ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބަޙްރައިންއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ބަހްރައިންގެ ރަސްގެފާނު ޖަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް، ބަހްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ އެވެ.
އަދި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ބަހްރައިން ސަރުކާރުގެ އެހެން ބައެއް އިއްޒަތްތެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، ދެގައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
އޭގެ އިތުރުން ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ބަހްރައިންގެ ރަސްގެފާނު ބާއްވަވާ ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމާއި މަތީފަންތީގެ ބައްދަލުވުންތައް ބޭއްވެވުމަށް ހަމަޖެހިފައިވެ އެވެ.
ރައީސްގެ ދެކަނބަލުންނާއި ދަތުރުފުޅުފައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.