ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ސަރުކާރުގެ އެހީއާ އެއްބާރުލުން ލިބޭނީ ސަރުކާރުގެވެސް ބަސް އަހައިގެންކަމަށް ޔޫތް މިނިސްޓްރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިލްޔާސް ލަބީބު ކުރެއްވި ސުވާލުގައި ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ދާއިރާގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށާއި ކްލަބްތަކުގައި ފުޓްބޯޅަ ކުޅޭ މީހުންނަށް މުސާރަ ނުދީގެން ސޯސަލްމިޑިޔާގައި އެވާހަކަ ދައްކާއިރު އެފަދަ ދައްކާ މީހުން ސަސްޕެންޑް ކުރާ ވާހަކައާއި ބޭރު ކުޅުންތެރިންނަށް މުސާރަ ނުދީގެން އެމީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާޅު ކުރާ ފަދަ ވާހަކަތައްވެސް އަޑު އިވޭކަމަށެވެ. އަދި އާބިޓްރޭޝަން ތަންތަނުގައި ރެފްރީންނަށް މުސާރަ ނުދީގެން ދައުލަތުގެ މައްޗަށް ހުކުމްކުރާ ފަހަރުވެސް އަންނަކަމަށާއި މި މައްސަލަ ހައްލުކުރުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތާއި ގުޅޭގޮތުން އިލްޔާސް ސުވާލު ކުރައްވާފައިވެއެވެ.
މަހްލޫފް ވިދާޅުވީ އޭޏާ ނިކުމެ އެފްއޭއެމްއައި ތަޅައިގަތްނަމަވެސް ކްލަބު ތަކުން އެކަމަށް ވޯޓު ނުދީފިނަމަ އެއްވެސް ނަތީޖާއެއް ނުނިކުންނާނެކަމަށެވެ.
މަހްލޫފު އިތުރަށް ވިދާޅުވީ ކްލަބުތަކުން ބޭނުންވެއްޖެ ނަމަ މިއަދުވެސް އެފްއޭއެމްއާ ގުޅޭ ކަންކަން ބަދަލުކުރެވިދާނެކަމަށާއި އެ ބާރު އޮތީ ކްލަބުތަކަށްކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ފުޓްބޯޅަ މައްސަލާގައި ހައްލު ހޯދުމަށް އަންނަ ހަފްތާގައި އެފްއޭއެމްއާއެކު މަޝްވަރާކުރުމަށް ނިންމާފައިވާކަމަށާއި އެއީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ފުޓްބޯޅަ ދިރުވުމަށްޓަކައި ރައްޔިތުން ބޭނުންވާތީ ބައިވަރު ވަސީލަތްތަކާއި އެއްޗެހި ގާއިމުކުރަމުންދާއިރުގާ އޭގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭތަން ފެންނަން ހެދީމައި ބައިވަރު މައްސަލަތަކެއް ނުކުންނަތަން ފެނުނީމައި އެއީކީ ރަނގަޅު ގޮތެއް ނޫން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެފްއޭއެމްއަށް ދޭން ޖެހޭ އެހީތެރިކަމާ އެއްބާރުލުން ދެވޭނީ އެ އެސޯސިއޭޝަނުންވެސް ސަރުކާރުގެ ބަސްއަހާ ސަރުކާރުންނބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ކުރިއަށް ގެންދާނަމަކަމަށެވެ.