Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އިމްރާން މަޖިލީހަށް ދެއްވި ޖަވާބު ނަޝީދު ސިފަކުރެއްވީ "އަނބޮއްފުޅާއި ދަނބޮއްފުޅު ވާހަކަ" ކަމަށް

މި ސަރުކާރުން ހދ.ނޭކުރެންދޫގައި ޤާއިމުކުރުމަށް ވައުދުވީ ޖަލުގެ މަސައްކަތާ ގުޅިގެން ހޯމް އެފެއާޒް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޖަވާބަކީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ފަދަ ޖަވާބެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރު އިމްރާނާ ސުވާލުކުރައްވަމުން ވިދާޅުވެފައިވަނީ، މަކުނުދޫގައި ކަރެކްޝަނަލް ސެންޓަރު އެޅުމުގެ މަސައްކަތް މި ދައުރުގައި މިހާރު ބާކީ އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިމްރާން ވިދާޅުވި ފަދައިން ނިންމައިލެވޭނެތޯއާއި އެކަމުގައި ކަން އޮތް ގޮތް އެނގިވަޑައިގެން ހުންނަވައި އެކަމާމެދު މަޖިލީހުގައި އިތުރުފުޅުހައްދަވާފައިވާނެތޯއެވެ.

ރާއީގެ ސުވާލާ ގުޅިގެން މިނިސްޓަރު އިމްރާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ހދ.ނޭކުރެންދޫގައި ސިނާއީ ޖަލެއް އެޅުމަކީ ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ އެންމެ މުހިއްމު އެއް ބައެއް ކަމަށެވެ. 2020 ވަނަ އަހަރުގެ ބަޖެޓުން ޖަލުގެ މަސައްކަތަށް ލިބުނު ފައިސާ ކޮވިޑާ ގުޅިގެން މަދުކުރުމުން ލިބުމުން ލިބުނީ އެންމެ ބައިލައްކަ ރުފިޔާ ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެ ފައިސާއިން އެ ސަރަހައްދުގައި ހުރި ރުއްގަހަށް ބަދަލު ދެވޭތޯ ބެއްލެވި ނަމަވެސް އެ ފައިސާއިން ބަދަލުވެސް ނުދެވޭނެތީ 2021 ވަނަ އަހަރު ލިބޭ ފައިސާއިން ބަދަލު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިންލައްކަ ރުފިޔާއަށް ވުރެެ ގިނަ ފައިސާ ރުއްގަހަށް ބަދަލު ދިނުމަށް ޚަރަދުވެފައިވާ ކަމަށެވެ.

ޖަލު އެޅުމަށް ހަދަންޖެހޭ އީއައިއޭގެ މަސައްކަތް ވޯޓާ ސޮލުއިޝަނާ ހަވާލުކުރީ ޑިސެންބަރު 2020 ވަނަ އަހަރުގައި ކަމަށާއި އެ މަސައްކަތް ނިމުނީ އޭޕްރީލް މަހުގައި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އެ ޖަލުގެ ކޮންސެޕްޓް ޑިޒައިން މަސައްކަތް މި އަހަރުގެ މޭ މަހުގައި ނިމިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ގިނަ ވާހަކަތަކަށްފަހުގައި އިމްރާން ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ އަންނަ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމައިލެވޭނެ ކަމުގައި ނުބެލެވޭ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދައުރުގައިވެސް އެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ބެލެވޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މި މަޝްރޫއު [ނޭކުރެންދޫ ޖަލުގެ މަޝްރޫއު] މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް އުއްމީދުކޮށް އެ ޓާގެޓް ހާސިލުކުރުމަށް ގިނަ މަސައްކަތްތައް ކުރެވުނު ނަމަވެސް މި ފައިސާއިން 2023 ވަަނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެސްޓިމޭޓްކުރެވެނީ ޖަލުގެ ވަށާ ފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި ތަފްސީލުކޮށް ކުރެހުމުގެ މަސައްކަތްތައް،" އިމްރާންގެ ޖަވާބުގައި ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވެފައިވަނީ އެނގިވަޑައިގެން ހުންނަވައި ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅުހައްދަވާފައިނުވާ ކަމަށެވެ. "އަދި އެނގިހުރެ މި މަޝްރޫޢާމެދު އެއްވެސް ދޮގެއް ހަދާފައިނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށާއި މަކުނުދޫ ދާއިރާގެ ރައްޔިތުންނަށް ޔަޤީންކަން އަރުވަން،" އިމްރާން ވިދާޅުވިއެވެ.

މަޖިލީހުގެ އަމީންއާންމުގެ ނައިބު އެ ސިޓީ އިއްވަވައި ނިމުމުން ރައީސް ނަޝީދު ވިދާޅުވީ ރާއީ ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަކީ ސާދާ ކުރު ސުވާލެއް ކަމަށާއި، މިނިސްޓަރު ފޮނުއްވި ސިޓީ ކިޔައި ނިމުނުއިރު އެ ވެފައި އޮތީ އަނބައްފޮޅާއި ދަނބައްފޮޅު ވާހަކައަށް ކަމަށެވެ.

ރާއީވެސް ވަނީ މިނިސްޓަރުގެ ޖަވާބާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ޖަލު އަޅާ ސަރަހައްދުގައި ހުރި ރުއްގަސް ސާފުކުރުން ހަވާލުކުރައްވާފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރުގެ ކުންފުންޏަކާ ކަމަށެވެ. އަދި އެ މަސައްކަތް ނުނިމި ލަސްވުމުން ލިބެމުންއައި އާމްދަނީ ހުއްޓިފައިވާ ކަމަށެވެ. ރާއީ ވިދާޅުވީ އެ ސިޓީގައި އިމްރާން ހައްދަވާފައިވަނީ "ރޯބުހުތާނު ދޮގު"ކަން ޔަގީންވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ