ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުގެ ކަމުގައި ހުންނަވަނިކޮށް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލެވުނު ޑރ.އަފްރަޝީމް އަލީ ގެ ޤާތިލު ހ.ލޮބީ ހުސެއިން ހުމާމު ޖަލުގައި ހުއްޓާ މޮޔަވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޑރ.އަފްރަޝީމް އަވަހާރިކޮށްލި މައްސަލާގައި ހުމާމަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އަދި އެ ހުކުމް ދަމަހައްޓަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ ނިންމާފައެވެ. 2012 ވަނަ އަހަރުއްސުރެ ހުމާމު ހުންނަނީ ޖަލުގައެވެ.
"ދިޔަރެސް" އަށް ލިބިފައިވާ ބައެއް އޯޑިއޯ ކްލިޕްތަކުގައި ހުމާމު ޖަލު ގޮޅީގައި އޮވެ ވަރަށް ބާރަށް ހަޅޭއްލަވާ އަޑާއި ރޯ އަޑު އިވެއެވެ. އަދި ހަމަނުޖެހޭ ގިނަ ވާހަކަތަކެއް ދައްކާ އަޑުއިވެއެވެ.
ކަރެކްޝަންސްގެ އޮފިސަރަކު ވިދާޅުވީ ހުމާމުގެ ސިކުނޑި މިހާރު ރަނގަޅުކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
"ހުމާމު އެއްގޮތަކަށްވެސް ރަނގަޅެއް ނޫން. އަމިއްލަ ނަފްސަށް ގެންލުން ދިނުމަށްވެސް އޭނާ މަސައްކަތް ކުރޭ. ފާރުގައި ބޯ ތަޅައި އަމިއްލައަށް ބޯފަޅާލައި މިކަހަލަ ކަންކަން ކުރޭ" އެ އޮފިސަރު ވިދާޅުވިއެވެ.
އަދި ދާދިފަހުން ކަރެކްޝަންސްގެ އޮފިސަރަކު ހުމާމު ހުންނަ ގޮޅި ކައިރިއަށް ދިޔުމުން، ހުމާމު ވަނީ ބޮޑުކަމުގޮސް، އެ ނަޖިސް ކަރެކްޝަންސް އޮފިސަރާއި ދިމާލަށް އުކާފައެވެ.
ހުމާމުގެ މަންމަ އާއި ބައްޕަވެސް ދާދިފަހުން ޖަލުގައި ހުމާމަށް ޒިޔާރަތްކޮށްފައި އާންމުކުރި ވީޑިއޯއެއްގައި ހުމާމު އަމިއްލަ ނަފްސަށް ގެއްލުންދީފައި ހުރިކަމުގެ ނިޝާންތައް ހުރިކަމަށް ބުނެފައިވެއެވެ.
ކަރެކްޝަންސް އޮފިސަރު ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކެއް ހުއްޓަސް ކަރެކްޝަންސްއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.
"އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. އަނެއްކާ ކުށްވެރިއަކު ސިކުނޑީގެ މައްސަލަތަކެއް ހުރިކަމުގައި ވިޔަސް އެ މީހަކު ވަކިން ގެންގުޅެވޭނެ އިންތިޒާމެއް ރާއްޖެއަކު ނެތް" އެ އޮފިސަރު ވިދާޅުވިއެވެ.
ހުމާމް އަކީ ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ތެރެއިން ހުރިހާ މަރުހަލާއެއް ނިމި ސުޕްރީމް ކޯޓުންވެސް އެ ހުކުމް ދަމަހައްޓާފައިވާ 3 މީހުންގެ ތެރެއިން އެކަކެވެ. އަނެއް ދެމީހުންނަކީ 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ މަރުގެ ހުކުމް ކުރި ގ. ރީފް މުހައްމަދު ނަބީލެވެ.