Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ޝިޔާމު ނަޝީދަށް: ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަންދައިގެން ތިއިންނެވީ ކޮމްޕްރޮމައިޒްވެފައި

ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ކޮމްޕްރޮމައިޒްވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމު މިފަދައިން ވިދާޅުވީ ކުއްލި މަރުތައް ގިނަވާތީ އެކަމާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ރައީސް ނަޝީދާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި މައްސަލާގައި ބަހުސްކުރައްވަމުން ޝިޔާމު ވިދާޅުވީ މިދިޔަ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހުގައި ގެއްލުނު މުޙައްމަދު އަޛުހާން ހޯދުމުގައި ފުލުހުން އިހުމާލުވެފައިވާކަން އެނގޭ ކަމަށެވެ. އެކަން އެނގެނީ 200 މީޓަރުގެ ސަރަހައްދެއް ބަލައި ޗެކުނުކުރެވުމުން ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. އަދި މަޖިލީހުން ފުލުހުން އިހުމާލުވުމަށް މަޖިލީހުން ހިތްވަރުދޭކަން މިއަދު އެ ކުއްލި މައްސަލައިގެ ވޯޓުން އެނގިފައިވާ ކަމަށެވެ.

އެފަދައިން ޝިޔާމު ވިދާޅުވެފައިވަނީ ކުއްލި މަރުތަކާ ގުޅޭ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑާާޝިޕުން ނިންމާފައި އޮތުމުންނެވެ. މިއަދުގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުންވެސްވަނީ އެ ނިންމުމަކީ ހުތުރު ނިންމުމެއް ކަމުގައި ވިދާޅުވެ ޕާޓީގެ ލީޑާޝިޕަށް ފާޑުވިދާޅުވެފައެވެ.

"ފުލުހުން އިހުމާލުވާން މަޖިލީހުން ބާރުއަޅާކަން މިފެންނަނީ. ކޮބާތޯ ހިއުމަން ރައިޓްސް ޗެމްޕިއަނުން. މިއަދު މި ފެނުނީ އެ ހިއުމަން ރައިޓްސް ޗެމްޕިއަނުންނަށް މި މައްސަލައަށް ވޯޓު ދޭން ނުކެރުނުތަން،" ޝިޔާމު ވިދާޅުވިއެވެ.

ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި މަރު ކޮމިޝަނާއި، ޚިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމަށް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން "ގޮހޮރާ ޖެހެންދެން" ކެއި ނަމަވެސް އެ ކޮމިޝަންތަކަށް އެއްވެސް ކަމެއް ހާސިލުނުވި ކަމަށް ޝިޔާމު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ކޮމިޝަންތައް ފެއިލުވުމުން ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ޒިންމާ އެ މަޖިލީހަށްވެސް ހާސިލުނުވި ކަމަށެވެ.

މަޖިލީހުގެ ޒިންމާ އަދާނުކުރެއްވޭކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އޭނާއަށް މިހާރު ޤަބޫލުކުރެއްވެނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ހުންނެވީ ކޮމްޕްރޮމައިޒްވެވަޑައިގެން ކަމަށެވެ. "ކޮމްޕްރޮމައިޒް ވެފައި ތިއިންނެވީ. ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން މަނިކުފާނު ތިއިންނެވީ ކޮމްޕްރޮމައިޒްވެފައި. ފައްޔާޒް އިސްމާއީލު އަތުގައި 42 ސޮއި އޮވެގެން މަނިކުފާނު ތިއިންނެވީ ކޮމްޕްރޮމައިޒްވެފައި،" ރައީސް ނަޝީދާ މުޚާޠަބުކުރައްވައި ޝިޔާމު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ