.
ބްރޫކިންސް އިންސްޓިޓޫޓްގެ ސީނިއާ ފެލޯ އެސްވާރް ޕްރަސާދު ވިދާޅުވީ އެ އިންސްޓިޓޫޓްގެ ދިރާސާއިން ފާހަގަވީ ސަރުކާރުތަކާއި ވިޔަފާރިތަކުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އިޤުތިޞާދު މަޑުޖެހެމުންދާ ކަން ކަމަށެވެ. އެގޮތުން ސަޕްލައި ޗެއިނުގެ ތާށިކަމާއި، ބަލިކަށި އިޤުތިޞާދީ ސިޔާސަތުތަކާއި ޗައިނާގެ ޒީރޯ-ކޮވިޑް ސިޔާސަތަކާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން ގެންގުޅުނު ފަރުވާކުޑަ ފިސްކަލް ސިޔާސަތުތަކަކީ އިޤުތިޞާދުތައް މަޑުޖެހުމުގެ ބައެއް ސަބަބުތައް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެ 10 ވަރަކަށް އަހަރުކުރި ބްރޫކިންސް އިންސްޓިޓޫޓާއި އެފްޓީ ގުޅިގެން ތައްޔާރުކޮށް ބަލަހައްޓަމުން އަންނަ ބްރޫކިންސް-އެފްޓީ ޓްރެކިން އިންޑެކްސް ފޯ ދަ ގްލޯބަލް އިކޮނޮމިކް ރިކަވަރީގެ ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ޗައިނާ ފަދަ ޤައުމުތަކުގައި އިޤުތިޞާދަށް އޮތް އިތުބާރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ކުރިއަރަމުން އަންނަ ޤައުމުތަކުގައި އިތުބާރު ދަށްވެފައިވަނީ މި ޤައުމުތަކަށްވުރެ ބޮޑަށެވެ.
"ގިނަ ޤައުމުތައް މިހާރު އޮތީ އިޤުތިޞާދީ ތަދުމަޑުކަމުގެ (ރިސެޝަންގެ) ތެރޭގައި ނުވަތަ އެފަދަ ތަދުމަޑުކަމެއްގެ ތުންފަތްމަތީގައި،" ޕްރަސާދު ވިދާޅުވިއެވެ. އޭނަ ފާހަގަކުރެއްވި ގޮތުގައި މި ދަތިކަމުގެ ތެރޭގައި ކުރިން ސަރުކާރުތަކުން ތަންފީޒުކުރަމުން އައި ދޫ ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުމަށް ޖާގައެއް ނެތެވެ. އެގޮތުން އިޤުތިޞާދު ކުރިއެރުވުމުގެ ނަމުގައި ކުރަމުން އައި ގިނަ ހޭދަތަކެއް މިހާރު ހުއްޓައިލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އަނެއްބައި މާހިރުން ފާހަގަކުރައްވަނީ އިޤުތިޞާދު ކުރިއެރުވުމަށް މަރުކަޒީ ބޭންކުތަކުން ފައިސާ ނެރުން މަޑުޖައްސާލައިފިނަމަ އެކަމުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދު މަޑުޖެހި ދިގުދެމިގެންދާ ހީނަރުކަމެއް ބައިނަލްއަޤުވާމީ އިޤުތިޞާދަށް ކުރިމަތިވާނެ ކަމަށެވެ.