Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ފުޓުބޯޅަ ސްޓޭޑިއަމެއްގައި ހިނގި ހަމަނުޖެހުންތަކުގައި 125 މީހުން މަރުވެއްޖެ

އިންޑޮނޭޝިޔާގެ ފުޓުބޯޅަ ސްޓޭޑިއަމެއްގައި ހިނގި ބޮޑެތި ހަމަނުޖެހުމުގައި 125 މީހުން މަރުވެ އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

ހޮނިހިރުދުވަހުގެ ރޭގަނޑުގައި އިންޑޮނޭޝިއާގެ އިރުމަތީ މަލާންގް ސިޓީގެ ސްޓޭޑިއަމުގައި ހިނގި ހާދިސާއަކީ ދުނިޔޭގެ ނިސްބަތުންވެސް ސްޓޭޑިއަމެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

އިރުމަތީ ޖާވާ ޕްރޮވިންސްގެ ފުލުހުން ބުނެފައިވަނީ ކަންޖުރުހާން ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އަރެމާ އެފްސީ ބަލިވުމުން އެ ޓީމުގެ ސަޕޯޓަރުން ދަނޑަށް އަރައިގަނެ، ހަމަނުޖެހުންތައް ހިންގަން ފެށި ކަމަށެވެ. އަދި އެ ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމަށް ފުލުހުން ކަރުނަ ގޭސް ޖެހުމާއެކު، ދަނޑުގައި ތިބި މީހުން ގޭޓުތަކާ ދިމާލަށް އަމާޒު ހިފުމުން އެތައް ބަޔަކު ވެއްޓި މީހުންގެ ފައި ދަށުވިއެވެ.

އަނެއްބައިމީހުން މި ހަމަނުޖެހުމުގައި ތާށިވެ ނޭވާހާސްވެ މަރުވެފައިވެއެވެ. އަނެއް ބަޔަކު މަރުވީ ބިމަށް ވެއްޓި އެހެން މީހުންގެ ފައިދަށުވެގެންނެވެ. ދެ ފުލުހުން ހިމެނޭހެން މަދުވެގެން 2 މީހުން ސްޓޭޑިއަމުގައި މަރުވިކަމަށް ފުރަތަމަ ސަރުކާރުން ބުންޏެވެ.

ފަހުން ސަރުކާރުން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު ޖުމްލަ 125 mީހުން މަރުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ފަސް އަހަރުގެ ކުޑަކުއްޖެއް ހިމެނޭކަމަށް ހޮސްޕިޓަލެއްގެ ޑިރެކްޓަރަކު އިންޑޮނޭޝިއާގެ ނޫހަކަށް މައުލޫމާތު ދީފައިވެއެވެ.

އިންޑޮނޭޝިއާގެ ޓީވީތަކުން ދެއްކި މަންޒަރުތަކުގައި ދަނޑު މައްޗަށް މީހުން އަރައިގަތް ތަނާއި، ކަރުނަ ގޭސް ޖެހިފަހުން ބައެއް މީހުން ހޭނެތިގެން އެމީހުން އުފުލަމުންދާ މަންޒަރު ފެނެއެވެ. އަދި ދަނޑު މަތީގައި ބައެއް ފަރާތްތަކުގެ މެދުގައި ހަމަނުޖެހުން ހިނގާ މަންޒަރުވެސް ފެނެއެވެ.

މި ހާދިސާ ހިނގި ސްޓޭޑިއަމަކީ 42،000 މީހުންނަށް އެއްފަހަރާ ވަދެވޭ ސްޓޭޑިއަމެއް ކަމަށާއި، އެ މެޗަށް ސްޓޭޑިއަމުގެ ހުރިހާ ޖާގައެއް ވިއްކިފައިހުރިކަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެއެވެ. ފުލުހުން ބުނި ގޮތުގައި އެއްފަހަރާ ދަނޑުމައްޗަށް 3،000 އެއްހައި މީހުންވަނީ އަރާފައެވެ. އަދި ސްޓޭޑިއަމުގެ ބޭރުގައި ހުރި ބައެއް އުޅަނދުފަހަރުގައި އަލިފާން ރޯކޮށްފައިވާކަމަށާއި އެގޮތުން ފުލުހުންގެ ފަސް ކާރަކާއި ޓްރަކެއް އަންދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހަދިސާއިން ސަލާމަތްވި ފަރާތްތަކުން ބުނެފައިވަނީ މީހުން ދަނޑުން ނިކުންނަން މަސައްކަތްކުރަމުންދިޔައިރު އެ މީހުން ތިބި ސަރަހައްދަށް ގަދައަށް ކަރުނަ ގޭސް އޮއްސަމުން ގެންދިޔަ ކަމަށެވެ.

ސަލާމަތީ ކަންކަން ރަނގަޅުކުރެވެންދެން އިންޑޮނޭޝިއާގެ ލީގުގެ މެޗުތައް މެދުކަނޑައިލުމަށާއި، ހޮނިހިރުދުވަހުގެ ހާދިސާ ތަހުގީގުކޮށް ހުރިހާ ފުޓުބޯޅަ މެޗެއްގެ ސަލާމަތާ ގުޅޭ ރިވީއުއެއް ހެދުމަށް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އަމުރުކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ