ފުޓުބޯޅަ ދަނޑާއި ދަނޑުން ބޭރުގައިވެސް މެންޗެސްޓާ ސިޓީއަކީ މިހާރު ދުނިޔޭގެ އެންމެ ވިދުންގަދަ ޓީމެވެ. އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރަޕުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމުން ދައްކަމުންދާ ކުޅުމާއެކު އެ ޓީމަކީ މިހާރު އެންމެ މޮޅު އެއް ޓީމެވެ.
ދެ މެންޗެސްޓާގެ މެދުގައި ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 6-3 ގެ ނަތީޖާއަކުން ސިޓީން ކުރި ހޯދާފައިވާއިރު، ކުޅުންތެރިންނާއި ކުލަބުތަކުގެ އަގުތައް ވަޒަންކޮށް އާންމުކުރާ ވެބްސައިޓު "ޓްރާންސްފާ މާކެޓް" ވެބްސައިޓުގައި އެންމެ އަގުބޮޑު ޓީމުގެ މަޤާމުވެސް އެ ޓީމަށްވަނީ ލިބިފައެވެ.
އެ ލިސްޓުގެ އެއްވަނާގައި މެންޗެސްޓާ ސިޓީ އޮތީ 1.1 ބިލިއަން ޔޫރޯގެ އަގަކާއެކުއެވެ. ދެންވެސް އެ ލިސްޓުގައި ގިނައީ އިނގިރޭސި ޕްރިމިއާ ލީގަށް ނިސްބަތްވާ ޓީމުތަކެވެ. އެ ލިސްޓުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން 6 ޓީމަކީ އިނގިރޭސި ޓީމުތަކެވެ.
ލިސްޓުގެ ދެވަނާގައި އިނގިރޭސި ލިވަޕޫލް އޮތީ 925 މިލިއަން ޔޫރޯގެ އަގަކާއެކުއެވެ. އަދި ތިންވަނާގައި އޮތީ ފަރަންސޭސި ޕެރިސް ސާން ޖާމަން (ޕީއެސްޖީ)އެވެ. އެ ޓީމުގެ އަގަކީ 890 މިލިއަން ޔޫރޯއެވެ. ފަރަންސޭސި ޓީމަކަށް ލިސްޓުގައި ހިމެނޭ ހަމައެކަނި ޓީމަކީ ޕީއެސްޖީއެވެ.
އެ ލިސްޓުގައި ހިމެނޭ ހަމައެކަނި ޖަރުމަން ޓީމަކީ 4 ވަނައަށް ލިސްޓުގައި ހިމެނިފައިވާ ބަޔާން މިއުނިކެވެ. ބަޔާންގެ އަގެއްކަމަށް އެ ވެބްސައިޓުގައި ބުނާ އަގަކީ 879 މިލިއަން ޔޫރޯއެވެ. ޗެލްސީގެ އަގަކީ 862 މިލިއަން ޔޫރޯއެވެ. އަދި ރެއާލް މެޑްރިޑުގެ އަގަކީ 838 މިލިއަން ޔޫރޯއެވެ. ބާސެލޯނާގެ އަގަކީ 814 މިލިއަން ޔޫރޯއެވެ. މި ލިސްޓުގައި ހިމެނޭ ސްޕެއިނުގެ ހަމައެކަނި ދެ ޓީމަކީ މި ދެ ޓީމެވެ.
ދެން ލިސްޓުގައި ހިމެނެނީ 798 މިލިއަން ޔޫރޯގެ އަގަކާއެކު މެންޗެސްޓާ ޔުނައިޓެޑާއި 685 މިލިއަން ޔޫރޯގެ އަގަކާއެކު ޓޮޓެންހަމްގެ އިތުރަށް 666 މިލިއަން ޔޫރޯގެ އަގަކާއެކު އާސަނަލްއެވެ.