Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ރަންޔޫބީލާއެކު ތާރީޚުގެ ތެރެއިން އެމްޑީޕީން ފަތުރުވެރިކަމަށް ދިން ހަމަލާތައް

ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގައި ރައީސް ޞާލިޙު، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިޤުތިޞާދަކީ އެންމެ ސިނާއަތެއްގެ މައްޗަށް ބަރޯސާވެފައި އޮތް، އެ ސިނާއަތަށް އަންނަ ކޮންމެ ލޮޅުމެއް މުޅި އިޤުތިޞާދު ތަހައްމަލުކުރަންޖެހޭ އިޤުތިޞާދެކެވެ. އެ ސިނާއަތަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަމަކީ ރާއްޖެއަށް ބޭރު ފައިސާ ލިބޭ، ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް އެ ދާއިރާއަކަށް ބިނާވެފައިވާ ސިނާއަތެވެ. ރާއްޖޭގައި ހިނގާ ހުރިހާ އިޤުތިޞާދީ ހަރަކާތެއްހެން އެނބުރެނީ ފަތުރުވެރިކަމުގެ ނާރެހުގެ ވަށައިގެންނެވެ. މިއީ ދެބަސްވުމެއް ނެތް، އެންމެން ޤަބޫލުކުރާ ޙަޤީޤަތެކެވެ.

މިއަދަކީ މި ސިނާއަތް ރާއްޖެއަށް ތައާރަފުވިތާ 50 އަހަރު ފުރި، ދިވެހި ފަތުރުވެރިކަމަށް ބައި ޤަރުނު ފާއިތުވި ރަންޔޫބީލް ދުވަހެވެ. މި މުނާސަބާ ފާހަގަކުރަން ސަރުކާރުން ތަފާތު އެތައް ހަރަކާތެއް ބާއްވަމުންދާއިރު އެ ސިނާއަތުގެ އެކި ފަންތީގެ ބޭފުޅުން ސަރުކާރަށް ހިފަހެއްޓުމެއް ނެތް ސަނާ ވިދާޅުވަމުން ގެންދަވައެވެ. އަދި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ނޫނީ ފަތުރުވެރިކަމަށް ފަރުވާލެއް ބެހެއްޓެވި، އަޅައިލެއްވުމެއް ދެއްވި ބަޔަކު ރާއްޖޭގެ ވެރިކަމުގައި ދުވަހަކުވެސް ނެތްކަމަށް ވިދާޅުވެއެވެ.

އެހެންނަމަވެސް ތާރީޚުގެ ޞަފުޙާތައް އުކައި ފަހަތަށް ވިސްނުމުގެ ނަޒަރު އުކައިލުމުން ފެންނަނީ އެ ޙަޤީޤަތް ހެއްޔެވެ؟ ތާރީޚުން ފެންނަ ޙަޤީޤަތްތަކުގެ އަލީގައި މިއަދު ވެރިކަންކުރާ އެމްޑީޕީއާއި އެ ޕާޓީގެ ލީޑަރުންނަކީ ފަތުރުވެރިކަމުގެ ސިނާއަތާމެދު ވިސްނުންތެރިކަމެއް ބެހެއްޓެވި ބޭފުޅުންތަކެއް ކަމުގައި ދެންނެވިދާނެތޯއެވެ؟

އެންމެ ދަތިވި ދުވަހުވެސް ފަތުރުވެރިކަމަށް އިތުރު އަނިޔާއެއް

2004 ވަނަ އަހަރުގެ ސުނާމީ ހާދިސާއަކީ ރާއްޖޭގެ އިޤުތިޞާދަށް އައި ކުއްލި ލޮޅުންތަކުގެ ތެރެއިން ބޮޑު ލޮޅުމެކެވެ. ކުއްލި ސިހުމާއި ބިރުވެރިކަން ގެނައި އެ ނުރައްކާތެރި ޤުދުރަތީ ކާރިސާގެ އަސަރު ދިވެހި ފަތުރުވެރިކަމަށް ކުރިއެވެ. އެ ހިތްދަތި ހާދިސާ ހިނގިއިރު ރާއްޖޭގައި އޮތީ 87 ރިސޯޓެވެ. އޭގެ ތެރެއިން 19 ރިސޯޓަކަށް ބޮޑެތި ގެއްލުންތައް ލިބި އެ ރިސޯޓުތައް ހިންގުން މުސްތަޙީލުވެ ބަންދުކުރަން މަޖުބޫރުވިއެވެ. އިތުރު 14 ރިސޯޓަކަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ ކުރިން ނުލިބޭވަރުގެ ގެއްލުމެއް ލިބި ފަތުރުވެރިން ރާއްޖެ އައުންވެސް ސުނާމީގެ ސަބަބުން ވަރަށް ބޮޑުތަން މަދުވިއެވެ. ސުނާމީން ލިބުނު ގެއްލުންތަކާއި، އެ ހާލަތުގައި ފަތުރުވެރިންގެ މެދުގައި ފެތުރުނު ބިރުވެރިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަމުންދިޔަ ފަތުރުވެރިން އަދަދު ޖެހިގެން އައި 2005 ވަނަ އަހަރު 35.9 އިންސައްތަ ދަށަށް ދިޔަކަމަށް ރަސްމީ ތަފާސްހިސާބުން ދައްކައެވެ.

މި ދަނޑިވަޅަކީ އެމްޑީޕީ ވުޖޫދުވެ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ރާއްޖެއިން ބޭރުގައި އެންމެ ގަދައަށް ފެތުރުނު ދަނޑިވަޅެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން، ސުނާމީއާ ގުޅިގެން ބައިނަލްއަޤުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ދީފައިވާ އެހީތަކަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކޮށް އެމްޑީޕީން އެއިރު ދިޔައީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްނުކުރަން ގޮވައިލަމުންނެވެ. ބައިނަލްއަޤުވާމީ އެކި މީޑިއާތަކަށް އިންޓަވިއުތައް ދީ އެކަމަށް ދިޔައީ ބާރުއަޅަމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި ރާއްޖޭގައި އުފެދުނު ސިޔާސީ ވާދަވެރިކަމާއި ކޯޅުންތަކުގެ ތެރޭގައި، ޚިޔާލުތައް ކަފިވެ، އެމްޑީޕީން ބޭނުންވި ގޮތް ނޫން ގޮތަކަށް ކަމެއް ނިމޭހެން ހީވެއްޖެނަމަ ފަތުރުވެރިކަން ބޮއިކޮޓުކުރުމަށް އެ ޕާޓީން ގޮވައިލައެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުގައި ރާއްޖޭގައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ ނެތްކަން ފާހަގަކޮށް އެފަދަ ހާލަތުގައި ސަރުކާރަށް ލިބޭ އާމްދަނީ ހުއްޓުވަންޖެހޭކަން ފާހަގަކޮށް، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްނުކުރަން އެދެއެވެ.

ފާއިތުވި 10 އަހަރު ބޮއިކޮޓްކުރުމުގެ އަޑުތައް ގަދަ

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގައި އެމަނިކުފާނު އިސްތިއުފާދެއްވުމުން ނިމުމަކަށް އައުމާއެކު އަނެއްކާވެސް ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވައިލާ ގޮވުންތައް އިތުރުވިއެވެ. 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ޓެލެގުރާފު ނޫހުގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވައިލާ ގޮވުންތައް އިތުރުވެފައިވާ ކަމަށެވެ.

ރައީސް ޑރ.ވަޙީދު ވެރިކަމުގައި ހޭދަކުރެއްވި ދެ އަހަރެއްހައި ދުވަހު ވަރަށް ގިނައިން ފަތުރުވެރިކަން ބޮއިކޮޓްކުރުމުގެ ވާހަކަތައް އެމްޑީޕީ އިސްވެ އޮވެ ދެއްކިއެވެ. އެކަމަށް ވަކާލާތުކޮށް އެމްޑީޕީގެ ވެރިން ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުވެސްކުރިއެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުގައި ލިޔުންތައް ލިޔުއްވައި ޕެޓިޝަންތައް ހަދައި، އޮންލައިން މަންސަތަކުގައި އެ ޕެޓިޝަންތައް ދައުރުކުރުވިއެވެ.

ރައީސް ވަޙީދުގެ ވެރިކަމުގައި "ސަނީ ސައިޑް އޮފް ލައިފް" ހޭޝްޓެގް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ސަރުކާރުން ފެށުމުން އެ ހޭޝްޓެގު ބޭނުންކޮށްގެން ރާއްޖެ ބޮއިކޮޓްކުރަން ގޮވައިލެއްވި ބޭފުޅުން މިއަދު ތިއްބެވީ ކުންފުނިތަކުގެ އެމްޑީކަމުން ފެށިގެން ގޮސް ދައުލަތުގެ ވުޒާރާތަކުގެ ވަޒީރުންގެ މަޤާމުގައެވެ.

ދެން އައީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމެވެ. ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން އެއިރު ކުރިމިނަލް ކޯޓުގެ ޤާޟީ ކަމުގައި ހުންނެވި ޢަބްދުﷲ މުޙައްމަދު ޤާނޫނާ ޚިލާފަށް ހައްޔަރުކުރެއްވި މައްސަލާގައި ޖަލަށް ވަޑައިގަންނަވަންޖެހިވަޑައިގަތުމާއެކު، އެ ވެރިކަމުގައިވެސް އެމްޑީޕީގެ ސިޔާސީ ހަމަލާތައް އަމާޒުކުރީ ފަތުރުވެރިކަމަށެވެ. ރައީސް ނަޝީދު މިނިވަންވަންދެން ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވައިލާ ހަރަކާތްތައް އެ ޕާޓީން ހިންގިއެވެ.

އެ ދުވަސްވަރު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާ ބަޗަން ރާއްޖެއަށް އަންނަން ހަމަޖެހުމުން އޭނާ ކިބައިން ރާއްޖެ ބޮއިކޮޓްކުރުމަށް އެދިވަޑައިގަތީ، މިހާރު އެންމެ ގިނައިން ބޮލީވުޑް ތަރިންނާއެކު ފޮޓޯ ނަންގަވާ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފެވެ. އެއީ އޭނާ އެމްޑީޕީއާއެކު މަސައްކަތްކުރައްވަން ފެއްޓެވިތާ ކުޑަ ދުވަސްކޮޅެއްފަހެވެ. އަދި އެއިރު އެ ޕާޓީއާ ގުޅިވަޑައިނުގަންނަވައެވެ.

ފަތުރުވެރިކަން ބޮއިކޮޓްކުރުން މަނާކުރުމުގެ ޤާނޫނަކަށް އެމްޑީޕީން ތާއީދުނުކުރި

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދު އެ މައްޗަށް ބިނާވާ އެންމެ މުހިއްމު އެއް ސިނާއަތް ކަމުގައިވާތީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވައިލުމަކީ ޤާނޫނީ ކުށެއް ކަމުގައި ހަދަން ޕީޕީއެމްގެ މެންބަރުން ރައީސް ޔާމީނުގެ ވެރިކަމުގައި ހުށަހެޅުއްވިއެވެ. އެއިރު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނުގެ ޤިޔާދަތުގެ ދަށުން އެމްޑީޕީން ނިންމީ އެ ބިލަށް ތާއީދުނުކުރާށެވެ.

މަޖިލީހުގައި އޮތް ޕީޕީއެމްގެ އަޣުލަބިއްޔަތުން ބިލު ފާސްކުރިއެވެ. ނަމަވެސް އެ ބިލުގައި ފަތުރުވެރިިކަން ބޮއިކޮޓްކުރަން ގޮވުން ޖިނާއީ ކުށަކަށް ހަދަން ނިންމާފައި އޮތުމުން އެއީ ޤާނޫނު އަސާސީއާ ފުށުއަރާ ބިލެއްކަމަށް ދެކެވަޑައިގެން، ޚިޔާލުފާޅުކުރުމުގެ ޙައްޤު އެގޮތަށް ޤާނޫނުން ހަނިކުރުމަކީ ކުރެވިދާނެކަމެއްކަމުގައި ދެކެވަޑައިނުގަންނަވާތީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީން އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިލެއްވީއެވެ.

ނަމަވެސް އެ ބިލު މަޖިލީހަށް ހުށަހަޅަންޖެހުނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓުކުރުމުގެ ހަރަކާތްތައް އެމްޑީޕީން ފުޅާދާއިރާއެއްގައި ހިންގަމުންދާތީ އެކަން ހުއްޓުވާށެވެ. އެކަމުން ދިވެހި އިޤުތިޞާދަށް ކުރަމުންދިޔަ ނޭދެވޭ އަސަރުތަކުގެ ބޮޑުކަމުންނެވެ.

މިއަދުގެ ހާލަތު

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީން ޖަލުގައި 2 އަހަރު ހޭދަކުރައްވައިފިއެވެ. މި ސަރުކާރަށް މިހާރު މިދަނީ ހަތަރު އަހަރުވާށެވެ. ސަރުކާރުން ގޯސްތައް ހަދައެވެ. ހަދާ ގޯސްތަކާމެދު އިދިކޮޅުން ފާޑުވެސް ކިޔައެވެ. ނަމަވެސް އިދިކޮޅުން އެއްވެސް ހާލަތެއްގައި ނުކުރާ ކަމަކީ ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވައިލުމެވެ. ސަރުކާރަށް އާމްދަނީ ލިބޭ މަގަކީ ފަތުރުވެރިކަން ކަމުގައިވާތީ ފަތުރުވެރިކަން ކަތިލައި، ކަފުންކޮށް ވަޅުލާކަށް އިދިކޮޅުން ނޫޅެއެވެ.

މިއަދު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާއިރު، ފަތުރުވެރިކަމުގެ ތާރީޚާއި، އެ ސިނާއަތް ބޮއިކޮޓްކޮށް އިދަޖައްސައިލަން އިންތިޒާމީ ސިފައެއްގައި ބަޔަކު ކޮށްފައިވާ މަސައްކަތްތަކަކީ ދިވެހި ފަތުރުވެރިކަމުގެ ތާރީޚުން ފޮހެލެވޭނެ ކަންކަމެއް ނޫނެވެ. ސުވާލަކީ ފަތުރުވެރިކަމަށް ލޯބިކޮށް އެ ސިނާއަތް ހިމާޔަތްކޮށް ނަގަހައްޓަންޖެހެނީ ބާރުވެރިކަމުގައި ތިމާމެން ތިބޭއިރުގައި އެކަނިތޯއެވެ؟ ބާރު ގެއްލުމުން އަނބުރާ ބާރު ހޯދަން ކުރާ މަސައްކަތުގައި ފަތުރުވެރިކަން ފެން ފޮދެއްވެސް ނުދީ ކަތިލުމަކީ ހަމަ ލޯބީގެ އަމަލަކީތޯއެވެ؟

މި ލިއުމާއި ގުޅޭ